ނައިޖީރިއާގައި ކޮލެރާ ޖެހިގެން 2،300 އަށް ވުރެ ގިނަ މީހުން މަރުވެއްޖެއެވެ. މިއަހަރު ފެށުނީއްސުރެ މިއަދާ ހަމައަށް އެތައް ހާސް ބަޔަކަށް ބަލި ޖެހިފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ.

ނައިޖީރިއާ ފާހަގަ ކުރެވެނީ އެފްރިކާ ބައްރުގެ އެންމެ އާބާދީ ބޮޑު އެއް ގައުމުގެ ގޮތުގައެވެ. ގައުމުގެ ހާލަތު އޮންނަ ގޮތުން އެގައުމުގައި ފެނުގެ ޒަރިއްޔާއިން ފެތުރެމުންދާ ބަލިތައް ވަނީ އިތުރުވެފައެވެ. އެގައުމުގެ ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލް އިން ބުނާގޮތުގައި 5 ސެޕްޓެމްބަރު 2021 ވަނަ ދުވަހާއި ހިސާބަށް ކޮލެރާޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ 69،925 މީހުން ފެނިފައިވާ ކަމަށާއި އަދި 2،323 މަރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ނައިޖީރިއާގައި ކޮލެރާ ފެތުރެމުން ދަނީ އެހެން ފަހަރުތަކަށް ވުރެ ހަލުވިކޮށެވެ. އަދި ވޭތުވެދިޔަ ހަތަރު އަހަރާއި އަޅާބަލާއިރު، ކޮލެރާ ބަލީގައި މަރުވާ މީހުންގެ މިންވަރުވެސް މިއަހަރު އިތުުރުވެފައިވާކަން ފާހަގަ ކުރެވެއެވެ. ތަޖުރިބާކާރުން ބުނަނީ މިއަހަރު ނައިޖީރިއާގައި ކޮލެރާ ބަލި ފެތުރެމުންދާ މިންވަރު އިތުރުވެފައިވަނީ ކޮވިޑް ބަލިމަޑުކަމަށް ސަރުކާރުން ކޮލެރާއަށްދޭ ސަމާލުކަން ކުޑަވުމުގެ ސަބަބުންނެވެ.

އެހެން ބައެއް ފަރާތްތަކުން ބުނާގޮތުގައި ނައިޖީރިއާގައި ކޮލެރާ ފެތުރެން ފެށީ މޫސުމީ ބަދަލާ ހެދި އާދަޔާ ހިލާފަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުން ކަމަށެވެ.

ކޮލެރާއަކީ ފެނުގެ ޒަރިއްޔާއިން ފެތުރޭ އިންފެކްޝަނެކެވެ. މި ބަލީގައި ހޮނޑުލެވި، ބޭރަށް ހިންގާ، ހުންއައިސް ހަށިގަނޑުން ފެންހުސްވެ، އަކުނިވަޔަށް ދެމާ، ކުޑަކަމުދާތަކެތީގެ މިންވަރު މަދުވެ ކުޑަކަމު ނުދެވުން ފަދަ ކަންތައްތައް ދިމައިވެއެވެ.