ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކުން އަމިއްލަ ދަނޑުގައި 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޔޫކްރޭންގެ ޑިނަމޯ ކިއޭވް ބަލިކުރިއިރު، ބެންފީކާ އަތުން ބާސެލޯނާ ބަލިވީ 3-0 އިންނެވެ. ޗެލްސީ އަތުން ޔުވެންޓަސް މޮޅުވީ 1-0 އިންނެވެ.

ބަޔާންގެ އެލިއާންޒް އެރީނާގައި ކުޅުނު މެޗުގައި އެ ޓީމުން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ގޯލްޖެހީ ފުރަތަމަ ހާފުގައެވެ. މި ދެ ގޯލް ވެސް ކާމިޔާބުކޮށްދިނީ ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އެވެ. މި މެޗުގައި ބަޔާނުން ޖެހި ފުރަތަމަ ގޯލަކީ ޕެނަލްޓީއޭރިޔާތެރެއިން ޑިނަމޯގެ ކުޅުންތެރިއަކު ބޯޅައިގައި އަތްލުމުން ލިބުނު ޕެނަލްޓީއަކުން ލެވަންޑޯސްކީ ކާމިޔާބުކުރި ގޯލެކެވެ. އެ ޓީމުގެ ދެވަނަ ލަނޑު، ލެވަންޑޯސްކީ ކާމިޔާބުކޮށްދިނީ ތޯމަސް މުލާ ދިން ޕާހަކުންނެވެ. 

ދެވަނަ ހާފުގައި ބަޔާންގެ ތިންވަނަ ލަނޑުޖަހައިދިނީ ސާޖް ނެބްރީ އެވެ. އަދި އޭގެފަހުން، މެޗު ނިމުމުގެކުރީން ލެރޯއީ ސާނޭ އާއި އެރިކް މެކްސިމް ޗޫޕޯ-މޯޓިން ކާމިޔާބުކޮށްދިން ލަނޑުތަކާއެކު އެ ޓީމުން ވަނީ ފަސޭހަކަމާއެކު ޑިނަމޯ ބަލިކޮށްފައެވެ. ރޭގެ މެޗާއެކު ބަޔާނުން ވަނީ މިފަހަރުގެ ގްރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު ދެ މެޗުގައި 8 ގޯލް ޖަހާފައެވެ.

މިވަގުތު ބޮޑު ޕްރެޝަރެއް އޮތް ކޯޗު ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ބާސެލޯނާ އިން ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ޕޯޗުގަލްގެ ބެންފީކާ އަތުން ބަލިވީ 3-0 އިންނެވެ. މި މެޗުގައިވެސް ބާސެލޯނާ އަށް މާއެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު، އެ ޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ. އެއީ މެޗުގެ 87 ވަނަ މިނެޓުގައި ސްޕެއިނުގެ ޑިފެންޑަރު އެރިކް ގާސިއާ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުންނެވެ. ބެންފީކާގެ ތިން ލަނޑުގެ ތެރެއިން ދެ ގޯލްޖަހައިދިނީ އުރުގުއޭގެ އުއްމީދީ ފޯވާޑް ޑާވިން ނޫނޭޒް އެވެ. އަނެއް ލަނޑުޖަހައިދިނީ ޕޯޗުގަލްގެ ފޯވާޑް ރަފާ ސިލްވާ އެވެ. މި ގްރޫޕުގެ ފުރަތަމަ މެޗުގައި ވެސް ބަޔާން އަތުން ބާސެލޯނާ ބަލިވީ 3-0 އިންނެވެ.

މި މުބާރާތުގައި ރޭ ޔުވެންޓަސްގެ ދަނޑުގައި މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ބަލިކުރީ 1-0 އިންނެވެ. ޔުވެންޓަސްގެ ހަމައެކަނި ލަނޑުޖަހައިދިނީ ދެވަނަ ހާފުގެ ކުޅުން ފެށިތާ ސިކުންތުކޮޅެއްގެ ތެރޭގައި އިޓަލީގެ ވިންގާ ފެޑެރީކޯ ކިއޭސާ އެވެ. މިއީ އެ ޓީމުގެ މިޑްފީލްޑަރު ފެޑެރީކޯ ބާނަޑެސްކީ ދިން ބޯޅައަކުން ކިއޭސާ ކާމިޔާބުކުރި ގޯލެކެވެ.

މި ގްރޫޕުގެ އަނެއް މެޗުގައި ރަޝިޔާގެ ޒެނިތު އަތުން 4-0 ގެ ތަފާތަކުން މަލްމޯ ބަލިވިއިރު، އާރްބީ ސަލްޒްބާގް ވަނީ 2-1 އިން ލިއްލެ ބަލިކޮށްފައެވެ. ވުލްފްސްބާގާ ދެކޮޅަށް ސެވިއްޔާ ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ.