ބަޓަރ ޗިކަން ނޫޑުލްސް އޭ ބުނުމުން ބައެއް މީހުންގެ ކަންފަތަށް އައު ނަމަކަށް ވެދާނެއެވެ. މިއީ މީރު އަދި ފަސޭހައިން ތައްޔާރުކޮށްލެވޭ ކެއުމެކެވެ. މި ބަލާލަނީ ބަޓާ ޗިކެން ނޫޑުލްސް ތައްޔާރު ކުރާނެ ގޮތަށެވެ.
ބަޓާ ޗިކެން ނޫޑްލްސް ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:
.ފެނު ކައްކާފައި ހުރި ދެ ޕެކެޓް ނޫޑުލްސް
. 2 ޓޮމާޓޯ
. 1 ފިޔާ
. ކޮށާފައި ހުރި 1/2 ޖޯޑު ކުކުޅު
. 1 ލޮނުމެދު
. 1 ބޭ ލީފް
. 1/2 ޖޯޑު ކްރީމް
. 2 ސައިސަމުސާ ބަޓަރު
. 2 ކާފޫރުތޮޅި
. 2 ކަރަންފޫ
. 1 ފޮނިތޮށި
. ރަހަލާވަރަށް ގިތެޔޮ މިރުސް
. ރަހަލާވަރަށް ލޮނު
. 4 ކެޝޫނަޓްސް
. ހަކުރު
ތައްޔާރުކުރާ ގޮތް:
ކޮށާފައި ހުރި ޓޮމާޓޯ އަދި ފިޔާ ތެއްޔަކަށް އަޅާށެވެ. އަދި ތެއްޔަށް ފޮނިތޮށި، ކާފޫރު ތޮޅި، ކަރަންފޫ، ކެޝޫނަޓްސް، ބެއި ލީފް އަދި ބަޓަރު އެޅުމަށްފަހު ޓޮމާޓޯ ކޮޅު މަޑުވަންދެން މަޑުގިނީގައި ހަނާ ކުރާށެވެ. އެއަށްފަހު ހަނާކުރި ހުރިހާ އެއްޗެއް މިކްސްޗަރަކުން ނުވަތަ ދަޔަކުން ފުނޑާލާށެވެ. ދެން ތެއްޔަކަށް ބަޓަރުކޮޅެއް ލުމަށްފަހު ފުނޑި އެއްޗެހި 10 މިނެޓު ވަންދެން މަޑުގިނީގައި ކައްކާށެވެ.
މަޑުގިނީގައި ކެއްކުމަށްފަހު އޭގެ ތެރެއަށް ލޮނު، ކްރީމް އަދި ހަކުރު އަޅާށެވެ. އެއަށްފަހު ކައްކާފައި ހުރި ނޫޑުލްސް އާއި ކޮށާފައި ހުރި ކުކުޅުކޮޅު އެޅުމަށްފަހު ކުކުޅުކޮޅު ރޯފިލަންދެން މަޑުގިނީގައި ކައްކާލާށެވެ.
މި ރެސިޕީ އަކީ ނޫޑުލްސް ކާހިތްވާ މީހުންނަށާއި ތަފާތު ކެއުމެއް ތަޖުރިބާކޮށްލުމަށް ބޭނުންވާ ފަރާތްތަކަށް މީރު ކެއުމަކަށް ވާނެއެވެ. ހުކުރު ދުވަސް ދުވަހާއި އެފަދަ ހާއްސަ ދުވަސް ދުވަހު ސުފުރާމަތި ފަޅުފިލުވާލަން މިއީ ރަނގަޅު ކެއުމެކެވެ.
