އަދުލު އިންސާފު ހޯދައިދިނުމުގައި މަސައްކަތް ކުރަނީ ވެސް އިންސާނުން ކަމުން އެމީހުނަށްވެސް ގޯސް ހެދެއެވެ. ބައެއް ފަހަރު ގަސްތުގައެވެ. ބައެއް ފަހަރު ހަމަ ހަގީގަތުގައި ވެސް ހެއްކަށް ބަރޯސާވެގެން އިއްވާ ޙުކުމްތައްވެސް މައުސޫމް މީހާގެ މައްޗަށް އިއްވިފައި ހުރެއެވެ. އަދި ނުކުރާ ކުށަކަށް ބޮޑެތި އަދަބު ދެވިފައި ހުރެއެވެ. މީގެ ތެރޭގައި މަރުގެ ހުކުމްވެސް ހިމެނެއެވެ. ނަމަވެސް މިއަދު މި ބަލާލަނީ ފެންނަން ހުރި ހެކިތަކުގެ މައްޗަށް ޝަރިއަތް ހިންގާ، ހުކުމް އިއްވާ، އެތައް ދުވަހަކު އެ ހުކުމް ތަންފީޒު ކުރިފަހުން އެމީހުންގެ މައުސޫމްކަން ސާބިތުވެގެން ޖަލުން މިނިވަންވެފައިވާ ބައެއް ފަރާތްތަކަށެވެ. މިކަން ބައިނަލްއަގްވާމީ މަސްރަހުގައި އަޑުގަދަ ވެގެން ދިޔައީ، އެމެރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ މިޑްލްވެއިޓް ބޮކްސަރ އެއް ކަމަށްވާ ރުބިން ކާރޓަރގެ މައްޗަށް، 3 މީހުންގެ މެރިކަމަށް ހުކުމްކޮށް އޭނާ 20 އަހަރު ޖަލުގައި ހޭދަ ކުރިފަހުން މިނިވަންވެ ކުށުން ބަރީއަ ވެގެންވާ ކަން ސާވިތުވުމާއި ހަމައިންނެވެ.

އެމެރިކާގައި މިކަމަށް ހެދުނު ދިރާސާއަކުން ދައްކާގޮތުގައި  އެ ގައުމުގައި މަރުގެ މައްސަލަތަކުގައި ޖަލަށް ހުކުމް ކުރެވޭ ކޮންމެ 25 މީހަކުން އެކަކީ މައުސޫމް މީހެކެވެ. ބައިނަލްއަގްވާމީ ޖަމާއަތެއް ކަމަށްވާ "ދި އިނޮސެންސް ނެޓްވާރކް" އިން ވަނީ މި ފަދަ މައްސަލަތައް އަލުން ބަލަން ހުށާއަޅާ މައުސޫމް އެތައް ބަޔަކު ޖަލުން މިނިވަން ކޮށްފައެވެ. މިފަދަ އެހެން ޖަމްއިއްޔާތަކުންވެސް މިފަދަ މީހުންގެ މައްސަލަތައް ކޯޓުތަކަށް ވައްދާ އިތުރު ހެކި ހޯދުމުގައި އެހީތެރިވެދެއެވެ.

1.      ސްޓީވަން ޓްރަސްކޮޓް – ނުހައްގުން ޖަލުގައި 10 އަހަރު

1959 ވަނަ އަހަރުގެ ޖޫންމަހު ސްޓީވަންގެ އުމުރުން އެންމެ 14 ގައި އޭނާގެ މައްޗަށްވަނީ އޭނާ އާއި އެއް ކުލާހެއްގައި ކިޔަވަމުން ދިޔަ ލީން ހާރޕަރ އަށް ޖިންސީ ގޯނާކޮށް އޭނާ މަރާލިކަމަށް ހުކުމް ކޮށް ޖަލަށް ލާފައެވެ. 10 އަހަރު ޖަލުގައި ހޭދަ ކުރުމަށްފަހު ޕެރޯލްގައި މިނިވަން ވުމުން ސާޅީސް އަހަރު ވަންދެން އޭނާ މަސައްކަތް ކުރީ އޭނާގެ މައުސޫމްކަން ސާބިތުކޮށްދިނުމަށެވެ. އެންމެ ފަހުން އޭނާވަނީ މަރުވި ކުއްޖާގެ ޕޯސްޓްމޯޓަމް ރިޕޯޓް އޮޅުވާލާފައިވާކަން ސާބިތުކޮށްދީފައެވެ. އަދި އަސްލު ރިޕޯޓްގައިވާ ގަޑީގައި އެކުއްޖާ މަރުވިކަމަށްވާ ނަމަ އެމަރުގެ ފަހަތުގައި އޭނާ ނުވާނެކަން ކޯޓުންވަނީ ނިންމާފައެވެ. އަދި މިއީ އަދުލް އިންސާފުގެ ނިޒާމުގައި ޖެހުނު ބޮޑު ލަށްގަނޑެއް ކަމަށް ކޯޓުން އިޢުތިރާފް ވެ އޭނާ ނުހައްގުން ޖަލުގައި ހޭދަކުރި ދުވަސްތަކަށް ބަދަލުގެ ގޮތުގައި 6.5 މިލިއަން ކެނޭޑިއަން ޑޮލަރ 2007 ވަނަ އަހަރު ވަނީ ދީފައެވެ.

