ގަވައިދާ ހިލާފަށް ލީބިޔާއަށް އެތެރެވެގެން އުޅޭ މީހުން އަތުލައިގަތުމަށް އެގައުމުގެ ސަރުކާރުން ފަށާފައިވާ ހަރަކާތުގެ ތެރެއިން، 4،000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ލީބިޔާ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ހިންގި ހާއްސަ ހަރަކާތްތަކެއްގައި މި މީހުން އަތުލައިގަތީ، ވަގަށް އެތެރެވާ މީހުންނާއި މަސްތުވާތަކެތީގެ ވަގުފިޔަފާރިކުރާ މީހުން ހޯދުމަށް، ވެރިރަށް ޓްރިޕޮލީގެ ހުޅަނގު އަވަށެއް ކަމަށްވާ ޖަރްޖަރޭޝްގައި ހިންގި ހާއްސަ ހަރަކާތެއްގަ އެވެ. އެ މީހުން ހައްޔަރުކޮށްފައިވަނީ، އެ މީހުންގެ އަތުގައި، އެއީ ކާކުކަން އަންގައިދޭ ރަސްމީ އެއްވެސް ލިޔުމެއް ނެތުމުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ލީބިޔާ ސަރުކާރުން ބުނާ ގޮތުގައި ޖަރްޖަރޭޝް އަކީ ވަގަށް އެތެރެވާ މީހުންނާއި ރެފިއުޖީންގެ ގޮތުގައި ލީބިޔާއަށް އެތެރެވާ ގިނަ މީހުން އުޅެމުންދާ ސަރަހައްދެކެވެ.

ލީބިޔާ ސަރުކާރުން ހައްޔަރުކުރި މީހުންގެ ތެރޭގައި 500 އަށް ވުރެ ގިނަ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން އެ މީހުންނާ މެދު އެކަށީގެންނުވާ ފަދަ ގޮތަކަށް އަމަލުކޮށްފާނެ ކަމުގެ ބިރު ވަރަށް ބޮޑަށް އެބަ އޮތް ކަމަށް ވެސް ރިޕޯޓުތަކުގައި ވެއެވެ.

އެގައުމުން ބުނި ގޮތުގައި ހައްޔަރުކުރި މީހުން މިހާރު ތިބީ، ވެރިރަށް ޓްރިޕޮލީގެ އެކި ޖަލުތަކުގަ އެވެ. އޭގެ ތެރެއިން ވީހާވެސް ގިނަ ބަޔަކު އެމީހުންގެ އަމިއްލަ ގައުމަށް ފޮނުވާލުމުގެ މަސައްކަތް އެ ގައުމުގެ އޮފިސަލުން ދަނީ ކުރަމުންނެވެ.