އެމެރިކާގެ ރައީސް ޖޯއީ ބައިޑެން އަށްވުރެ އެގައުމުގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް އޮތް ތާއީދު އިތުރުވެފައިވާކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

މިދިޔަ އަހަރު ބޮޑު ތާއިދަކާއި އެކު ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި ބައިޑެން އަށް އޮތް ތާއީދު ދަށްވެފައިވާ ކަން އެނގުނީ ހާވާޑް/ހެރިސް ޕޯލްގައެވެ.

ބައިޑެން އަށް އެމެރިކާ ރައްޔިރުންގެ ތާއީދު ގެއްލުމަށް ދިމާވި ސަބަބަކީ އަފްޣާނިސްތާނުން އެމެރިކާ ސިފައިން ފޭބުމަށް އެންގުމާ ގުޅިގެންނާއި މެކްސިކޯ ކައިރިން މެދު ދެކުނު ބޯޑަރު ސަރަހައްދުގައި ހިނގާ ހަމަނުޖެހުންތަކާ ގުޅިގެންނެވެ.

މި ޕޯލަކީ އެމެރިކާގެ މަޝްރަހު ވަރަށް ސާފުކޮށް ފެންނަ ޕޯލެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. އަދި މިއީ އެމެރިކާގައި މަޝްހޫރު ޕޯލެކެވެ.

އެމެރިކާގެ މިހާރުގެ ސަރުކާރަށް އޮތް ތާއީދު ދުވަހުން ދުވަހަށް ދަށްވަމުންދާ އިރު ދާދިފަހުން އަފްޣާނިސްތާންގައި އައިއެސް އަށް ހަމަލަދޭން ކަމަށް ބުނެ އެމެރިކާ އިން ޑްރޯން ހަމަލައެއް ދީ ކުށެއް ނެތް ބަޔަކު މަރުވުމުން އެ މައްސަލަ ވެސް ވަނީ ހޫނުވެފައެވެ. އަދި މިމައްސަލައާ ގުޅިގެން އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައި ވެއެވެ.

ބައިޑެންގެ ތާއީދު ގެއްލެމުންދާ އަދިވެސް އިތުރު އެތައް ސަބަބުތަކެއް ވާކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރޭގައި މީޑިއާތަކަށް ހާމަ ނުވާ ކިތަންމެ ކަމެއް ވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.