އިންޑިއާގެ އައްސާމް އަވަށުގައި، އެއަވަށުގެ ފުލުހުންގެ ކުރިމަތީގައި މުސްލިމަކު މަރާލައި، އެ މީހާގެ ހަށިގަނޑު މަތީގައި މީހަކު ފުންމާ ވީޑިއޯއެއް މީސް މީޑިއާގައި އާންމު ވެއްޖެއެވެ.
މި ވީޑިއޯގައި އެންމެ ފުރަތަމަ ވެސް ފެންނަނީ ފުލުސް އޮފިސަރުން ބަޑި ޖަހަމުންދާ މަންޒަރެވެ. އަދި ފުލުހުންގެ ސަފާއި ދިމާއަށް ދަނޑިބުރިއެއް ހިފައިގެން ހުރި މީހަކު ދުއްވައިގަންނަ މަންޒަރު ދައްކާލައެވެ. ފުލުހުންގެ ސަފާއި އެމީހާ އަރާ ހަމަވުމުގެ ކުރިން ބަޑީގެ ހަމަލާއެއް އޭނާއަށް އަމާޒުވިއެވެ. ވަޒަން އެރުމާއެކު، އެ މީހާ ބިމަށް ވެއްޓޭ މަންޒަރު ވީޑިއޯއިން ފެނިގެންދެއެވެ.
އެ މީހާ ވެއްޓުމާއެކު ހަތިޔާރު އަޅައިގެންތިބި ފުލުހުންތަކެއް އޭނާ ވަށައިގެން އެއްވެ، މުގުރުން އޭނާގެ ހަށިގަނޑުގައި ތަޅާ ހެދިއެވެ. އަދި ފުލުހުން އެމީހާގެ ހަށިގަނޑާއި ދުރަށް ދިޔައިރު، އެމީހާ އެއްވެސް ހަރަކާތެއް ނެތެވެ. އެ ވީޑިއޯއިން ފެނިގެން ދާގޮތުގައި ކެމެރާއެއް ހިފައިގެން ހުރި މީހަކު އެ މުސްލިމް މީހާގެ ހަށިގަނޑަށް ހަމަލާދެއެވެ.
ބައިޖޭ ބޯނިއާ ނަމަކަށް ކިޔާ މި ކެމެރާމަނު ވަނީ މަރުވެފައިވާ މީހާގެ މޭމައްޗަށް ފައިން އަރައިފައެވެ. މި ވީޑިއޯ އިންޑިއާގެ ސިޔާސީ މައިދާނުގައާއި ދުނިޔޭގެ މީޑިއާތަކުގައި ވެސް އާންމުވިއެވެ.
ގިނަބައެއްގެ ޝަކުވާއާއި ކަންބޮޑުވުމުގެ ސަބަބުން އެ ކެމެރާމަނު ވަނީ ހައްޔަރުކޮަށްފައެވެ. އިންޑިޔާގައި މިފަދަ ލާއިންސާނީ އަމަލުތައް ތަކުރާރުވަމުންދާއިރު އެގައުމުގެ ފުލުހުންނާއި ސިފައިގެން މާބޮޑު ޝައުގުވެރިކަމެއް މިފަދަ ޢަމަލުތަކަށް ނުހުންނަ ކަމަށް މީޑިއާތަކުން ފާހަގަކޮށްފައި ވެއެވެ.
