ނިޔަފައްޗަކީ އިންސާގެ ހަށިގަނޑުގައި އުފެދި ބޮޑުވަމުންދާ އެއްޗެކެވެ. އަދި ހަށިގަނޑުން ވަކިވުމާއި އެކު، މާނަ އަކީ ނިޔަފަތި ދިގުވެ ރޯހަމުން ނެއްޓި ނުވަތަ ދިގުވުމުން ދިގުވާ ބައި މަރުވަމުންދާ އެއްޗެކެވެ. ހަށިގަނޑުގެ ބައެއް ކަމުން ނިޔަފައްޗަކީވެސް ސާފުތާހިރުކޮށް ބެހެއްޓުން ވަރަށްވެސް މުހިންމު ބައެކެވެ.
ނިޔަފަތީގެ ބަނޑުފުށަކީ ވަރަށް ފަސޭހައިިން ޖަރާސީމު އަށަގަންނަ ތަނެކެވެ. ހަމަ އެއާއި އެކު ނިޔަފައްޗަކީ އަހަނެމެންގެ މޫނާއި ވަރަށް ގާތް އެއްޗެކެވެ. އެހެނީ އެއީ އިންސާނާގެ އަތުގެ އިނގިލިތަކުގެ ކުރީގައިވެސް ނިޔަފަތި ހުންނާތީއެވެ. އެހެން ކަމުން އަނގަޔާއި، ލޮލާއި، ނޭފަތާއި އަދި ކަންފަތުގައި މި އިނގިލިތައް ނިޔަފައްޗާއި އެކު ބީހޭނެއެވެ. އެހެންކަމަށް ވާނަމަ ނިޔަފަތީގައި ހުންނަ ޖަރާސީމުތައް ހަށިގަނޑުގެ ތެރެއަށް ވަނުމުގެ ފުރުސަތު ވަރަަށްވެސް ބޮޑެވެ. ތުއްތު އިރުއްސުރެ ފެށިގެން އަނގަޔަށް އަތް ނުލުމަށާއި ނޭފަތަށް އިނގިލި ނުލުމަށް މައިންބަފައިން އެ ދޭ ނަސޭހަތުގެ ހިކުމަތަކީ މިއީއެވެ.
ތިބާގެ ނިޔަފަތި ސާފުކޮށް ބެހެއްޓުމަކީ ދުޅަހެޔޮ ސިއްހަތެއް އެދޭނަމަ ކުރުން ވަރަށްވެސް މުހިންމެ ކަމެކެވެ. ހަމަ އެއާއި އެކު އަހަރެމެންގެ މާތްވެގެންވާ އިސްލާމްދީނުގައިވެސް މިކަމަށް ވަރަށްބޮޑަށް ބާރު އަޅުއްވައެވެ. އެގޮތުން ނިޔަފަތި ސާފުކޮށް ބެހެއްޓުމަށް ކުރެވިދާނެ ބައެއް ކަންކަން ހިއްސާކޮށްލާނަމެވެ. މިއީ ތަސައްރަފު ފުދިފައި ހުރި އެއްވެސް މީހަކަށް އަލުން ބުނެދޭން ޖެހޭނޭ މައުލޫމާތެއް ކަމަށް ގަބޫލެއް ނުކުރަމެވެ. ނަމަވެސް ހަނދާން އައުކޮށްލުމާއި ކަމަށް ފަރިތަވެލަން އެކަންކަން ހިއްސާކޮށްލާނަމެވެ.
