"ބްލެކް ޕެންތަރ"ގެ ތަރި ޗެޑްވިކް ބޮސްމަން ކެންސަރ ބަލީގައި މަރުވެއްޖެ!
"ބްލެކް ޕެންތަރ"ގެ މަޝްޙޫރު ތަރި ޗެޑްވިކް ބޮސްމަން ކެންސަރ ބަލީގައި މަރުވެއްޖެއެވެ. އޭނާ މަރުވެފައިވަނީ 28 އޯގަސްޓް 2020ވީ ހުކުރު ދުވަހުގެ ވަގުތެއްގައި ލޮސްއެންޖަލްސްގައި ހުންނަ އޭނާގެ ގޭގައެވެ. ޗެޑްވިކް ބޮސްމަން މަރުވެފައިވަނީ ހަތަރު އަހަރުވަންދެން ގޮހޮރުގެ ކެންސަރ (ސްޓޭޖް3) އާއި ހަނގުރާމަކުރަމުން ދަނިކޮށް އުމުރުން 43 އަހަރުގައެވެ.
2018ވަނަ އަހަރު ދުނިޔޭގެ މަޝްހޫރުކަން ހޯދި މާރވެލްކޮމިކްސްއަށް ބިނާކޮށް މާރވެލް ސްޓޫޑިއޯއިން ކުޅެފައިވާ އެމެރިކާގެ ސުޕަރހީރޯ ފިލްމް ބްލެކްޕެންތާ އިން އާންމުންގެ ލޯބި ހޯދައިފަވާ ބޮސްމަންގެ މިކުއްލި ވަކިވެދިއުމުން އޭނާއަށް ސަޕޯޓްކުރާ ގިނަބަޔަކު އަންނަނީ ހިތާމަފާޅުކޮށް ސޯޝަލްމީޑިއާގައި ޝުޢޫރު ފާޅުކުރަމުންނެވެ. އަދި ބްލެކްޕެންތަރގެ ސްޓޫޑިއޯ ކަމަށްވާ މާރވެލް ސްޓޫޑިއޯއިން ވެސް ދަނީ އެކަމާއި ހިތާމަފާޅުކޮށް ބޮސްމަންގެ ވަކިވެދިއުމަކީ މާރވެލްސްޓޫޑިއޯއަށް ފޫނުބެއްދޭނެ ވަރުގެ ގެއްލުމެއްކަމަށް ބުނެފައެވެ. ބޮސްމަންއަކީ "ޓްރޫފައިޓަރ" އެއް ކަމަށާއި ކެންސަރގެ ވޭން ތަޙައްމަލްކޮށް ރޭޑިއޭޝަން އަދި ކީމޯތެރަޕީ ނަގަމުންވެސް ގިނަ ފިލްމްތަކެއްގެ މަސައްކަތް އޭނާ ކޮށްފައިވާ ކަމަށް މާރވެލްސްޓޫޑިއޯއިން ބުނެއެވެ. ޗެޑްވިކް ބޮސްމަން ކެންސަރާއި ހަނގުރާމަކުރަމުން ކުޅެފައިވާ ބައެއް މަޝްހޫރު ފިލްމު ތަކުގެ ތެރޭގައި މާޝަލް، ދަފައިވްބްލަޑްސް އަދި އޯގަސްޓް ވިލްސަންސް މަރެއިނީސް ބްލެކްބޮޓްމް ފަދަ ފިލްމުތައް ހިމެނެއެވެ. އެހެންނަމަވެސް ބޮސްމަން އޭނާގެ ބަލީގެ ވާހަކައެއް އެއްވެސް ވަރަކަށް މީގެކުރިން މީޑިއާއާއި ޙިއްސާކޮށްފައެއް ނުވެއެވެ.
އެމެރިކާގެ ސައުތްކެރޮލީނާ އަށް އުފަން ބޮސްމަން ތައުލީމް ޙާސިލްކޮށްފައިވަނީ ހާވާރޑް ޔުނިވަރސިޓީއިންނެވެ. އަދި 2013ވަނަ އަހަރު މަޝްހޫރުވުމުގެ ކުރިންވެސް އޭނާވަނި ޓީވީއިން ކުދިކުދި ރޯލުތަކުން ފެނިގެން ގޮސްފައެވެ. އަދި ބޮސްމަން ގިނަބަޔަކަށް ފާހަގަވެފައިވަނީ ހަގީގީ ދިރިއުޅުމުގައިވެސް މަޝްހޫރު މީހުންގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ކުޅެފައިވާ ފިލްމުތަކުން ފެންނަ މޫނެއްގެ ގޮތުގައެވެ. އޭގެ ތެރޭގައި މަޝްހޫރު ބޭސްބޯލް ކުޅުންތެރިޔާ ޖެކީ ރޮބިންސަންގެ ދިރިއުޅުމުގެ މައްޗަށް ކުޅެފައިވާ "ބަޔޮޕިކް" އަދި ޖޭމްސް ބްރައުންގެ ދިރިއުޅުމުގެ މައްޗަށް ކުޅެފައިވާ "ގެޓްއޮންއަޕް" ފަދަ ފިލްމުތައް ހިމެނެއެވެ. ކަންދިމާކުރި ގޮތުން ބޮސްމަން މަރުވެފައިވަނީ މޭޖަރ ބޭސްބޯލް ލީގުން ޖެކީ ރޮބިންސަންގެ ދުވަސް ފާހަގަކުރި ދުވަހުއެވެ. އެދުވަސް ކޮންމެއަހަރަކު އެޕްރީލް 15 ވަނަ ދުވަހު ފާހަގަ ކުރިކަމުގައިވިޔަސް މިއަހަރު ކޮވިޑް-19 އާއި ހެދި 28 އޯގަސްޓަށް އެދުވަސް ފާހަގަކުރުން ވަނީ ލަސްކުރެވިފައެވެ.
