ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ސްޕެއިނުގެ ވިންގާ މާކޯ އަސެންސިއޯ ވައްދާލި ހެޓްރިކާއެކު ރެއާލް މެޑްރިޑުން އަމިއްލަ ދަނޑުގައި 6-1 ގެ ނަތީޖާއަކުން މަޔޯކާ ބަލިކޮށް ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

ރޭގެ ނަތީޖާއާއެކު ރެއާލަށް ކުޅުނު ހަ މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑެވެ. ތިންވަނައިގައި އޮތީ ފަސް މެޗުން ހޯދީ 11 ޕޮއިންޓާއެކު ސެވިއްޔާ އެވެ. ހަތަރުވަނައިގައި އޮތް ވެލެންސިއާ އަށް ލިބިފައިވަނީ 10 ޕޮއިންޓެވެ.

ރެއާލްގެ ސެންޓިއާގޯ ބާނެބެއުގައި ރޭ ކުޅުނު މެޗުގެ ތިންވަނަ މިނެޓުގައި އެ ޓީމުން ލީޑްނެގީ ކަރީމް ބެންޒެމާ ކާމިޔާބުކުރި ގޯލުންނެވެ. އޭގެފަހުން، މެޗުގެ 24 ވަނަ މިނެޓުގައި އާސެންސިއޯ ވަނީ ރެއާލަށް ދެލަނޑުގެ ލީޑެއްނަގައިދީފައެވެ. އޭގެ މިނެޓެއްފަހުން، މަޔޯކާގެ ކޮރެއާ ފޯވާޑް ލީ ކަންގް-އިން ވަނީ ފަރަގު ކުޑަކޮށްދީފައެވެ. ނަމަވެސް، އޭގެ ހަތަރު މިނެޓުފަހުން އަސެންސިއޯ ވަނީ އިތުރު ގޯލެއްޖަހައި އަލުން ދެލަނޑުގެ ލީޑް ދަމަހައްޓާފައެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ 10 މިނެޓުގެ ތެރޭގައި ކުރީން މަޔޯކާ އަށް ކުޅުނު އަސެންސިއޯ ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ. މެޗު ނިމެން 12 މިނެޓަށްވެފައިވަނިކޮށް ރެއާލުން މި މެޗުގައި ޖެހި ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބެންޒެމާ އެވެ. މިއީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުގައި ބެންޒެމާ ޖެހި 8 ވަނަ ގޯލެވެ. ރެއާލުން މި މެޗުގައި ޖެހި ހަވަނަ ލަނޑު، މެޗު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ އިސްކޯ އެވެ.

ލީގުގައި ރެއާލަށް ދެން އޮތީ އަމިއްލަ ދަނޑުގައި ވިޔަރެއާލާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވާ އާދީއްތަ ދުވަހު މެންދަމު 12 ޖަހާއިރު އެވެ.