ގާތްގަނޑަކަށް ދޮޅު އަހަރު ދުވަސް ވަންދެން ގޭގައި ކުދިން ތިބެފައި، ޔުނީފޯމު ލައިގެން، ބަރު ފޮތް ދަބަސްތައް އަޅައިގެން އެނބުރި ސްކޫލަށް ދާން އެ ފެށީ ދާދި މިދާކަށް ދުވަހުއެވެ. ކުދިން ސްކޫލަށް ދާން ފެށީ ވަރަށް އުފަލުންނެވެ. ނަމަވެސް ސްކޫލަށް އަނބުރާ ދާ ވާހަކަ ފެށީއްސުރެން އަހަރެން ހުރީ ކަންބޮޑުވެފައެވެ. 'މަމް އެލާމް' އަޅާލަ އަޅާލައެވެ. އެކަމަކު، އެއީ އަދިވެސް ކޮވިޑުގެ ބިރުވެރިކަން ފިލާ ނުދާތީއެއް ނޫނެވެ. އެޔަށްވުރެ މާ ބޮޑު ކަމަކާއެވެ.

ސްކޫލުތަކުގެ ތެރޭގައި ހިނގާ ކަންކަމާ ބެލެނިވެރިން ވަރަށް ބޮޑަށް ވިސްނަން ޖެހޭނެއެވެ. މިހާ ދުވަސްކޮށްފައި ކުދިން އަނބުރާ ސްކޫލަށް ދާއިރު، ކިޔެވުމުގެ ތެރެއަށް އަނބުރާ ވަނުމަށް ކުދިންނަށް ވަރަށް ވަގުތު ބޭނުންވާނެއެވެ. ސުމޭކު މަންސަތަކުގެ ތެރެއިން ނުކުމެ، ކަރުދާސް ފޮތްތަކާއި ވައިޓް ބޯޑަށް އަލުން ބަލުން އަހުލުވެރިކުރުވަން ޖެހޭނެއެވެ. ހަމަ މިގޮތަށް، ފިޒިކަލް ޓީޗިންއަށް ޓީޗަރުންވެސް އަލުން އަހުލުވެރިވާން ޖެހެއެވެ. އަދި ހަމައެހެންމެ، އުނގަންނައިދިނުމުގެ ތެރޭގައި ޓީޗަރުންނަށްވެސް ކުރެވިދާނެ ބައެއް ކަންކަމާ ބެލެނިވެރިންވެސް ހޭލާ ތިބުމަކީ މުހިންމު ކަމެކެވެ.

ސްކޫލުތަކުން 'ޕްރެޝަރ' އަށް ރެސްޕޮންޑްކުރަނީ ކިހިނެއް؟

އާލަމީ ވަބާއަކާއި، ފުރަބަންދުވުންތަކާއި، އޮންލައިން ކުލާސްތަކުގެ ސަބަބުން ކުދިންގެ ކިޔެވުމަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮއްފައެވެ. ކުދިންގެ އުނގެނުމުގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެފައިވާކަމަށް ސްކޫލުތަކުންނާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންވެސް ވަނީ ފާހަގަކޮށްފައެވެ. ކަން މިހެން އޮތުމުން، ކުދިން ކުރީގެ ފެންވަރަށް ގެނައުމަށް ސްކޫލުތަކުން ވަރަށް ބޮޑަށް މަސައްކަތްކުރަން ޖެހޭކަމަށް އެންމެންވެސް ގަބޫލުކުރަން ޖެހެއެވެ. ނަމަވެސް، މިކަމުގައި ވިސްނާލަން ޖެހެނީ ކުދިންނަށް ނުއުފުލޭ ވަރަށް ބަރުކޮށްލައިގެން މިކަން ނުކުރެވޭނެކަމެވެ. ކުދިންނަށް ކުޅެލަން ލިބޭ ގަޑީގައިވެސް ކިޔަވައިދީ، އިންޓަވަލް ގަޑި ކުޑަކޮށްލައި، އެ ކުދި ކުދި ހަށިތަކަށް ނުކަތާ ވަރަށް އިތުރުގަޑިތަށް ނަގަން ފަށައިފިނަމަ ކުދިންގެ ފެންވަރު ރަނގަޅުވުމަށް ވުރެ ގާތީ ނުވުމެވެ. އަދި ކިއެއްތޯ އެވެ. މި ކަމުން ކުރާނެ ނޭދެވޭ އަސަރުތައް މާ ބޮޑެވެ.

ކުޑަކުދިންގެ ސިކުނޑިތަކަކީ އަދި މުޅިން ފުރިހަމަ ނުވެ ހުރި ގުނަވަންތަކެކެވެ. އެހެންކަމުން، އެ ސިކުނޑިތަކަށް ބުރަނުވާ ވަރަށް މެނުވީ މަސައްކަތް ޖައްސައިގެން ނުވާނެއެވެ. ކުދިންނަށް އެންމެ އެކަށީގެންވާނެ އުނގެނުމުގެ ފެންވަރާއި ތާވަލެއް އެންމެ ރަނގަޅަށް އެނގޭނީ ޓީޗަރުންނާއި ބެލެނިވެރިންނަށެވެ. މި ޓީމުން ގުޅިގެން މިފަދަ ޕްލޭނެއް އެކުލަވާލުމަކީ ކުދިންނަށް އޭގެ ފައިދާ ލިބޭނެ ކަމެކެވެ. މިފަދަ ދުވަހީ ތާވަލުތަކުގައި ކުދިން ކިޔަވާނެ ވަގުތުތަކާއި، ކުޅިވަރާއި ކަސްރަތަށް ކަނޑައަޅާ ވަގުތުތަކާއި، ހިތްހަމަޖައްސާލައި އަރާމުކޮށްލަން ވެސް ވަގުތު ކަނޑައަޅަންވާނެއެވެ. އަހަރު ފެށޭކޮޅުގައި މި ކަން ކޮށް، ތާވަލާއި އެއްގޮތަށް ކުދިންގެ ކަންކަން ބެހެއްޓުމަށް އާދަކުރުވުމުން، ކުރިން ފާހަގަކުރި އިތުރު ޕްރެޝަރތައް ކުދިންގެ މައްޗަށް އައުމުގެ ފުރުސަތު ކުޑަކުރެވޭނެއެވެ.

