ޖަޕާނުގެ ޕްރިންސަސް މަކޯ އޭނާގެ ލޯބިވެރިޔާއާއި ކައިވެނި ކުރުމަށް ޝާހީ އާއިލާ ދޫކޮށްލައިފިއެވެ. އެއީ އޭނާ ކައިވެނި ކުރަން ބޭނުންވާ މީހަކީ އާންމު ރައްޔިތަކަށް ވާތީއެވެ.

ޖަޕާނުގެ ގަވާއިދު ބުނާ ގޮތުން ޝާހީ އާއިލާގެ ބޭފުޅަކު އާންމު ރައްޔިތަކާއި ކައިވެނި ކުރަން ބޭނުންވާ ނަމަ ޝާހީ ޚާންދާނު ދޫކޮށްލަން ޖެހޭނެއެވެ. އަދި މިގޮތަށް ޝާހީ ޚާންދާނު ދޫކޮށްލުމުން އެމީހަކަށް އެއް މިލިއަން ޑޮލަރު ލިބޭނެއެވެ.

ނަމަވެސް ޕްރިންސަސް މަކޯ ވަނީ އެ އެއް މިލިއަން ޑޮލަރު ވެސް ދޫކޮށްލައިފައެވެ. މީގެ އިތުރުން އޭނާ ވަރަށް އަވަހަށް ކައިވެެނި ކުރާނެކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މަކޯއާއި އޭނާގެ ލޯބިވެރިޔާ ކެއި ކޮމުރޯގެ ކައިވެނި މީގެ ކުރިން ވަނީ އިއުލާނު ކޮށްފައެވެ. ނަމަވެސް ކައިވެނި ފަސްކޮށްފައި ވަނީ ދެމީހުން ވެސް އިތުރަށް ދަސްކުރުމަށް ދުވަސްތަކެއް ބޭނުންވާ ކަމަށް ބުނެއެވެ.

ޕްރިންސަސް މަކޯގެ ކައިވެނީގެ ތާރީޚް މި އަހަރުގެ އޮކްޓޫބަރު މަހު އިއުލާނު ކުރާނެ ކަމަށް ރިޕޯޓްތަކުގައިވެއެވެ.

ލޯތްބަކީ ހަގީގަތުގައި ވަރަށްވެސް ބާރުގަދަ އަދި އެހާމެ އަގު މާތް އެއްޗެއްކަން މަކޯ ސާބިތުކޮށްދީފި ކަމަށް އެގައުމުގެ ގިނަބަޔަކު އަންނަނީ ބުނަމުންނެވެ. އަދި މަކޯ އަށް ގިނަބައެއްގެ ތައުރީފުވެސް އަންނަނީ ލިބެމުންނެވެ.