ކުޑަކަމުދަ ތަކެއްޗަކީ އެއްވެސް މީހަކު މާ ބޮޑު ސަމާލުކަމެއް ދީގެން ބަލާ ދިރާސާ ކުރާ އެއްޗެއް ނޫނެވެ. އެހެނީ ބޭކާރު ނަޖިހަކަށް ވާތީއެވެ. ނަމަވެސް ކުޑަކަމުދާ ތަކެތި ހުންނަ ކުލައިން އިންސާނާގެ ހަށިގަނޑުގެ ހާލަތު ދެނެގަނެވިދާނެއެވެ. ނުވަތަ ވަޒަން ކުރެވިދާނެއެވެ.
ކުޑަކަމުދާ ތަކެތި ފެން ކުލައިގައި ހުންނަ ނަމަ އޭގެ މާނައަކީ ހަށިގަނޑުގައި ފުދި އިތުރުވާވަރަށް ފެން އެބަ ހުއްޓެވެ. މިއީ އެއްވެސް މައްސަލައެއް ނޫނެވެ. ނަމަވެސް މައްސަލަ އަކަށް ވާނީ ފެން ގިނައިން ނުބޮވޭ ހާލުގައިވެސް ފެން ކުލައިގައި ކުޑަކަމުދާ ތަކެތި ހުންނަ ނަމައެވެ. މިހާލަތުގައި މިއީ ފުރަމޭގެ މައްސަލައެއް ކަމަށް ޝައްކު ކުރެވިދާނެއެވެ.
ކުޑަކަމުދާ ތަކެތި މަޑު ރީނދޫ ކުލައެއްގައި ހުރުމަކީ އާންމު ކަމެކެވެ. މިއީ އަސްލު ކުޑަކަމުދާ ތަކެތީގެ ކުލައެވެ. މި މަޑު ރީނދޫ ކުލަ އަކީ ލޭގެ ތެރޭގައި ހުންނަ މަރުވެފައިވާ ލޭގެ ހަތާތައް ހަލާކުވުމުން އުފެދޭ ކުލައެކެވެ. މިއީ ކަންބޮޑުވާންވީ ކުލައެއް ނޫނެވެ.
މަޑު ރަތް ކުލައެއް ނުވަތަ ފިޔާތޮށި ފާޑު ކުލައެއްގައި ކުޑަކަމުދާ ތަކެތި ހުންނަ ނަމަ މިއީ ކަންބޮޑު ވާން ޖެހޭނެ ކަމެކެވެ. މި ކުލައިން ދޭހަވާ ކަންތައް ތަކެއް އެބަ ހުއްޓެވެ. މިފަދައިން ދިމައިވެއްޖެ ނަމަ އެއީ ޕްރޮސްޓޭޓް ގްލޭންޑު ދުޅަވުން ނުވަތަ ގުރުދާގައި ހިލަ ހުރުން ނުވަތަ މަސާނާގައި ހިލަ ހުރުން ނުވަތަ މަސާނާގެ އަނިޔާ އެއް ހުރުން ކަމަށް ޝައްކު ކުރެވޭނެއެވެ. މިއީ ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދަން ޖެހޭނެ ހާލަތެކެވެ.
އޮރެންޖު ކުލައެއްގައި ކުޑަކަމުދާ ތަކެތި ހުންނަ ނަމަ އެއިން ދޭހަވަނީ ހަށިގަނޑުން ފެން މަދު ކަމެވެ. މިއީ ސަމާލުކަން ދޭންޖެހޭނެ ހާލަތެކެވެ. ފެން ބުއިން އިތުރު ކުރަން ޖެހޭނެއެވެ. ހަށިގަނޑުން ފެން މަދުވެ، ގިނަ އިރުތަކެއް ވަންދެން ހުރެއްޖެ ނަމަ މި އޮރެންޖު ކުލަ މުށި ކުލަ އަކަށް ބަދަލުވެ ދާނެއެވެ. މިއީ ހަށިގަނޑުން ވަރަށް ބޮޑަށް ފެން މަދުވެފައިވާ ކަމުގެ އަލާމާތެކެވެ.
ކުޑަކަމުދާ ތަކެތި ފެހި ނުވަތަ ނޫ ކުލައެއްގައި ހުރުމަކީވެސް އެކަށީގެންވާ ކަމެކެވެ. އޭގެ މާނައަކީ އިންސާނާ އަށް ކެވުނު ނުވަތަ ބޮވުނު އެއްޗެއްގެ ސަބަބުން އެކަން އެހެން ހިނގާފާނެއެވެ. އެފަދަ ތަފާތު އެއްޗެއް ނުބޮވި މިކަން މިހެން ދިމާވެއްޖެ ނަމަ އެއީ ބެކްޓީރިއަލް އިންފެކްޝަނެއް ކަމަށް ބުރެވެވިދާނެއެވެ. އެހާލަތުގައި ލަސްނުކޮށް ޑަކްޓަރެއްގެ އެހީތެރިކަން ހޯދަން ވާނެއެވެ.
ކުޑަކަމުދާތަކެތި ފުސް ނުވަތަ ކިލަނބު ކުލައިގައި ހުންނަ ނަމަ އެއީ އިންފެކްޝަނެއް ނުވަތަ ގުރުދާގެ މައްސަލައެއް ކަމަށް ޝައްކު ކުރެވޭނެއެވެ. ހަމަ އެއާއި އެކު ގިނައިން ފޮނު އަރާނަމަވެސް އެއީ އިންފެކްޝަން ވަރަށް ބޮޑަށް އަށަގަތުމުގެ އަލާމާތެކެވެ. މިހާލަތުގައިވެސް ލަސްނުކޮށް ޑަކްޓަރެއްގެ އެހީތެރިކަން ހޯދަން ވާނެއެވެ.
ގަދަ ރަތް ކުލައިގަ ހުންނަ ކުޑަކަމުދާ ތަކެތި ނުވަތަ ލޭ އަންނަ ނަމަ އެއީ މަސާނާގެ ބޮޑު އަނިޔާއެއް ނުވަތަ ކުޑަކަމުދާ ހޮޅީގެ އަނިޔާއަކަށް ވެދާނެއެވެ. މިއީ ވެސް ފަރުވާ ކުޑަކުރަވޭނެ ހާލަތެއް ނޫނެވެ. ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދަން ވާނެއެވެ.
އެކި ތަފާތު ކުލަތަކަކާއި އެކުލަ ތަކުން ޝައްކު ކުރެވޭ ކަންތައް ތަކެއް ހިއްސާ ކުރެވިއްޖެއެވެ. މިއީ އަހަރެންމެ އިންސާނުންގެ ދިރި އުޅުމުގައި ދަނެ ފަރިތަ ކަންކަމަށް ވުން ވަރަށްވެސް މުހިންމެވެ.
