ސުޝާންތުގެ މަރަށް ފަހު މީޑިޔާއަށް ފިލައިގެން އުޅުނު ރިޔާ ޗަކްރަބަރްތީ އިއްޔެ ވަނީ މީޑީޔާއަށް އިންޓަރވިއު ދީފައެވެ. އެންމެ ދިގު އިންޓަރވިއު އެއް ދިނީ "އާޖް ތަކް" ނިއުސް އަށެވެ. ރާޖްދީޕް ސަރްދެސާއީ ރިޔާއާ ކުރި ސުވާލުތަކަށް ވަރަށް ހަމަޖެހިލައިގެން އިނދެ ރިޔާވަނީ ޖަވާބު ދީފައެވެ. ރިޔާގެ ޖަވާބަށްފަހު އެއަށް ރައްދުދީ ރާޖްދީޕް އެއްވެސް ސުވާލެއް ނުކުރެއެވެ. މި އިންޓަރވިއުގައި ރިޔާވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރޭވޭ ހުރިހާ ކުށަކުން ބަރީއަވެގެން ވާކަމަށް ފާޅުގައި ބުނެފައެވެ.

ނަމަވެސް އިންޓަރވިއުގެ ފަހުން ރާޖްދީޕް ސަރްދެސާއީ އަދި ރިޔާ އަށް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. މި އިންޓަރވިއުގައި ރިޔާ ބުނެފައިވަނީ ސުޝާންތުއަކީ ފްލައިޓުން ދަތުރުކުރަން ބިރުގަންނަ މީހެއް ކަމާ، އެހެންކަމުން ކޮންމެ ފްލައިޓެއްގެ ކުރިން ސުޝާންތު ބޭހެއް ބޭނުން ކުރާ ކަމަށެވެ. އަދި މި ބޭހަކީ ކުރިއްސުރެ ސުޝާންތުއަށް ޑޮކްޓަރަކު ލިޔެދީފައިވާ ބޭހެކެވެ. އެހެން ކަމުން ސުޝާންތު އަތުގައި މި ބޭސް އަބަދު ހުންނަ ކަމަށް ރިޔާ ހާމަ ކުރިއެވެ.

އިންޓަރވިއު މީޑީޔާއަށް ހާމަވުމާއި އެކު އޭނާގެ އާއިލާއާއި ރައްޓެހިންވަނީ، ސުޝާންތުއަކީ ފްލައިޓުން ދަތުރުކުރަން ބިރުގަންނަ މީހެއް ނޫން ކަމާ އުސް ތަންތަނުން ފުންމުން ފަދަ އެއްވެސް ކަމަކަށް ސުޝާންތު ޖެހިލުން ނުވާކަށް ހާމަކުރުމަށް ގިނަ ވީޑިއޯތަކެއް މީސް މީޑިޔާއަށް ދޫކޮށްފައެވެ. މީގެ ތެރޭގައި ސްކައި ޑައިވިންގ، ބަންޖީ ޖަމްޕް އަދި ކުދި މަތިންދާ ބޯޓު އަމިއްލައަށް ދުއްވުމުގެ ތަމްރީން ހޯދާ ވީޑިއޯވެސް ވެއެވެ. ކުރިން ސުރެވެސް މުޅި އިންޑިޔާގެ ނަފްރަތު އަމާޒުވެފައިވާ ރިޔާގެ ވާހަކަތަކަށް މި ލިބުން ރައްދުން އިތުރަށް ފަޟީހަތްވެސް އޭނާގެ ވާހަކަ ގަބޫލު ކުރާ މީހުން އިތުރަށް ވަނީ މަދުވެފައެވެ.