މަސްވެރިނަށް މިޔަރުގެ އުނދަގޫ ބޮޑު ވެފައިވާކަމުގެ ޝަކުވާ ވަރަށް ގިނައިން ލިބެމުންދާކަމަށް މަޖިލިސް މެމްބަރަކު މީގެ ދުވަސްކޮޅެއް ކުރިން ބުނުމުން ގިނަ ބަޔަކު އެކަން ނެގީ ޖޯކެއްގެ ގޮތުގައެވެ. ސަބަބަކީ މިއީ ކިހިނެތް ހިނގާކަމެއްކަމާ އެކަމުގެ ސަބަބަބުން ވާ ގެއްލުން އާންމުންގެ ގިނަ މީހުނަށް ނޭނގި އޮތުމެވެ. ނަމަވެސް މަސްވެރިންގެ ފަރާތުން މިވާހަކަ އަބަދު އިވެމުންގޮސް، ފެނުން މައްޗަށް އަރާ، ދާވަނި އަޅުވައިގެން ދޯންޏަށް ނަގަ ނަގާއޮތް ބޮޑު ކަންނެތްޔެއްގެ އެއްބައި ކާލާ ވީޑިއޯ ފެނުމުން ގިނަބަޔަކަށް ބޮޑު ހައިރާން ކަމެއް ލިބިއްޖެއެވެ.
މިކަން ހިނގާ މަންޒަރު މިހާ ފުރިހަމަކޮށް ވީޑިއޯ ކޮށްފައިވަނީ، ސ. ހިތަދޫ ބޭރުން، އައްޑޫގައި ރެކްރިއޭޝަން ފިޝިންގެ ހިދުމަތްދޭ، އައްޑޫ ސްޕޯސް ފިޝިން މޯލްޑިވްސް (އޭއެސްއެފް) އިން ނެވެ. އެފަރާތުން ހާމަކުރި ގޮތުގައި ގާތްގަނޑަކަށް 26 ކިލޯގެ ބޮޑު ކަންނެލި ނަގަން އުޅުން އިރުވެސް މިޔަރު ދޯނިކައިރީގައި އުޅޭކަން އެނގެއެވެ. ނަމަވެސް ފެނުން މައްޗަށް އަރާ މަހުގެ އެއްބައި ކާލަފާނެކަމަކަށް ހިއެއް ނުކުރެއެވެ.
މިޔަރުގެ މިފަދަ ހަމަލާގެ ސަބަބުން އެތައް މަސައްކަތަކުން ބާނާ މަސް ނުކިރުވުމުގެ އިތުރުން، މިޔަރުގެ ދުއްތުރާގެ ސަބަބުން ކަނޑައިގެންދާ ވަދަށް ބޮޑު ހޭދަކުރަން ޖެހުން އެއީ މަސްވެރިކަމުގައި އުޅޭ އެންމެންގެ ވެސް މައިގަނޑު ޝަކުވާއެވެ.