2.      ޓެމީ މަރގަރޓް – ނުހައްގުން ޖަލުގައި 14 އަހަރު

1995 ގައި ޓެމީގެ ދެ އަހަރުގެ ފިރިހެން ދަރިފުޅު މަރާލިކަމަށް ހުކުމްކޮށް އުމުރަށް ޖަލަށް ލީއިރު ޓެމީގެ އުމުރުން 23 އަހަރެވެ. ނޭވާ ހިއްލުމުގެ އިތުރުން ފިޓް ވެސް ޖެހޭ މި ކުއްޖާގެ މަރަށްފަހު އޭނާގެ ޕޯސްޓްމޯޓަމް ހެދި ޑޮކްޓަރު ވަނީ އޭނާ މަރާލާފައިވަނީ ނޭވާ ހާސްކޮށްލައިގެން މަރާލިކަމަށް ރިޕޯޓްގައި ލިޔެފައެވެ. ދަރިފުޅު މަރުވި އިރު އިތުރު މީހަކު ނެތުމުން ޓެމީގެ މައްޗަށް ހުކުމް އިއްވާ ޖަލަށް ލެވުނެވެ. 2008 ވަނަ އަހަރު އާންމުންގެ އެދުމަށް މި ޕޯސްޓްމޯޓަމް ހެދި ޑޮކްޓަރުގެ މައްސަލަ ބެލި ބެލުމުން އެނގުނީ ގުދުރަތީ މަރަކުން މަރުވި ނަމަވެސް އޭގައި އެހެންމީހެއްގެ ބައިވެރިވުން އޮތްކަމަށް ބުނެ 20 ކުއްޖެއްގެ ރިޕޯޓް ނެރެފައިވާ ކަމަށެވެ. އެހެން ކަމުން މިފަދަ މައްސަލަތަކުގައި ޖަލުގައި ތިބި ހުރިހާ މީހުން މިނިވަން ވިއެވެ. އަދި މި ޑޮކްޓަރުގެ ލައިސަންސް ބާޠިލް ކުރެވުނެވެ.

3.      ޖޯޖް އެލެން – ނުހައްގުން ޖަލުގައި 30 އަހަރު

1983 ވަނަ އަހަރު އެލެންގެ މައްޗަށް މެރީ ބެލް ކިޔާ މީހެއް މަރާލިކަމަށް ހުކުމްކޮށް 95 އަހަރަށް ޖަލަށް ލެވުނެވެ. 30 އަހަރު ޖަލުގައި ހޭދަ ކުރިފަހުން، ނުހައްގުން ޖަލަށް ހުކުމްކޮށްފައިވާ މީހުންގެ މައްސަލަތަކުގައި އެހީތެރިވާ ޖަމާއަތަކުން ވަނީ، އެލެން އަށް މަޖުބޫރުކުރުވައިގެން އޭނާގެ އިޢުތިރާފް ބަޔާން ކޯޓަށް ހޯދި ކަމަށާ، އެލެން ގެ ލެޔާއި މި މައްސަލައިގައި ބޭނުން ކުރެވުނު ޑީ.އެން.އޭ އާ ގުޅުން ނެތްކަން ސާބިތުކޮށްދީފައެވެ.

4.      ބެނީ ސްޓަރކްސް – ނުހައްގުން ޖަލުގައި 20 އަހަރު

1986 ވަނަ އަހަރު 69 އަހަރު އަންހެނަކަށް ޖިންސީ ގޯނާކޮށް އޭނާގެ ރޭޕް ކުރި މައްސައެއްގައި ހެކިވެރިޔާ ނުބައިކޮށް ހެކިބަސް ދިނުމުން ބެނީ 20 އަހަރު ޖަލުގައި ހޭދަކުރަން ޖެހުނެވެ. 2006 ވަނަ އަހަރު އޭނާގެ ޑީ.އެން.އޭ އާއި ރޭޕްގެ ޝިކާރައަކަށްވީ މީހާގެ ކުރިމަތިފަރާތުން ނެގުނު ސާމްޕަލްގައިވާ ޑީ.އެން.އޭ ދިމާ ނުވާކަމަށް ކޯޓަށް ސާބިތުކޮށް ދިނެވެ. ނަމަވެސް މި މައްސަލައިގައި އޭނާ ކުށްވެރި ނުވާކަމަށް ކޯޓުން ނިންމާ އެއްކޮށް މިނިވަންވީ 2013 ވަނަ އަހަރުއެވެ. އޭރު އޭނާގެ އުމުރުން 53 އަހަރެވެ.