ކަންކަމާއި ބެހޭގޮތުން އެކި މީހުން އެކި ގޮތަށް ހިޔާލު ފާޅުކޮށް އުޅެއެވެ. މިއީ ދުނިޔޭގެ އާދައެވެ. މިފަދައިން ބައެއް ކާއެއްޗެސާއި ބެހޭގޮތުންވެސް ދިރާސާވެރިން ދިރާސާތައްކޮށް، އެ ތަކެތީގައި ހުންނަ ގެއްލުންތައް ބަޔާން ކުރަމުންދެއެވެ. އެފަދައިން މިއީ މަޝްހޫރު ހެލްތްލައިން މަޖައްލާގައި ޑރ. އަތިލް އާނާސަން 2017 ވަނަ އަހަރު ލިޔެފައިވާ ލިޔުމަކުން ހޯދާފައިވާ މައުލޫމާތުތަކެކެވެ. މި ލިޔުމުގައި ހަނޑުލުގައި ހުންނަ ވިހަ މާއްދާއެއްގެ ވާހަކަ ބަޔާންކޮށްދީފައި ވެއެވެ.
ހަގީގަތަކީ ހަނޑުލަކީ އޭގައި ގިނަގުނަ ފައިދާތަކެއްދޭ، އާދަވެ ދުނިޔޭގެ ގިނަބަޔަކު ކައި އުޅޭ އެއްޗެކެވެ. ނަވެސް ބަޔަކު މީހުން ހޯދާ ދިރާސާކުރުމުން އޭގައިވެސް ގެއްލުންދެނިވި މާއްދާއެއް ހުރިކަން މިއޮތީ ހާމަވެފައެވެ. އެހެނީ ދުނިޔޭގެ ބިމުގައިވާ ކޮންމެ އެއްޗަކީ އޭގެން ފައިދާ އާއި ގެއްލުން ދެނިވި އެއްޗަކަށްވުމެވެ. ބައެއް ފަހަރު ލިބޭ ފައިދާ އަށްވުރެ ގެއްލުން ބޮޑުވުން އެއީ އެ އެއްޗަކީ ގެއްލުން ދެނިވި އެއްޗެއް ކަމުގައި ބަލައިގަނެވެއެވެ. ހަމަ އެފަދައިން އެ އެއްޗަކުން ލިބޭ ފައިދާ ބޮޑުނަމަ އެއީ ފައިދާކުރަނިވި އެއްޗެއް ކަމުގައި ބަލައިގަނެވެއެވެ.
ކޮންމެއަކަސް މި ލިޔުމުގައި ބުނާގޮތުން ހަނޑުލުގައި އަރސެނިކް ނަމަކަށް ކިޔާ ވިހައެއް އެކުލެވިގެން ވެއެވެ. މި ވިހަ ހަނޑުލުގައި އަށަގަންނަނީ ބޮޑެތި ހަނޑޫދަނޑުތަކުން ކަމަށް މިލިޔުމުގައި ބަޔާންކޮށްފައި ވެއެވެ.
އަރސެނިކް އަކީ އޭގެ ޒާތުގައި ވިހަގަދަ ވިހައެކެވެ. ނަމަވެސް ހަނޑުލުގައި މި ވިހަ ފެންނަން ހުންނަނީ އިތުރު އެހެން ކެމިކަލްކޮމްފައުންޑަކާއި އެކުގައެވެ. ކަން އެހެން ހުރުމުން އަސްލު އަރސެނިކް އިން އެދޭ ގެއްލުން ހަނޑުލުގައި ހުންނަ މި އަރސެނިކް އަކުން ނުލިބެއެވެ. ހަނޑުލުގައި ހުންނަ ކަމަށް ބެލެވެނީ އޯގަނިކް އަރސެނިކް އެވެ. މިއީ އޭގެ ގެއްލުން ކުޑަ ބާވަތެކެވެ. އިން-އޯގަނިކް އަރސެނިކް އަކީ އޭގައި ވިހަކަން ގަދަ ބާވަތެވެ. މި ބާވަތް އާންމުކޮށް ފެންނަނީ ފަސްގަނޑުގެ ތެރެއިންނާއި ބައެއް ފެންގަނޑުތަކުންނެވެ.
މިލިޔުމުގައި އިތުރަށް ބުނެފައިވަނީ ޖައްވު ނުސާފުވުމާއި ދަނޑުވެރިކަމުގައި ބޭނުން ކުރާ ކެމިކަލް ތަކުގެ ސަބަބުން ހަނޑުލުގައި ހުންނަ މި ވިހަ އިތުރުވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. ހަމައެއާއި އެކު ހަނޑުލުން ތޮށި ފިލުވުމަށްފަހު ބާޒާރަށް ނެރުމަކީ ހަނޑުލުގައި އިތުރު ވިހަ މާއްދާތައް އެކުލެވެން މެދުވެރިވާ އެއްސަބަބެވެ.
އަރސެނިކް އިން ލިއްބައިދޭ ގެއްލުން ތަކަކީ ކުރުމުއްދަތެއްގައި އޭގެ އަސަރު ކުރުވާނޭ ކަމެއް ނޫނެވެ. ނަމަވެސް މިއީ ގިނަ ދުވަހުން މީހާ ހަލާލުކޮށް ބަލިކޮށްލާނެ ވިހައެކެވެ. މި ލިޔުމުގައި ސަބަބު ބަޔާންކުރުމަކާއި ނުލާ، އަރސެނިކްގެ ސަބަބުން ހަކުރު މަތިވުމާއި ލޭ މައްޗަށް ދިއުމުގެ އިތުރުން ކެންސަރަށް މަގުފަހިވާ ކަމަށްވެސް ބަޔާންކޮށްފައި އޮތެވެ. މި ކަމުގެއިތުރު ތަފްސީލު ހޯދާލުމަށް އިތުރު އެހެން ލިޔުންތައް ކިޔާލުމުން އަރސެނިކް ގެ ވިހަގަދަ ބާވަތަކީ ޔަގީނުންވެސް ކެންސަރަށް މަގުފަހިކޮށްދޭ ބާވަތެއްކަން ހާމަވިއެވެ. ނަމަވެސް ހަނޑުލުގައި މި ހުންނަ ބާވަތަކީ ސީދާ ކެންސަރަށް މަގުފަހި ކުރުވާނޭ މާއްދާއެއްކަމަށް ބުނާ އެއްވެސް ހިކުމަތެއް ފެންނާކަށް ނެތެވެ.
ކޮންމެއަކަށް މި ދެކެވުނީ ހަނޑުލުގައިވެސް ކޮންމެވެސް ޒާތެއްގެ ވިހައެއް އެކުލެވޭކަމުގެ ވާހަކައެވެ. މިފަދައިން ހޯދާ ދިރާސާކޮށްފިނަމަ، އިންސާނުން ބޯން ބޭނުން ކުރާ ފެނުގައްޔާއި، ނޭވާލާ ވައިގައި މިއަށްވުރެ ނުރައްކާތެރި ވިހަ މާއްދާތައް ފެނިދާނެއެވެ. އޭގެ މާނައަކީ ފެން ނުބޮއެ ނުވަތަ ނޭވައި ނުލާ އުޅުމެއް ނޫނެވެ. ހަނޑުލުގައިވެސް އެފަދަ ވިހައެއް އެކުލެވިގެންވާތީ އެވާހަކަ ހަމަ ހިއްސާކޮށްލީއެވެ.
