މިހާރު ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބަންގްލަދޭޝް އިން އިންޑިއާ މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ. މި މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ.

މި ނަތީޖާއާއެކު ބަންގްލަދޭޝް އޮތީ ކުޅުނު ދެ މެޗުން ހޯދީ ހަތަރު ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ނޭޕާލަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އެއް ޕޮއިންޓާއެކު އޮތީ އިންޑިއާ އެވެ. ހަތަރުވަނައިގައި އޮތް ދިވެހިރާއްޖެ އާއި އެންމެ ފުލުގައި އޮތް ސްރީ ލަންކާ އަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި ކުރީން ލީޑްނެގީ އިންޑިއާ އިންނެވެ. މެޗުގެ 26 ވަނަ މިނެޓުގައި އިންޑިއާ އަށް މިލަނޑުޖަހައިދިނީ ކެޕްޓަން ސުނިލް ޗެތުރީ އެވެ. މިއީ އެ ޓީމުގެ އުދަންތާ ސިންގ ގެ ހުރަހަކުން ޗެތުރީ ކާމިޔާބުކުރި ގޯލެކެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ޗެތުރީ ކާމިޔާބުކުރި 11 ވަނަ ލަނޑެވެ. އޭގެފަހުން، ބަންގްލަދޭޝް އަށް އެއްވަރުކޮށްދޭން ބިޕްލޯ އަހުމަދަށް ރަނގަޅު ދެ ފުރުޞަތެއް ލިބި ބޭކާރުވެފައިވާއިރު، އިންޑިއާގެ ލީޑް ފުޅާކޮށްދޭން ޗެތުރީ އާއި ލިސްޓަން ކޮލާސޯ ފޮނުވާލި ހަމަލާތައް ބަންގްލަދޭޝްގެ ކީޕަރު އަނީސުއްރަހުމާން ޒީކޯ މަތަކުރިއެވެ.

އިންޑިއާ އިން ދެވަނަ ހާފު ފެށީ ބަދަލަކާއެކު އެވެ. އެ ޓީމުގެ މެދުތެރޭގައި ކުޅެމުންދިޔަ އަނިރުދް ތާޕާގެ ބަދަލުގައި ބްރެންޑަން ފެނާންޑޭސް ކުޅެން ނެރުނެވެ. މި ބަދަލާއެކު އިންޑިއާގެ މެދުތެރޭގައި ހިމެނޭ ކުޅުންތެރިންގެ އެހީއާއެކު ކުރިއަށް ކުޅެމުންއަންނަ ކުޅުންތެރިންނަށް ރަނގަޅު ބޯޅަތަކެއް ފޯރުކޮށްދޭން މަސައްކަތްކުރިއެވެ. އެކަމަކު، މި ހާފުގައި ތަނަވަސްކުރި ފުރަތަމަ ހަމަލާގައި 52 ވަނަ މިނެޓުގައި ބަންގްލަދޭޝްގެ ރަކީބް ހުސެއިން އަށް ލިބުނު ފުރުޞަތެއްގައި ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ. އޭގެ ދެ މިނެޓުފަހުން، އިންޑިއާގެ ފޯވާޑްލައިންގައި ހިމެނޭ ލިސްޓަން މުޅިން ހުސްކޮށް އެރި ބޯޅައެއްގައި ބަންގްލަދޭޝްގެ ބިޝްވަނާތު ގޯޝް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ އޭނާ އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ.

ދެވަނަ ހާފުގައި އިންޑިއާގެ ލީޑް ފުޅާކުރުމަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުތަކުގައި ފުލުފުލުގައި މަންވީރް ސިންގ އާއި އުދަންތާ ފޮނުވާލި ބޯޅަތައް ބަންގްލަދޭޝްގެ ކީޕަރު އަނީސުއްރަހުމާން މަތަކުރިއެވެ. އޭގެފަހުން، މި ހާފުގައި ކުޅެން ނިކުތް އެ ޓީމުގެ ރަހީމް އަލީ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ވެސް ބަންގްލަދޭޝްގެ ކީޕަރު އަނީސުއްރަހުމާން އެވެ. 

މި މެޗުން ބަންގްލަދޭޝް އިން އެއްވަރުކުރި ލަނޑު، 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޑިފެންސްލައިންގައި މޮޅު ކުޅުމެއްދައްކަމުންއައި ޔާސީން އަރަފާތު އެވެ. ކޯނަރެއްގައި ޕެނަލްޓީއޭރިޔާތެރެއަށް ހުރަސްވީ ބޯޅަ ތޯރިޤް ކާޒީ ބޮލުން ޖައްސާލި ބޯޅަ ޔާސިން އަރަފާތަށް ލިބުމުން ވަނީ ވެއްޓިގެން އޮވެ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިފައެވެ.

މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ނޭޕާލް ނިކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 21:00 ގައެވެ.