ސައޫދީ އަރަބިއްޔާގައި ސަލާން ޖަހާ މީހުން، އެއް އަހަރަށް ޖަލަށްލުމަށާއި އެއް ލައްކަ ރިޔާލުން ޖޫރިމަނާ ކުރެވޭ ގޮތަށް އެކުލަވައިލި ގާނޫނު އެ ގައުމުގެ ވަޒީރުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އެ ގާނޫނުގައި ބުނާ ގޮތުން، ސައޫދީ އަރަބިއްޔާގެ އެއްވެސް ސަރަހައްދެއްގައި ސަލާން ޖަހައިފި ނަމަ، ނުވަތަ ސަލާން ޖެހުމަށް އެހީތެރިވެދީފި ނަމަ، ނުވަތަ ބަޔަކު ލައްވައި ސަލާން ޖަހުވައިފި ނަމަ، ނުވަތަ ވިޔަފާރީގެ އުސޫލުން ބަޔަކު ލައްވައި ސަލާން ޖަހުވާ ނަމަ، އެކަން ކުރި މީހަކު ނުވަތަ ބަޔަކު ކުރި ކުށުގެ ކުޑަބޮޑުމިނަށް ބަލައި، އެއް އަހަރަށް ޖަލަށް ލުމާއެކު، އެއް ލައްކަ ރިޔާލުން ޖޫރިމަނާ ކުރެވޭނެ އެވެ.
ސައޫދީ އަރަބިއްޔާގައި ސަލާން ޖެހުމުގެ ކަންތައް އިތުރުވަމުން ދިއުމަށް ހުއްޓުމެއް ގެނައުމުގެ ގޮތުން ފާސްކުރި މި ގާނޫނު ބުނާ ގޮތުން، ސަލާން ޖެހުމުގެ ކުށަށް، މި ގާނޫނުގައި ބުނާ އަދަބު ދެވޭނީ، ސަލާން ޖަހަނިކޮށް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ހައްޔަރުކުރެވޭ މީހުންނަށެވެ. ސަލާން ޖެހުމުގެ ކުށުގައި މީހުން ހިފައި ހައްޔަރު ކުރުމުގެ ބާރު މި ގާނޫނުން ދީފައިވަނީ އެގައުމުގެ ދާހިލީ ވުޒާރަށެވެ.
އެގައުމުގައި ސަލާން ޖަހާ މީހުންގެ ގިނަ ބަޔަކު ތިބެނީ މައްކާގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. މައްކާގެ ހަރަމްފުޅުގެ އެތެރޭގައިވެސް ސަލާން ޖަހާ މީހުން މަދެއް ނޫނެވެ.
