ދިވެހި ރާއްޖެއަކީ މޫސުމީގޮތުން ބަލާއިރު ހޫނު ގައުމެކެވެ. ދިވެހިންވެސް އަމުދުން މި ހޫނަށް ފަރިތައެވެ. ނަމަވެސް ބައެއް ފަހަރު ބައެއް މީހުންނަށް ދިމާވާ އެއް މައްސަލައަކީ އަވީގައި އުޅުމުގެ ސަބަބުން ހަންގަނޑު އެނދުމެވެ. ނުވަތަ "ސަން ބަރން" ވުމެވެ. މިއީ ބައެއްފަރަށް ވަރަށް ދިލަ ތަދެއް އިހުސާސް ކުރުވާ ކަމެކެވެ. މި ލިޔުމުގައި މި ބަލައިލަނީ އަވިން ހަންގަނޑު އެނދުމުން ކުރަންވީ ކަންތަކާއި ނުކުރަންވީ ބައެއް ކަންތައްތަކަށެވެ.

އަވިން ހަންގަނޑު އެނދުމުން ހަންގަނޑު ރަތްވެ އުފުލާ އަދި ކުދި ބިހިތަކެއްވެސް ނަގާފާނެއެވެ. މިއީ އަވީގައި ގިނަ ވަގުތު ހޭދަކުރުމުން ދިމާވާ ކަމެކެވެ. މިފަދައިން ދިމާވެއްޖެ ނަމަ ވީ އެންމެ އަވަހަކަށް އަވިން ރައްކާތެރިވާން ޖެހޭނެއެވެ. ހިޔަލެއްގެ ދަށަށް ދާން ޖެހޭނެއެވެ. އެއަށްފަހުގައި ފިނި ފެނުން އަނދާފައިވާ ހަންގަނޑު ދޮވެލާނީއެވެ. މިގޮތައް ދޮންނަ އިރު އަތް އުނގުޅާ ހަދައިގެން ނުވާނެއެވެ. ރީތިކޮށް އޮހޮރޭނޭހެން ފެން އޮއްސާލާނީއެވެ. އޭގެ ފަހުގައި ތުވާއްޔަކުން ފެން ހިއްކާލާށެވެ. ފެން ހިއްކާ އިރުގައިވެސް ކާތައިގެން ނުވާނެއެވެ. މަޑުމަޑުން އޮބާލަމުން ފެން ހިއްކާލާށެވެ. ރީއްޗަށް ފެން ހިއްކާލާ ނިމުމުން، ސަންބާން ކްރީމެއް އުނގުޅާލާށެވެ. އެފަދަ ކްރީމެއް ނެތް ނަމަ އަލޯވެރާ ދިޔަކޮޅެއް ވެސް ފުދޭނެއެވެ. ނުވަތަ ޒައިތޫނި ތެޔޮފޮދެއްވެސް އެންމެ ރަނގަޅެވެ. މިފަދަ އެއްޗެއް އުނގުޅާލުމަށްފަހު ހާމައަށް ދޫކޮށްލާށެވެ. ދެވަނަ ފަހަރަށް އަތްވަށް ނުކުންނަނަމަ ހާމައަށް ދޫކޮށްލި ސަރަހައްދު ނިވާކުރަން ހަނދާންބަހައްޓާށެވެ.

ދެން އޮތީ ކުރުން އެންމެ މުހިންމު ކަންތަކެވެ. އެއީ ގިނައިން ފެން ނުވަތަ ދިޔައި ތަކެތި ބުއިމެވެ. އެހެނީ އަވީގެ ސަބަބުން މީހާގެ ހަށިގަނޑުން ފެންދަމައިގަނެފައި ހުރެދާނެތީއެވެ. ފެންދަމައިގަނެފައި ހުރި ނަމަ އިތުރު އެހެން މައްސަލަތައް ދިމާވެދާނެއެވެ. އެހެން ކަމުން އަބަދުވެސް "ހައިޑްރޭޓް" ވެ ހުރުމަށް ގިނައިން ދިޔާތަކެތި ބުއިން މުހިންމެވެ.

އަވިން ހަންގަނޑު އެނދުމުން ކުރުން އެދެވިގެން ނުވާ ބައެއް ކަންތައް އެބަހުއްޓެވެ. އޭގެތެރޭގައި އެހެން ދިމާވެފައިވާ ސަރަހައްދެއް ފެނުން ދޮވެނުލާ އެއްވެސް އެއްޗެއް ހަންގަނޑުގެ މަތީގައި އުޅުމަކީ އެދޭ ކަމެއް ނޫނެވެ. ހަމައެއާއި އެކު އަނދާފައި ހުންނަ ތަނެއްގައި ގަނޑުފެން އޮބުން ނުވަތަ ޖެއްސުމަކީވެސް އޭގެ ސަބަބުން ހަންގަނޑަށް އިތުރު ގެއްލުން ލިބިދާނޭ ކަމެކެވެ. މީގެ އިތުރުން ހަނގަނޑު ކެހުމާއި ނަގާފައި ހުންނަ ބިހި ގޮއްވާ ހެދުމަކީވެސް ކޮށްގެން ވާނޭ ކަމެއް ނޫނެވެ. އެހެނީ އޭގެ ސަބަބުން އިތުރު ފާރުތަކެއް އުފެދި ފަސޭހަވުން ލަސްވެދާނެތީއެވެ.

މި ހިއްސާކޮށްލެވުނު މައުލޫމާތު ތަކަކީވެސް ދިވެހި ރާއްޖެފަދަ ހޫނުގަދަ ގައުމެއްގެ ރައްޔިތުންނަށް ފައިދާކުރަނިވި މައުލޫމާތުކޮޅެް ކަމުގައި އުންމީދު ކުރަމެވެ. ކޮންމެ މީހަކީވެސް މިފަދަ ހާލަތްތަކުގައި ކަންކުރަންވީ ގޮތް އެނގިފައި ތިބި ހޭލުންތެރި ބަޔަކަށްވުން ވަރަށްވެސް މުހިންމެވެ.