އެފްރިކާގެ ގައުމެއް ކަމަށްވާ ކޮންގޯ ގައި މަސައްކަތް ކުރާ ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާގެ މުވައްޒަފުންތަކެއް އެގައުމުގެ ބައެއް އަންހެނުންނަށާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ރިޕޯޓުތައް ބުނާގޮތުން، 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް ކޮންގޯގައި އެޖަމުއިއްޔާގެ މުވައްޒަފުން ތަކެއް ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ބުނާ ނުވަ މައްސަލައެއް ވަނީ ރިޕޯޓް ކޮށްފައެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ އެގައުމުން 50 އަށް ވުރެ ގިނަ ރޭޕްގެ މައްސަލަ ހުށަހަޅާފައިވަނިކޮށެވެ.
ޑަބްލިއު.އެޗް.އޯ ގެ 80 މުވައްޒަފުން އެގައުމުގައި 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރަށް ތިބިއިރު، މި ހުރިހާ މުވައްޒަފުންގެ ފަރާތުންވެސް ކޮންގޯގެ އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީ އެތައް އަނިޔާތަކެއް ދީފައި ވާކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި، އޭގެ ތެރެއިން ދެ ކުއްޖަކު ބަލިވެ އިނދެފައިވާ ކަމަށްވެއެވެ.
ޑަބްލިއު.އެޗް.އޯ ގެ އެފްރިކާ ބައްރުގެ ރީޖަނަލް ޑިރެކްޓަރ މަޓްޝިޑިސޯ ވަނީ އެތަނުގެ މުވައްޒަފުންގެ ފަރާތުން ޖިންސީ އަނިޔާތައް ކުރިމަތިވެފައިވާ ފަރާތްތަކުގެ އަރިހުން މައާފަށް އެދިވަޑައިގެންފައެވެ. އަދި ޑަބްލިއުއެޗްއޯއިން އެ ފަރާތްތަކަށް އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަންވެސް މަޓްޝިޑިސޯ ދެއްވިއެވެ.
މި މައްސަލަތައް ފެންމަތިވެގެން އައުމުން އެޕްރިކާ ބައްރުގެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކޮށް އަދި ދުނިޔޭގެސިއްހަތު ޖަމުއިއްޔާއަށް އިތުބާރު ނުކުރާނޭ ކަމަށްވެސް ބުނަމުންނެވެ.
