އަންހެނުންނީ ކޮންމެ މަހެއްގައި ބޮޑު ތަކުލީފެއް އުފުލާބައެކެވެ. އެމީހުންގެ ހަށިގަނޑުގެ ނިޒާމު ތަރުތީބުވެފައި ހުންނަ ގޮތުން މައްސަރުކަންތަކާއި އަންހެނުން ކޮންމެ މަހަކުމެ ކުރިމަތިލާން ޖެހެއެވެ. ބައެއް މީހުންނަށް މިއީ ވަރަށް އާދައިގެ ކަމަކަށް ވެދާނެއެވެ. އެހެން ނަމަވެސް މި ކަމުގެ ސަބަބުން ދަށްބަނޑުކޮޅުގައި އިންތިހާއަށް ރިހުން އުފެދޭ މީހުން މަދެއް ނޫނެވެ.

މިފަދައިން ރިހޭ ރިހުމުގެ ސަބަބުން ބައެއް މީހުންނަށް ހެލިފެލިވެ އުޅެން ދަތިވާ ހާލަތްތައްވެސް އާދެއެވެ. މިފަދައިން ރިހެން ނުވަތަ ތަދުވާން ދިމާވަނީ ރަހިމުގެ މަސްތަށް ކޮންޓްރެކްޓް ނުވަތަ ހަރުވެ ކުރުގެޅޭތީއެވެ. މިކަން މެދުވެރިވަނީ ހޯމޯނުތަކުގެ ސަބަބުންނެވެ.

މިފަދައިން ހުންނަ ތަދަށް ނުވަތަ ރިހުމަށް ޕީރިއަޑް ޕެއިން ނުވަތަ ޕީރިއަޑް ކްރޭމްޕްސް އޭ ކިޔައެވެ. ބައެއް މީހުން މިކަމުގެ ހައްލެއްގެ ގޮތުން ބޭސް ބޭނުން ކުރެއެވެ. ފަހަރުގައި އާދަވެ މިފަދައިން ބޭސް ބޭނުން ކުރުމަކީ ބޭހަށް މީހާ ހޭނި، އަދި އިތުރު އެހެން އުނދަގޫތައްވެސް ކުރިމަތިވެދާނެ ކަމެކެވެ. އެހެން ކަމުން ބޭސް ބޭނުން ނުކޮށް މައްސަރު ރިހުން ލުއިކޮށްދޭނޭ ދެތިން ކަމެއް މިލިޔުމުގައި ހިމަނަލާނަމެވެ.

އާދަވެ ކަސްރަތު ކުރާނަމަ، މައްސަރުކަންތައް ދިމައިވުމުން ދަށްބަނޑުގައި ރިހޭ ރިހުން ލުއިވާނެއެވެ. މިހެން މިކަން ދިމާވަނީ އާދަވެ ކަސްރަތު ކުރާނަމަ ލޭހޮޅިތަކުގެ ހިނގުން ފަހިވާތީއެވެ. އެގޮތަށް ލޭހޮޅިތަކުގެ ހިނގުން ފަހި ނަމަ، ރަހިމުގެ މަސްތައް އެހާބޮޑަށް ހަރުވެ ކުރުގެޅޭ ގޮތެއް ނުވާނެއެވެ.

ދަށްބަނޑުކޮޅުގައި ރިހޭނަމަ، ތާފަނާ ފެނުން މާލިސް ކުރެވިދާނެއެވެ. ނުވަތަ ތާފަނާ ފެން އަޅާ ޒާތުގެ ވޯޓާ ބޭގަކަށް ފެން އެޅުމަށްފަހު ތުވާއްޔެއް އުޅާލުމަށްފަހު ދަށްބަނޑުކޮޅުގައި ބޭއްވިދާނެއެވެ. ނުވަތަ އުނަގަނޑު ދަށަށް ލެވިދާނެއެވެ. މިފަދައިން ހޫނުކަން އިހުސާސް ކުރެވުމުން ލޭހޮޅިތަށް ފުޅައިވާނެއެވެ. މިއަށް ވާސޯޑައިލޭޝަންއޭ ކިޔައެވެ. ލޭހޮޅިތައް ފުޅައިވުމުން ލޭހޮޅިތަކުގެ ހިގުން ފަހިވެއެވެ. އޭރުން އިސްވެ ދެންނެވުނުހެން ރަހިމުގެ މަސްތައް އެހާބޮޑަށް ހަރުވެ ކުރުގެޅޭކަށް ނުޖެހޭނެއެވެ.

ރަހިމުގެ ވަށައިގެން އެހެން ބައިވަރު ގުނަންތަކާއި މަސްތަކެއް ވާނެއެވެ. މި މަސްތަަކަށް ޕެލްވިކް މަސަލްސްއޭ ކިޔައެވެ. މި މަސްތަކަށް ވާންވެލުމުން ރަހިމަށް ލުއިކަމެއް އިހުސާސް ކުރެވޭނެއެވެ. އެހެންކަމުން އެނދުގައި އަރިއަކަށް އޮށޯވެ، ދެ ކަކޫ ކުރުކޮށްލާ މެއާއި ދިމާލަށް ގާތްކޮށްލުމަށްފަހު އޮވެލާށެވެ. މިގޮތަށް ހެދުމުން ޕެލްވިކް މަސަލްސް އަކަށް ވާން ޖެހެއެވެ. ހަމަ މިގޮތަށް އުޑުފައިން އިށީނދެގެންވެސް އިނދެވިދާނެއެވެ. އެހެން ނަމަވެސް އިށީންނަ ނަމަ، ބިތެއްގައި ބުރަކަށި ޖެހޭނޭހެން އިށީނުން ރަނގަޅެވެ.

އިސްވެ ދެންެނެވުނު ކަންކަމަކީ ބޭހަކާއި ނުލާ މައްސަރު ރިހުން ލުއިކޮށްދިނުމަށް އެހީވެދޭނޭ ކަންތައްތަކެކެވެ. އެހެންނަމަވެސް މިއީ 100 އިންސައްތަ މުޖައްރިބު ކަންތައް ތަކެއް ނޫނެވެ. އެހެނަސް އެކަމަށް އެހީތެރިވެދޭ މުހިންމު ކަންތައް ތަކެކެވެ.