ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ފަހުވަގުތު ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވައްދާލި ލަނޑާއެކު ވިޔަރެއާލް އަތުން 2-1 އިން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެއެވެ.

ރޭގެ ނަތީޖާއާއެކު ޔުނައިޓެޑަށް ކުޅުނު ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެއްވަނައިގައި އޮތީ ރޭ އަމިއްލަ ދަނޑުގައި ޔަންގް ބޯއީސް އަތުން 1-0 އިން ހޯދީ މޮޅާއެކު އެޓަލާންޓާ އެވެ. ޔަންގް ބޯއީސް އަށް ވެސް ތިން ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް ވިޔަރެއާލަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ވިޔަރެއާލަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތަކެއްލިބި ބޭކާރުވެފައެވެ. އެގޮތުން، އެ ޓީމުގެ ނެދަލެންޑްސް ވިންގާ އާނައުޓް ޑަންޖޫމާ ފޮނުވާލި ދެ ހަމަލާއެއް ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެ ހެއާ މަތަކުރިއިރު، ސްޕެއިނުގެ ފޯވާޑް ޕަކޯ އަލްކަސާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ވެސް ޑެ ހެއާ އެވެ. އަދި އޭގެފަހުން، ޔުނައިޓެޑްގެ ފުލްބެކް ޑިއޯގޯ ޑަލޮޓް އަތުން ގެއްލުނު ބޯޅައެއް ހޯދައިގެން އެޓިއެން ކަޕޫއޭ ހުސްކޮށްލާފަ ދިން ބޯޅައެއް ރަފައެލް ވަރާން ދިފާއުކުރަން އުޅުމުގެ ތެރޭގައި ރަނގަޅަށް ކޮންޓްރޯލް ނުކުރެވުމުން އަލްކަސާ އަށް ލިބުނު ބޯޅަ ފޮނުވާލުމުން ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ 8 ވަރަކަށް މިނެޓުގެ ތެރޭގައި ވިޔަރެއާލުން ލީޑްނެގީ ވާތްފަރާތުން ޑަންޖޫމާ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ގޯލްގެ ތެރެއަށް ފޮނުވާލައިގެން އަލްކަސާ ކާމިޔާބުކުރި ގޯލުންނެވެ. އޭގެ ހަތް މިނެޓުފަހުން، ޔުނައިޓެޑްގެ ޕޯޗުގަލް މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް ނަގައިދިން ހިލޭޖެހުމަކުން އެ ޓީމަށް އެއްވަރުކޮށްދިނީ އަލެކްސް ޓެލޭސް އެވެ. މިއީ ޕެނަލްޓީއޭރިޔާ ބޭރުން އެއް ފަހަރުން ވޮލީއަކުން ގޯލްގެ ދުރުކަނަށް އަމާޒުކޮށްލައިގެން ޓެލޭސް ކާމިޔާބުކުރި ރީތި ގޯލެކެވެ. މި މެޗުން ޔުނައިޓެޑް މޮޅުވި ލަނޑު، އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ ރޮނާލްޑޯ އެވެ. މިއީ ފަހު ހާފުގައި ކުޅެން ނިކުތް އިނގިރޭސި މިޑްފީލްޑަރު ޖެސޭ ލިންގާޑް ދިން ބޯޅައަކުން ރޮނާލްޑޯ ކާމިޔާބުކުރި ގޯލެކެވެ.

މި މެޗަކީ ރޮނާލްޑޯގެ ކެރިއަރުގައި ޗެމްޕިއަންސް ލީގުގައި ކުޅުނު 178 ވަނަ މެޗެވެ. މިއާއެކު، ރޮނާލްޑޯ ވަނީ މި މުބާރާތުގެ ތާރީޚުގައި އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މީގެއިތުރުން، މި މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ގޯލްޖެހުމުގެ ރެކޯޑް އޮތީ ވެސް ރޮނާލްޑޯ އަތުގައެވެ. ރޮނާލްޑޯ ވަނީ 136 ލަނޑުޖަހާފައެވެ.

މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި ޔުނައިޓެޑްގެ މައްޗަށް ފުރަތަމަ މެޗުގައި ކުރިހޯދި ޔަންގް ބޯއީސް ވަނީ އެޓަލާންޓާގެ ދަނޑުގައި 1-0 އިން ބަލިވެފައެވެ. މި މެޗުގެ ހަމައެކަނި ލަނޑު، ދެވަނަ ހާފުގެ ކުރީކޮޅު ކާމިޔާބުކޮށްދިނީ އިޓަލީގެ މިޑްފީލްޑަރު މަޓެއޯ ޕެސީނާ އެވެ.