ދުނިޔޭގެ އެންމެ ބޮޑު މުސްހަފް ހަދަން ތައްޔާރުވެއްޖެއެވެ. 

މި މުސްހަފް ފަރުމާ ކުރަނީ ޕާކިސްތާނުގެ އާޓިސްޓެއް ކަމަށްވާ ޝާހިދް ރައްސާމް އެވެ. ދުބާއީ އެކްސްޕޯ 2020 ގައި މި މުސްހަފް ދައްކާލާނެ ކަމަށް ރައްސަމް ވަނީ ބުނެފައެވެ.

ދުބާއިގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ރައްސާމް ބުނީ އެތައް މިލިއަން ބަޔަކު މި މުސްހަފް ބަލަން ދާނޭ ކަމަށް ބެލެވޭ ކަމަށެވެ.

ރައްސާމުގެ ފަރުމާތަކަށާ އޭނާއަށް އެތައް އެވޯޑެއް ލިބިފައިވާއިރު، އޭނާގެ މި މަސައްކަތަށް ވެސް އެތައް ބައެއްގެ ތަރުހީބު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މި މުސްހަފް ފަރުމާކުރާނީ 200 ކިލޯ ރަނާއި 2،000 ކިލޯ އެލުމިނިއަމް ބޭނުންކޮށްގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި މުސްހަފް ފަރުމާކުރުމުގެ ޕްރޮޖެކް ނިންމާލެވޭނެ ކަމަށް ބެލެވެނީ 2025 ވަނަ އަހަރުގައި ކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ.

އިސްލާމީ ތާރީހުގައި ވެސް އެންމެ ބޮޑު ހޭދައެއް ކޮށްގެން ހަދާނޭ މުސްހަފަށް މި މުސްހަފް ވެގެންދާއިރު، މި މަސައްކަތުގައި 200 އާޓިސްޓުން ބައިވެރިވާނެއެވެ. މި މުސްހަފްގެ ބޮޑުމިނުގައި 6.5 ފޫޓު ހުންނަ އިރު އަދި ފްރޭމް ގައި 8.5 ފޫޓު ހުންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.