ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ކާޓޫން ކުރެހި ސްވިޑަންގެ ލާޒް ވިލްކްސް، ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ.

އޭނާ އަކީ ކީރިތި ރަސޫލާގެ މޫނުފުޅު ކަމަށް ބުނެ ކުއްތާއެއްގެ ހަށިގަނޑުގައި މޫނެއް ކުރަހައިގެން، އެކަލޭގެފާނަށް ފުރައްސާރަ ކުރި މީހެކެވެ. އޭނާ މި ނަޖިސް ތަސްވީރު ކުރުހާފައިވަނީ 2007 ވަނަ އަހަރުގައެވެ.

އޭގެ ފަހުން އޭނާ އަށް މަރުގެ ނުރައްކާ އެބައޮތް ކަމަށް ބުނެ ސްވިޑެންގެ ފުލުހުން އައީ އޭނާ އަށް ސަލާމަތާއި ރައްކާތެރިކަން ވެސް ދެމުންނެވެ.

ވިލްކްސް މަރުވިއިރު ވެސް އޭނާ އިނީ ފުލުހުންގެ ވެހިކަލެއްގައެވެ. އޭނާ މަރުވީ އޭނާ އިން ވެހިކަލް ގޮސް ޓްރަކެއްގައި ޖެހިގެން ހިނގި އެކްސިޑެންޓެއްގައެވެ. މިއެކްސިޑެންޓްގައި ދެފުލުހަކު ވެސް ވަނީ މަރުވެފައެވެ. ޓްރަކް ޑްރައިވަރަށް ވެސް އެކްސިޑެންޓްގައި އެކިވަރުވެ އަނިޔާވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ވިލްކްސް ރަސޫލާގެ ކާޓޫން ކުރެހި ދުވަސްވަރު އޭނާ މަރާލަން ބައެއް ހަރުކަށި ޖަމާއަތްތަކުން ވެސް މަސައްކަތް ކޮށްފައި ވެއެވެ. އަލްގައިދާ ޖަމާއަތުން ވެސް އޭރު ވަނީ ވިލްކްސް މަރާލުމަށް އެހީތެރިވެދޭ މީހަކަށް ފައިސާގެ އިނާމު ދޭނެކަމަށްވެސް އިއުލާން ކޮށްފައެވެ.

ނަމަވެސް އޭނާ މަރުވަން ދިމާވި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ބައެއް ރިޕޯޓުތަކުގައި މިއީ ގަސްތުގައި ބަޔަކު ކުރުވި އެކްސިޑެންޓެއްކަމަށް ދޭހަވާގޮތަށްވެސް ރިޕޯޓުކޮށްފައި ވެއެވެ.

ކީރިތި މާތް ރަސޫލާއަށް ކާޓޫނު ކުރުހާ ފުރައްސާރަ ކުރުމަކީ ނަޖިސް އަދި ހުތުރުކަން ބޮޑު ޢަމަލެކެވެ. މިއީ އެއްވެސް މުލިމެއްގެ ހިތަށް ކެތްވާނޭ ވަރުގެ ކަމެއް ނޫނެވެ.