ސާފު ނިޔަފައްޗެއް އެދޭނަމަ އެންމެ ފުރަތަމައީ ނިޔަފަތި ކަނޑާ ކުރުކޮށް ބެހެއްޓުމެވެ. އެހެނީ ނިޔަފަތި ދިގުވުމަކީ ނިޔަފަތީގެ ބަނޑުފުށުގައި ޖަރާސީމު އަށަގަތުން ފަހިވާނޭ ކަމެކެވެ. ގިނަ ގިނައިން އަތްދޮއުމާއި އެކު އަތް ދޮންނަ ކޮންމެ ފަހަރަކު ނިޔަފަތިވެސް ރަނގަޅަށް ދޮއުން ވަރަށްވެސް މުހިންމެވެ. ނިޔަފަތި ކަނޑާ ކޮންމެ ފަހަރަކު ނިޔަފަތި ކަނޑާ ނިމިގެންވެސް ރަނގަޅަށް އަތް ދޮއުން މުހިންމެވެ. ހަމަ އެއާއިއެކު ނިޔަފަތި ކަނޑަން ގެންގުޅޭ ނިޔަފަތި ކަނޑާ ދައްޗަކީ ނިޔަފަތި ކަނޑާ ކޮންމެ ފަހަރަކު ދޮންނަން ޖެހޭނޭ އެއްޗެކެވެ. ދަގަނޑު އާލާތެއް ކަމުން ފެނުން ނުދޮއެވޭނަމަ ސެނިޓައިޒާރ ފަދަ އެއްޗަކުން ސާފުކުރުން އެއީ އެންމެ އެދެވޭ ގޮތެވެ. އަދި އެކަކު ބޭނުން ކުރާ ނިޔަފަތި ކަނޑާދައްޗެއް އެހެން މީހުން ބޭނުން ކުރުމުން ދުރުވާން ޖެހޭނެއެވެ. ކޮންމެ މީހަކަށް ދަތް އުނގުޅާ ބުރުހެއް އޮންނަ ފަދައިން ނިޔަފަތިކަނޑާ ދައްޗެއްވެސް ގެންގުޅުމަކީ މިކަމުގައި އެންމެ ރައްކާތެރިގޮތެވެ.
ބައެއް މީހުންނަކީ އެމީހުންހެ ނިޔަފަތި ދަތުން ބުރި ކުރާ ބައެކެވެ. މިފަދަ މީހުންނަށް ނިޔަފަތި ކާ މީހުންނޭ ބުނެއުޅެއެވެ. މިއީ ހަގީގަތުގައި ވަރަށްވެސް ވިޔާނުދާ އަމަލެކެވެ. އެހެނީ ދަތްތަކުން ނިޔަފަތި ބުރި ކުރާނަމަ އަނގައިގެ ތެރެއަށް ނިޔަފަތީގައި ހުންނަ ޖަރާސީމުތައް ފަސޭހަ ކަމާއި އެކު ވަދެގެން ދާނެއެވެ. ގިނަ މީހުންނަށް ނިޔަފަތި "ކެވެނީ" އެމީހުންގެ ކަށީގައި ހިފާފައި ހުންނަ އާދައެއްގެ ސަބަބުންނެވެ. މިފަދަ މީހުން މިކަމުން ސަލާމަތް ވުމަށްޓަކައި ވިސްނާލަންވީ ކަމެއް އެބަ އޮތެވެ. ފާހަނާ ކުރުމަށްފަހު ތިބާ ތާހިރުވަނީ ތިބާގެ އަތް ބޭނުން ކޮށްގެންނެވެ. އެ އަތުގެ ނިޔަފައްޗެއްގެ ބަނޑުފުށުގައި ނަޖިސް އުނގުޅިފައި ހުރެދާނެއެވެ. ސައިބޯނި ލައިގެން ދޮއުނު ނަމަވެސް އެ އިނގިލި ނުވަތަ ނިޔަފަތި ތިބާގެ އަނގައަށް ލާ ދަތުން ބުރިކުރަން ޖެހިލުންވާށެވެ. ޖަރާސީމަކީ ލޮލަށް ފެނިގެން އުޅޭ އެއްޗެއް ނޫނެވެ.
ނިޔަފަތީގެ ސާފުކަމާއި ރީތި ކަމަކީ އިންސާނާ ތަފާތު އެކި ބަލިތަކުން ރައްކާތެރިކޮށްދޭ މީހާގެ ސާފުތާހިރުކަންވެސް ރަމްޒުކޮށްދޭނޭ ކަމެކެވެ. އެހެންކަމުން ނިޔަފަތި ދިގުކުރުމުގެ އާދަ ގެންގުޅޭ ފަރާތްތަކުންނާއި ނިޔަފަތި ކާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދީ އިސްލާހުވުން ވަރަށްވެސް މުހިންމެވެ.
