ކަރަބާއޯ ކަޕްގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ޗެލްސީ އާއި އާސެނަލް އަނެއް ބުރުން ޖާގަ ހޯދިއިރު، މެންޗެސްޓާ ޔުނައިޓެޑް ކަޓައިފިއެވެ.

އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުން 1-1 އިން އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން 4-3 އިން ޗެލްސީ މޮޅުވިއިރު، އާސެނަލުން ވަނީ 3-0 އިން ވިމްބަލްޑަން ބަލިކޮށްފައެވެ. ޔުނައިޓެޑުން އަމިއްލަ ދަނޑުގައި 1-0 އިން ވެސްޓް ހޭމް ޔުނައިޓެޑް އަތުން ބަލިވެ ވަނީ މުބާރާތުން ކަޓާފައެވެ.

މިއީ 2007 ވަނަ އަހަރުގެ ފަހުން އޯލްޑް ޓްރެފޯޑްގައި ޔުނައިޓެޑްގެ މައްޗަށް ވެސްޓް ހޭމުން ކުރިހޯދި ފުރަތަމަ ފަހަރެވެ. އެ ފަހަރުގެ ސީޒަނުގައި ލީގުގައި ވެސްޓް ހޭމުން ރެލިގޭޓްނުވެ ސަލާމަތްވީ އޭރު އެ ޓީމަށް ކުޅެމުންދިޔަ ފޯވާޑް ކާލޯސް ޓެވޭޒް ކާމިޔާބުކުރި ގޯލުންނެވެ. އޭގެފަހުން، ޓެވޭޒް ވަނީ ވެސްޓް ހޭމް ދޫކޮށް ޔުނައިޓެޑަށް ބަދަލުވެފައެވެ. އަދި ރޭގެ މެޗަކީ 2001 ވަނަ އަހަރުގެ އެފްއޭކަޕްގައި ޕައޮލޯ ޑި ކާނިއޯ ގެ ގޯލުން ޔުނައިޓެޑް އަތުން ވެސްޓް ހޭމް މޮޅުވިފަހުން ކަޕް މުބާރާތެއްގައި ޔުނައިޓެޑް އަތުން އެ ޓީމު މޮޅުވި ފުރަތަމަ ފަހަރެވެ.

ރޭގެ މެޗަކީ މިދިޔަ އެއް ހަފްތާ ތެރޭގައި ޔުނައިޓެޑާ ދެކޮޅަށް ވެސްޓް ހޭމް ނިކުތް ދެވަނަ ފަހަރެވެ. ލީގުގައި މިދިޔަ އާދިއްތަ ދުވަހު ވެސްޓް ހޭމްގެ ދަނޑުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 2-1 އިންނެވެ. ދެ ޓީމުން ވެސް ރޭގެ މެޗަށް ގިނަ ބަދަލުތަކާއެކު ނިކުތްއިރު، މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ނުވަވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސްޓް ހޭމްގެ އާޖެންޓީނާ މިޑްފީލްޑަރު މެނުއަލް ލަންޒީނީ އެވެ. މިއީ މިދިޔަ އެއް އަހަރުގެ ތެރޭގައި ވެސްޓް ހޭމަށް އޭނާ ޖަހައިދިން ފުރަތަމަ ގޯލެވެ.

ޔުނައިޓެޑުން ދެވަނަ ހާފުގައި ބްރޫނޯ ފެނާންޑޭސް އާއި މޭސަން ގްރީންވުޑް ކުޅެން އެރުވިނަމަވެސް ވެސްޓް ހޭމްގެ ގޯލް ބަލަހައްޓަމުންދިޔަ އަލްފޮންސޯ އަރެއޯލާ ކައިރިން ގޯލެއް ކާމިޔާބުކުރެވޭގޮތްނުވިއިރު، ވެސްޓް ހޭމަށް މެޗުގެ ނަތީޖާ ފަރަގު ބޮޑުކުރުމަށް ފަހު ފަސް މިނެޓުގައި ރަނގަޅު ފުރުޞަތުތަކެއްލިބި ވަނީ ބޭކާރުވެފައެވެ. އެ ޓީމުގެ ކެޕްޓަން މާކް ނޯބަލް އާއި އެންޑްރީ ޔާމޮލެންކޯ އަދި ޖަރޮޑް ބޮވެން ފޮނުވާލި ހަމަލާތައް ގޯލަށް އަމާޒުވާގޮތެއްނުވިއެވެ.

