އުރަމަތީގެ ކެންސަރަކީ މިހާރަކަށް އައިސް ވަރަށް ގިނަ ބައްޔެކެވެ. މިކަމުގެ ސީދާ ސަބަބެއް ސިއްހީ މާހިރުންނަށްވެސް ހޯދުމަށް މި ވަނީ ނުކުޅެދިފައެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެބައިމީހުން މިވަނީ ހޯދާފައެވެ.
އުރަމަތީގެ ކެންސަރަކީ އުރަމަތީގައި ހުންނަ ބައެއް ސެލްސް ނުވަތަ ހަތާތައް އާދަޔާ ހިލާފަށް ގިނަވެ ބޮޑުވަމުން ދިއުމުން ދިމާވާ ކަމެކެވެ. މި ހަތާތައް ވަރަށް އަވަހަ ގިނަވެގެން ދެއެވެ. އަދި އުރަމަތީގައި ގަނޑު ލާ ގޮތް ދިމާވެއެވެ. ހަމަ އެއާއި އެކު ލޭހޮޅިތަކާއި ލިމްފް ހޮޅި ތަކުން ހަށިގަނޑުގެ އެހެން ހިސާބުތަކަށްވެސް މި ސެލްތައް ނުވަތަ ހަތައިތައް ދަތުރުކޮށް ހަށިގަނޑުގެ އެހެން ހިސާބުތަކުގައި މި ހަރަކާތް ކުރިއަށް ހިނގުމުގެ ފުރުސަތުވެސް އޮވެއެވެ.
އާންމު ގޮތެއްގައި އުރަމަތީގެ ކެންސަރު އަށަގަންނަނީ ނުވަތަ ސެލްތައް ގިނަވަނީ އުރަމަތީގައި ހުންނަ ކިރު އުފައްދާ ގުލޭންޑް ތަކުގައެވެ.
އުރަމަތީގެ ކެންސަރަކީ ހަމަ އެކަނި އަންހެނުނަށް ޖެހޭ ބައްޔެއް ނޫނެވެ. ފިރިހެނުންނަށްވެސް އުރަމަތީގެ ކެންސަރު ޖެހިދާނެއެވެ. ނަމަވެސް އަންހެނުންގެ މި ފުރުސަތު ބޮޑުވެއެވެ. ހަމަ އެއާއި އެކު އުމުރުން ދުވަސްވުމާއި ބަރުދަން އިތުރުވުމާއި ބަނގުރާ ބުއިމަކީވެސް މިކަމަށް މަގުފަހި ކުރުވާ ކަންތަކެވެ. ޖެނެޓިކް މިއުޓޭޝަން އަކީވެސް މިކަމަށް މަގުފަހި ކުރިވާ ސަބަބެކެވެ. އާއިލާގައި އުރަމަތީގެ ކެންސަރު ޖެހިފައި ހުރި މީހެއް ހުރުމަކީވެސް މިކަމަށް މަގުފަހި ކުރުވަފާނެ ކަމެކެވެ. މާބަނޑު ނުވެ ހުރުމާއި އުމުރުގެ ފަހުކޮޅުގައި ފުރަތަމަ ކުއްޖާ ހޯދުމަކީވެސް އުރަމަތީގެ ކެންސަރު ޖެހުމަށް މަގުފަހިވެދާނެ މަގެކެވެ. މީގެ އިތުރުން ރޭޑިއޭޝަން ފަދަ ނުރައްކާތެރި މާއްދާތަކަށް ހުށަހެޅުމަކީވެސް މިކަމުގެ މަގެކެވެ. ހަށިގަނޑުގެ ހޯމޯނުތައް އޮޅުން ބޮޅުން މުވަކީވެސް އުރަމަތީގެ ކެންސަރަށް މަގުފަހި ކުރުވާ މަގެކެވެ. އިސްވެ މި ބުނެވުނު ހުރިހާ ކަމަކީ އުރަމަތީގެ ކެންސަރު ޖައްސާނޭ ސަބަބުތަކެއް ނޫނެވެ. ނަމަވެސް މަގުފަހި ކުރުވަފާނެ ކަންކަމެކެވެ.
މި ބަލިން ރައްކާތެރި ވުމަށްޓަކައި ގަވައިދުން އުރަމަތީގެ ސްްކްރީން ކުރުން މުހިންމެވެ. ޑަކްޓަރުގެ ލަފައާއި އެކު މިކަން ކުރިއަށް ގެންދެވިދާނެއެވެ. ހެލިފެލިވެ އުޅުމާއި ދިރިއުޅުމުގެ ހަޑި އާދަތަކުން ދުރުވެ ސާފްތާހިރު އުޅުމެއް އުޅުން ވެސް މުހިންމެވެ. ރަނގަޅު ކާނަ ކައި ބަރުދަން ހިފެހެއްޓުންވެސް މުހިންމެވެ. މިކަމުގައި އެންމެ މުހިންމީ އުރަމަތީގެ ކެންސަރާއި ބެހޭގޮތުން ހޭލުންތެރި ވުމެވެ. އަމިއްލަ އަށް ގޭގައި ވެސް މިކަމުގެ އަލާމާތް ތަކަށް ފަރުވާތެރިވާން ދަސްކުރުން މުހިންމެވެ. އެކި މީހުންގެ ހަށިގަނޑު ހުންނަ ގޮތުން އެކި މީހުންނަށް އެކި ގޮތަށް މީގެ އަލާމާތްތައް ފެނިދާނެއެވެ. ނަމަވެސް އުރަމަތީގައި ގަނޑުލާފައި ހުންނަ ނަމަ، ލަސްނުކޮށް ޑަކްޓަރެއްގެ އެހީތެރިކަން ހޯދުން މުހިންމެވެ. ޑަކްޓަރަށް ދެއްކުމުގައި ލަދުގަނެ ފަސްޖެހެންވީ އެއްވެސް ސަބަބެއް ނެތެވެ.
ބަލީގެ ކުރީކޮޅު ބަލި ދެނެގަނެވިއްޖެ ނަމަ، ފަރުވާ ކުރުމުގައި ބޮޑުތަނުން ކުރި ހޯދެއެވެ. ކީމޯ ތެރަޕީ ދެވިދާނެއެވެ. ނުވަތަ އޮޕަރޭޝަނަކަށް ފަހު ކެންސަރު ސެލްތައް ނުވަތަ އެ ގުނަވަނެއް ނެގި ދާނެއެވެ. މިއީ ވެސް ޖެހިލުންވެ ފަސްޖެހެންވީ ކަމެއް ނޫނެވެ. އެހެނީ މިކަން ނުކޮށްފިނަމަ މުޅި ހަށިގަނޑަށް ކެންސަރު ފެތުރުމުގެ ފުރުސަތު ވަރަށްވެސް ބޮޑެވެ.
އުރަމަތީގެ ކެންސަރު ޖެހުމަކީ މީހާ މާޔޫސްވެ ގޮތް ހުސްވަން ވީ ވަރުގެ ކަމެއް ނޫނެވެ. ޑަކްޓަރުންގެ އިރުޝަދާއި އެކީ އަމަލުކޮށް މާތް ﷲ ގެ ހަޟްރަތަށް ގިނަ ގިނައިން ދުޢާކޮށް އުޅޭނަމަ، ދެރަގޮތެއް ނުވާނެއެވެ. ދުނިޔޭގައި އެތައް ބަޔަކު ވަނީ އުރަމަތި ކެންސަރު ޖެހި އެބަލިން ސަލާމަތް ވެފައެވެ.