ފުރަތަމަ ދުވަހުން ފެށިގެން ކުދިން އެސެސް ކުރަނީތަ؟

ކުދިންގެ ފެންވަރު ކަނޑައަޅައި، އެސެސް ކުރުމަކީ ސްކޫލުތަކުން ވަރަށް އަވަހަށް ފަށާ ކަމެކެވެ. ނަމަވެސް، ކިޔެވުން ފެށޭތާ ފުރަތަމަ ދެތިން ހަފްތާ ތެރޭގައި ކުދިންގެ ފެންވަރު ބެލުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ކުދިން އިމްތިޙާނު ކުރުމުގެ ކުރިން ކުދިންނާ ޓީޗަރުންނާ ދެމެދު ގާތް، ލޯބިވެތި ގުޅުމެއް އުފައްދައި، ދެތިން ހަފްތާ ވަންދެން ހައިކޮލިޓީ ޓީޗިން ކުރިޔަށް ގެންދެވިއްޖެނަމަ، އިމްތިޙާނުތަކުން ކުދިންގެ ނަތީޖާ ރަނގަޅުވެއެވެ. އެހެންކަމުން، މި ކަމަށް ބާރުއަޅަން ވާނެއެވެ. ދެން ވިސްނާލަންޖެހޭ ކަމަކީ އަހަރު ފެށޭ ހިސާބުގައި ނެގޭ އިމްތިޙާނުތަކުން ކުދިން އަދި ތަންކޮޅެއް ދަށްވުމަކީ މާބޮޑު މައްސަލައެއް ނޫންކަމެވެ. މިހާރުގެ މަންހަޖުގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ ކުދިންނަށް ލަނޑުދަނޑިތައް ހާސިލް ވަންދެން ރީއެސެސް ކުރުމުގެ ފުރުސަތު ވަރަށް ފުޅާކޮށް ފަހިކޮށްދީފައިވާކަމެއެވެ. އެހެންކަމުން، ކުދިންނަށް 'ފުލީ އެޗީވްޑް' އާ ހަމަޔަށް ވާސިލްވެވެންދެން ރީއެސެސް ކުރެވޭނެކަން ދެނެގަނެ، އެކަމަށް ޓީޗަރުންގެ ކިބައިން އެދެންވާނެއެވެ.

މޮޅު ޓީޗަރަކީ މި ކުރެވޭ އިމްތިޙާނުތައް ބޭނުންކޮށްގެން ކުދިންގެ ތަޢުލީމު އެކުއްޖަކާއި އެންމެ އެކަށީގެންވާ ގޮތަށް ބައްޓަންކުރާ ފަރާތެވެ. އެހެންކަމުން، މިފަދަ ޓީޗަރުންގެ ކިބައިން ކުދިންގެ ނަތީޖާއާ ގުޅޭ ގޮތަށް ކުދިންގެ އުނގެނުން ބައްޓަން ކުރާނެ ގޮތުގެ ޚިޔާލު ހޯދައި، ދެފަރާތުން އެކުވެގެން ކުދިންގެ ތަޢުލީމީ ހަޔާތުގެ ބިންގާ ވަރުގަދަކޮށް، ނަފްސާނީ ގޮތުންނާ، އަހުލާގީ ގޮތުން އަދި ތައުލީމީ ގޮތުން ރަނގަޅު، ފުރިހަމަ ކުދިންނަށް ހެދުމަށް މަސައްކަތްކުރަން ވާނެއެވެ.

އަހަރެންގެ 'މަމް އެލާމް' މިހާ ބާރަށް އަޅަމުން ދިޔަ ކަމުގައިވިޔަސް ޓީޗަރުންވެސް މަސައްކަތް ކުރައްވަނީ ވަރަށް ބުރަކޮށް ކަމުގައި ގަބޫލުކުރަމެވެ. އަދި އެކަން ބަލައި ވެސް ގަންނަމެވެ. އެކަން ފާހަގަކޮށް، ލިބޭ ކޮންމެ ފުރުސަތެއްގައި ކޮންމެ ޓީޗަރަކަށް ޝުކުރުއަދާކޮށް މެސެޖްވެސް ފޮނުވާނަމެވެ. އަހަރެންގެ ދަރިފުޅުގެ ހުރި ރަނގަޅު ސިފަތަކާއި އުނި ސިފަތައް ޓީޗަރުންނާއި ހިއްސާކޮށް، ދަރިފުޅުގެ ކަންކަން ރަނގަޅުކޮށް އިސްލާހު ކުރުމަށް 'ޓީމް އެފަޓް' އެއް ލާ މީހަކަށް އަހަރެން ވާނަމެވެ.