އާސެނަލްގެ ފޯވާޑް އަލެކްސެންޑަ ލަކަޒޭ، ޕެނަލްޓީ ސްޕޮޓްމަތީން ބޯޅަ ފޮނުވާލަނީ. --ފޮޓޯ: ޓުވިޓާ

ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ރޭ ކުޅުނު މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު އެ ޓީމުގެ ޖަރުމަން ފޯވާޑް ޓިމޯ ވާނާ ކާމިޔާބުކުރި ގޯލުން ލީޑްނަގާފައިވަނިކޮށް، އޭގެ 10 މިނެޓުފަހުން ވިލާ އަށް އެއްވަރުކޮށްދިނީ ޒުވާން ފޯވާޑް ކެމަރަން އާޗާ އެވެ. މި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި ޗެލްސީ ކުރިހޯދީ 4-3 އިންނެވެ.

މި މެޗުގައި ޗެލްސީން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ އިނގިރޭސި ފުލްބެކް ބެން ޗިލްވެލްގެ ޕެނަލްޓީ އެކަންޏެވެ. އެ ޓީމުގެ ފޯވާޑް ރޮމެލޫ ލުކާކޫ، މޭސަން މައުޓްގެ އިތުރުން ރޮސް ބާކްލޭ އަދި ރީސް ޖޭމްސް ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. ވިިލާއިން ޕެނަލްޓީ ކާމިޔާބުކުރީ އަންވަރު އެލްގާޒީ އާއި އެޒްރީ ކޮންސާ އަދި އެމީ ބުއެންޑިއާ އެވެ. އެ ޓީމުގެ އެޝްލީ ޔަންގް ފޮނުވާލި ޕެނަލްޓީ ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވިއިރު، މާވެލަސް ނަކަމްބާގެ ޕެނަލްޓީ ޗެލްސީގެ ކީޕަރު ކެޕާ އަރިއްޒަބަލަގާ މަތަކުރިއެވެ.

އިނގިރޭސި ތިންވަނަ ޑިވިޝަނުގައި ކުޅެމުން އަންނަ ވިމްބަލްޑަން ކޮޅަށް އާސެނަލުން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑުޖެހީ ދެވަނަ ހާފުގައެވެ. އެ ޓީމުން މި މެޗުގައި ޖެހި ފުރަތަމަ ލަނޑު، 11 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އަލެކްސެންޑަ ލަކަޒޭ އެވެ. މިއީ ޕެނަލްޓީއޭރިޔާތެރެއިން އެ ޓީމުގެ ބްރެޒިލް ފޯވާޑް ގެބްރިއެލް މާޓިނެއްލީ އަށް ވިމްބަލްޑަންގެ ނެސްޓާ ގިނީސް-ވޯކާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. އާސެނަލުން މި މެޗުގައި ޖެހި ދެވަނަ ލަނޑު، ލަކަޒޭގެ ޕާހަކުން އެމީލް ސްމިތު ރޯވް ކާމިޔާބުކުރިއިރު، އެ ޓީމުގެ ތިންވަނަ ލަނޑު، ބެކްހީލް ފްލިކަކުން ޖަހައިދިނީ އެޑީ އެންކެޓިއޭ އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ލެސްޓާ ސިޓީން 2-0 ގެ ނަތީޖާއަކުން މިލްވޯލް ބަލިކުރިއިރު ޓޮޓެންހަމް ހޮޓްސްޕާ ވަނީ ޕެނަލްޓީޖަހައިގެން 3-2 އިން ވުލްވްސް ބަލިކޮށްފައެވެ. މި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފައެވެ. ސްވަންސީ ސިޓީ އަތުން ބްރައިޓަން މޮޅުވީ 2-0 އިންނެވެ.