ފްރެންޗް ލީގުގައި ރޭ ރަށުން ބޭރުގައި މެޓްޒް ކޮޅަށް އަޝްރަފް ހަކީމީ ވައްދާލި ދެ ލަނޑާއެކު ޕީއެސްޖީން މުހިއްމު މޮޅެއް ހޯދައިފިއެވެ. މި މެޗުން ޕީއެސްޖީ މޮޅުވީ 2-1 އިންނެވެ.

މި ނަތީޖާއާއެކު ޕީއެސްޖީ ވަނީ މިހާތަނަށް ކުޅުނު ހަތް މެޗުން ސައްތައިން ސައްތައިގެ ރެކޯޑަކާއެކު އެއްވަނައިގައި ހަތް ޕޮއިންޓްގެ ލީޑެއްނަގާފައެވެ. ދެވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެން 14 ޕޮއިންޓާއެކު އޮލިމްޕިކް މާސޭ އެވެ. ތިންވަނައިގައި އޮތް އޭންޖާސް އާއި ހަތަރުވަނައިގައި އޮތް ލެންސް އަށް ލިބިފައިވަނީ 12 ޕޮއިންޓެވެ. އޭންޖާސް އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.

ރޭގެ މެޗަށް ޕީއެސްޖީ ނިކުތީ ލީގުގައި އެންމެ ފަހުން ލިޔޯންއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ނުލައެވެ. އެ މެޗުގައި މެސީގެ ކަކުލަށް ވަނީ އަނިޔާވެފައެވެ. އެހެންކަމުން، ލީގުގައި އެ ޓީމަށް މޮންޓްޕެލިއޭއާ ދެކޮޅަށް އޮތް މެޗުގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެވޭނެކަމާމެދު އޮތީ ސުވާލު އުފެދިފައެވެ.

މެޓްޒްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޕީއެސްޖީން ލީޑްނެގީ ފަސްވަނަ މިނެޓުގައި ހަކީމީ ކާމިޔާބުކުރި ގޯލުންނެވެ. ރެފްރީ މި ލަނޑު ގަބޫލުކުރަން ނިންމީ ގޯލް ލައިން ޓެކްނޮލޮޖީގެ އެހީ ހޯދައިގެންނެވެ. އޭގެފަހުން، ފުރަތަމަ ހާފު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް މެޓްޒް އަށް އެއްވަރުކޮށްދިނީ ބޫބަކަރް ކުޔާޓޭ ބޮލުން ވައްދާލި ލަނޑުންނެވެ. މި ބޯޅަ ހުއްޓުވުމަށް ޕީއެސްޖީގެ ކީޕަރު ކޭލޯ ނަވާސް އަށް މާބޮޑު ކަމެއް ނުކުރެވުނެވެ.

ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ އިތުރުވަގުތުގެ ކުރީކޮޅު މެޓްޒްގެ ކެޕްޓަން ޑިލަން ބްރޮން އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން އޭގެ ފައިދާނަގައި މެޗުގެ ފަހުކޮޅު ހަކީމީ ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ ބްރެޒިލް ތަރި ނޭމާ ދިން ޕާހަކުން ހަކީމީ ކާމިޔާބުކުރި ގޯލެކެވެ.