އިންޑިޔާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީގެ އުފަންދުވަހާއި ދިމާކޮށް އެގައުމުގައި 24 ގަޑި އިރުގެ ތެރޭގައި 25 މިލިއަން މީހުންނަށް ކޮވިޑް ވެކްސިން ދިން ކަމަށް އެގައުމުން ވަނީ ހާމަކޮށްފައެވެ. މި ހަބަރުވެގެން ދިޔައީ ދުނިޔޭގެ އެތައް ސިއްހީ މާހިރުންނެއްވެސް ހައިރާން ކުރުވި ހަބަރަކަށެވެ. ނަމަވެސް އެކަމާއި ގުޅިގެން މިހާރު ތަފާތު އަޑުތައް އިވެން ފަށައިފިއެވެ.

އެއީ ފޭކު ސެޓުފިކެޓުތަކެއް ހަދާ އަދަދު އިތުރު ކުރި ކަމުގެ އަޑުތަކެކެވެ. އެގައުމުގެ މަދްޔަ ޕްރަދޭޝްގެ ބައެއް ރައްޔިތުން ބުނާގޮތުގައި އެމީހުންގެ ގޭގައި ތިއްބާ ބަޔަކު މީހުން އައިސް ސެޓުފިކެޓެއް ދިން ކަމަށެވެ. އެއީ މޯދީގެ އުފަންދުވަހު ވެކްސިން ޖަހާފައިވާ ކަމުގެ ސެޓުފިކެޓެކެވެ. ނަމަވެސް އެމީހުން ވެކްސިން ޖަހަން ނުދާ ކަމަށާއި އަދި ވެކްސިން ނުވެސް ޖަހާކަމަށް ބުނެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިއަޑުތައް ގަދަވެފައި ވަނިކޮށް ތަފާތު ހަބަރެއްވެސް މިވަނީ ފެންމަތި ވެފައެވެ. އިންޑިޔާގެ އަގަރް މަލްވާގައި ދިރިއުޅުނު މީހަކު ވެކްސިން ޖަހާފައިވާކަމަށް އެގައުމުގެ ސިއްހީ އިދާރާއިން އެނގި އިރު އޭނާ ވަނީ އޭގެ ދެމަސް ކުރިން މަރުވެފައެވެ. އޭނާ މަރުވެފައި ވަނިކޮށް އައި މޯދީގެ އުފަންދުވަހު، އޭނާވެސް ވެކްސިން ޖަހާފައިވާކަމަށް އެގައުމުގެ ސިއްހީ އިދާރާއިން ހާމަކޮށްފައިވާކަމަށް އޭނާގެ ދަރިއަކާއި ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުމާއި މަލާމާތް އެގައުމުގެ ސަރުކާރަށާއި ސިއްޙީ އިދާރާއަށް އަންނަނީ ރައްދުވަމުންނެވެ. މީގެ ކުރިންވެސް ކޮވިޑާއި ގުޅިގެން އިންޑިޔާއިން ހާމަކުރާ މައުލޫމާތުތައް ސައްހަ ނޫންކަމުގެ ރިޕޯޓުތައް އައީ ކުރެވެމުންނެވެ.