އިންސާނާގެ ހަށިގަނޑުގައި ވާ ގުނަވަންތަކުގެ ތެރެއިން ޕެންކްރިއޭސް ނުވަތަ ޗިސްމޭއަކީ އެއާއި ބެހޭގޮތުން މާގިނަ ވާހަކަތަކެއް އަޑު ނީވޭ ގުނަވަނެކެވެ. އެހެން ނަމަވެސް ޗިސްމެއަކީ ހަށިގަނޑުގައި ވަރަށް މުހިންމު ދައުރެއް ނުވަތަ ދައުރުތަކެއް އަދާކުރާ ގުނަވަނެކެވެ.

ޗިސްމެއިން އުފައްދާ ހަޖަމުގެ ޖޫސް ނުވަތަ ޗިސްމޭ ޖޫހަކީ ޗިސްމެއިން އުފައްދާ ދިޔަވަރެކެވެ. މި ދިޔަވަރުގައި ހިމެނެނީ އެންޒޭމްސް ތަކެކެވެ. މިއީ ހަށިގަނޑުގެ ހަޖަމުގެ ނިޒާމުގެ ތަރުރީބުގައި އުނި ނުވާ އަދަދެކެވެ. މި ދިޔަވަރު ޗިސްމޭގެ ޑަކްޓުތަކުގައި ޖަމާވެ ހުރުމަށްފަހު ކުޑަގޮހޮރު ފެށޭ ހިސާބަށް އެކަމަށް ހާއްސަ "ހޮޅި" އަކުން ފޮނުވައިދެއެވެ. ކޮންމެ ދުވަހެއްގެ މައްޗަށް އެވަރެޖު އިންސާނެއްގެ ޗިސްމެއިން މީގެ 8 އައުންސް ދިޔަ ނުވަތަ ޖޫސް އުފައްދައެވެ.

މި ދިޔަވަރުގެ ތެރޭގައި ހިމެނެނީ މައިގަނޑު ތިން އެންޒޭމެކެވެ. އެއީ ލިޕޭސް، ޕްރޮޓިއޭސް އަދި އަމިލޭސްއެވެ. މީގެ ތެރެއިން ލިޕޭސް އަކީ ކާތެތީގައި ހުންނަ ފެޓުގެ ބާވަތްތައް ނުވަތަ ތެލުގެ ބާވަތްތައް ހަޖަމު ކޮށްދިނުމަށް އެހީތެރިވާ އެންޒޭމެކެވެ. ޕްރޮޓިއޭސް އަކީ ޕްރޮޓީން ހަޖަމު ކޮށްދިނުމަށް އެހީތެރިވެދޭ އެންޒޭމެކެވެ. އަދި ގޮހޮރުގެ ދުލިފަށް ޖަރާސީމުން ރައްކާތެރިކޮށްދިނުމަށްވެސް މި އެންޒޭމް އެހީތެރިވެދެއެވެ. މި ދިޔަވަރުގައި ހުންނަ އަމިލޭސް އަކީ ހަކުރު ހަޖަމު ކުރުމާއި ހަކުރު ހަކަތައިގެ ގޮތުގައި ޖަމާ ކޮށްދިނުމަށް އެހީތެރިވެދޭ އެންޒޭމެކެވެ.

ޗިސްމެއިން އުފައްދާ މި ދިޔަވަރުގެ އިތުރުން ޗިސްމެއަކީ ވަރަށް މުހިންމު ތިން ހޯމޯނުވެސް އުފައްދާ ގުނަވަނެކެވެ. ކުރިން ދެންނެވި ދިޔަވަރަކީ ހަޖަމުގެ ނިޒާމަށް ފޮނުވައިދޭ ދިޔަވަރެކެވެ. ނަމަވެސް މި ހޯމޯނުތަކަކީ ލޭގެ ތެރެއަށް ފޮނުވައިދޭ ހޯމޯނުތަކެކެވެ. މި ހޯމޯނުތަކުގެ ތެރޭގައި އިންސިއުލިން، ގުލްކާގޮން އަދި ގެސްޓަރިން އާއި އެމައިލިން ހިމެނެއެވެ. އިންސުލިން އަކީ ހަކުރުން ހަކަތައިގެ ގޮތުގައި ޖަމާކުރާ ބައި ހަކަތައަށް ބަދަލުކޮށްދޭ ހޯމޯނެވެ. މި ހޯމޯނު ނުއުފައްދާނަމަ ނުވަތަ މަސައްކަތް ނުކުރާނަމަ، ލޭގެ ތެރޭގައި ހުންނަ ހަކުރުމިންވަރު އިތުރުވެ ހަކުރު މައްޗަށްދާގޮތް ދިމާވެއެވެ. ގުލްކާގޮން މަސައްކަތް ކުރަނީ އިންސުލިން އާއި ދިމާ އިދިކޮޅަށެވެ. އެހެނީ މި ހޯމޯނަކީ ލޭގެ ތެރޭގައި ހަކުރު ގިނަކޮށްދޭ ހޯމޯނެކެވެ. ނަމަވެސް މި ހޯމޯނު މަސައްކަތް ކުރާނީ ލޭގެ ތެރެއިން ހަކުރު އިންތިހާއަށް މަދުވުމުންނެވެ. ގުލްކާގޮންގެ ސަބަބުން ޖަމާކޮށްފައި ހުންނަ ހަކުރު ލޭގެ ތެރެއަށް ފޮނުވައިދެއެވެ. މިއީ ވަކި ހާއްސަ ހާލަތެއްގައި މަސައްކަތްކުރާ ހޯމޯނެކެވެ. ޗިސްމެއިން އުފައްދާ ހޯމޯނުތަކުގެ ތެރެއިން ގެސްޓަރިން އާއި އެމައިލިން އަކީ މައިދާގެ އެސިޑުކަން ހިފަހައްޓައިދިނުމަށް އެހީތެރިވެދޭ ހޯމޯނެވެ. އަދި ބަނޑުހައިވެ ބަނޑު ނުވަތަ މައިދާ ހިނދޭ ވަގުތު، މައިދާގެ ތެރޭގައި ވައި އުފެއްދުމަށް މި ހޯމޯނު އެހީތެރިވެދެއެވެ. މިއީ މައިދާގެ މަސްތައް ރައްކާތެރިކޮށް ބެހެއްޓުމާއި ބަނޑުގައިކަމުގެ އިހުސާސް ކުޑަކޮށްދޭނޭ ކަމެކެވެ.

އިންސާނާގެ އަތްތިލަ ވަރުގެ މި ޗިސްމެއަކީ ކޮންމެ އިންސާނެއްގެ ހަށިގަނޑުގައި މުހިންމު ދައުރެއް އަދާކުރާ ގުނަވަނެކެވެ. މި ގުނަވަނުން އަދާކުރާ އެންމެ މަސައްކަތަކަށް ނުވަތަ އުފައްދާ އެންމެ ހޯމޯނެއް ނުވަތަ އެންޒޭމަކަށް އަސަރު ކުރި ނަމަވެސް ހަށިގަނޑުގެ ހިނގުމުގެ ތަރުތީބަށް ބުރޫއެއް އަރާނެއެވެ. އެހެން ކަމުން ޗިސްމޭގެ ދުޅަހެޔޮކަން ކަށަވަރު ކުރިމަކީވެސް ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެކެވެ.