އައިސްލޭންޑުގެ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އަންހެނުން ހޯދައިފިއެވެ.

އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ 63 މެންބަރުން 33 މެންބަރުންނަކީ އަންހެން މެންބަރުންނެވެ. މިއީ އެގައުމުގައި ބޭއްވި އިންތިހާބުގެ ނަތީޖާއެވެ. އެއީ ގާނޫނު ހަދާ މަޖިލީހުގެ %52 މެންބަރުންނެވެ. މިއީ ޔޫރަޕްގެ ގައުމެއްގެ ގާނޫނު ހަދާ މަޖިލީހުގައި ފިރިހެނުންނަށް ވުރެ އަންހެނުން އިތުރުވި ފުރަތަމަ ފަހަރުކަމަށް ރިޕޯޓުތައް ބުނެއެވެ.

ވޯލްޑް އިކޮނަމިކް ފޯރަމް އިން މިއަހަރުގެ މާޗް މަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ގައުމުގެ ސިޔާސަތުތައް ކަނޑައަޅާ ހިސާބުގައި ޖިންސުގެ ފަރަގު އެންމެ ކުޑަ އެއް ގައުމަކީ އައިސްލޭންޑު ކަމަށެވެ.

އައިސްލޭންޑްގެ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު މިފަހަރު ވެސް ނެގީ ވެރިކަން ކުރާ ޕާޓީންނެވެ. އެގައުމުގެ ބޮޑުވަޒީރަކީ ވެސް އަންހެން ބޭފުޅެކެވެ. އެއީ ކެޓްރީނާ ޖަބޮކްސް އެވެ.

އައިސްލޭންޑުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ކަމަށް މިފަހަރު ހޮވިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ލެޔާ ޓަހާ އަކީ ފާގަކޮށްލެވޭ މެންބަރެކެވެ. އޭނާ އަކީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ތާރީހުގައި ވެސް ހޮވުނު އެންމެ ހަގު މެންބަރެވެ. އޭނާގެ އުމުރަކީ 21 އަހަރެވެ.