އިންސާނާގެ ހަށިގަނޑުގައިވާ ގުނަން ތަކުގެ ތެރެއިން ލޮލަކީ ވަރަަށް ނާޒުކު އަދި އެހާމެ މުހިންމު ގުނަވަނެކެވެ. މި ގުނަވަނުގެ މަސައްކަތް ހުއްޓިއްޖެނަމަ މީހާއަކީ ބޮޑު ނުޅުދުންތެރިއަކަށް ވެގެން ހިނގައިދާނެއެވެ. ލޮލުގެ ފެނުން ލިބި ހުރި މީހަކަށް އެ ފެނުން ގެއްލުމުން ކުރާނޭ އަސަރު ވަޒަންވެސް ނުކުރެވޭނެއެވެ.

ލޮލަށް ދިމާވާ އެކި އެކި ގެއްލުން ތަކުގެ ތެރެއިން އެންމެ އާންމުކޮށް ދިމާވާ އެއް ކަމަކީ ލޯ ރަތްވުމާއި އެކު ފެން އައުމެވެ. މިއީ ކޮންމެ އިންސާނެއްގެ ހަޔާތުގައި ކޮންމެވެސް ދުވަހަކު ތަހައްމަލް ކޮށްފައިވާ ވޭނަކަށް ނުވަތަ ތުރާލަކަށް ވާނެއެވެ. މިފަދައިން ލޯ ރަތްވަނީ ކީއްވެ ހެއްޔެވެ؟

ލޮލުގެ ބޭރު ދުލިފަށުގައި މާހައުލުގެ ތެރެއިން އެ ލޮލަށް ގެއްލުމެއް ދެވޭނޭ ޒާތުގެ އެއްޗެއް އެ ދުލިފަށުގައި ޖެހުމުން ދެން ލޮލުގެ ތެރޭގައި ހިނގާ ދިފާއީ ހަރަކާތްތަކެއްގެ ނަތީޖާ އަކީ އިސްވެ ދެންނެވުނު ފަދައިން ލޯ ރަތްވުމެވެ. މިހާލަތުގައި ލޮލުން ހިސްޓަމިން ނަމަކަށް ކިޔާ މާއްދާއެއް އުފައްދައެވެ. މި މާއްދާގެ ސަބަބުން ލޮލުގައި ހުންނަ ކުދި ކުދި ލޭ ހޮޅިތައް ފުޅާވެ ބޮޑުވެއެވެ. އަދި ބައެއް ފަހަރަށް އިންފެކްޓްވެސް ވެދެއެވެ. މި ކުދި ކުދި ލޭހޮޅިތައް ފުޅާވެ ބޮޑުވުމުގެ ނަތީޖާ އަކީ މި ލޭހޮޅިތައް ހާމަވުމެވެ. ލެޔަކީ ރަތް ކުލައިގެ އެއްޗެއް ކަމުން ލޭ ހޮޅިތައް ހާމަވުމުން ލޮލުގެ ހުދުބައި ރަތްކޮށް ފެންނަން ހުރެއެވެ. ލޯ ރަތްމުވޭ މި ކިޔަނީ މިހެން ވުމުންނެވެ.

މިއީ އާންމުކޮށް ފަރުވާއެއް ނުކޮށްވެސް ރަނގަޅުވާ ކަމެކެވެ. މިހެން ދިމާވެ، އެކަމާއި ކަންބޮޑުވާނަމަ ކުރެވިދާނެ ބައެއް ކަން ކަން އެބަހުއްޓެވެ. އެގޮތުން ލޯ ނުއުނގުޅުން ވަރަށްވެސް މުހިންމެވެ. ލޮލުގެ އެތެރޭގައި އަތްލާ ނުހަދާށެވެ. ލޮލުގައި ކުނޑި ކޮޅެއް ވާނަމަ ސާފު މަޑު ފިނިކަމެއް ހުރި ފެން ފޮދަކުން ލޯ ދޮވެލާށެވެ. ނުވަތަ ފެން އެއްޗަކަށް މޫނު ލުމަށްފަހު ލޮލުގެ އަވަސްކޮށް އެސްފިޔަޖަހާލާށެވެ. އޭރުން ލޮލުގައި ކުނޑިކޮޅެއް ވާނަމަ ފިލައިގެން ހިނގައިދާނެއެވެ. މިހެންވެސް މިކަން ނުވާނަމަ ޑަކްޓަރެއްގެ އެހީތެރިކަން ހޯދުން މުހިންމެވެ. ލޮލުގައި ފިނި ފެނުން ބޮނޑިތާން ކުރުމަކީ ލޮލުގެ ރަތްކަން ފިލާ ދުޅަކަމެއް ވާނަމަ އެކަންވެސް ފިލުވައިދޭނެ ކަމެކެވެ. ނަމަވެސް ތަދު ކަނޑުވަން ބޭނުން ނަމަ މޮޅު ގޮތަކީ ތާފަނާ ފެނުން ބޮނޑިތާން ކުރުމެވެ.

މިފަދަ އާދައިގެ ކަމަކުން އެފަދަ ކަމަކަށް ފަރުވާ ކުރެވިދާނެއެވެ. ނަމަވެސް ރަނގަޅުނުވެ ހުންނަ ނަމަ، ނުވަތަ ހާލަތު އިތުރަށް ގޯސްވާނަމަ ލަސްނުކޮށް ޑަކްޓަރެއްގެ އެހީތެރިކަން ހޯދަން ވާނެއެވެ. އަހަރެމެން ކޮންމެ މީހަކީވެސް އެމީހެއްގެ ލޮލަށް ފަރުވާތެރި ބަޔަކު ކަމުގައި ވުން ވަރަަށްވެސް މުހިންމެވެ.