ހެޑުސެޓަކީ މިހާރަކަށް އައިސް ވަރަށް ގިނަ މީހުން ބޭނުން ކުރަމުން އަންނަ ވަސީލަތެކެވެ. އެއްބަޔަކު ވާގަނޑުލީ އެއްޗެހި ގެންގުޅޭ އިރު ޒަމާން ދަސްކޮށްދީގެން ވާގަނޑު ނުލާ އެއްޗެހި ގެންގުޅޭ މީހުން މިހާރު މާ ގިނައެވެ. ނަމަވެސް މީގައި މުހިންމީ ވާގަނޑެއް ނޫނެވެ. ކަންފަތަށް ޖަހާބައެވެ.
އިންސާނާގެ ކަންފަތް އުފެދިފައި ހުންނަ ގޮތުން ކަންފަތުގެ މެދުބައި ނުވަތަ މެދު ކަންފަތަކީ އެތަނުގައި ތެތްކަމެއް ހުންނަ ހިސާބެކެވެ. މި ހިސާބުގައި "މަޑު" އުފެދިފައިވެސް ހުރެއެވެ. މި ތެތްކަމަކީ މެދު ކަންފަތުގައި ޖަރާސީމު އަށަގަތުމަށް އޮތް ވަރަށް ތަނަވަސް މަގެކެވެ. އިންސާނާއަށް އެއްވެސް އުނދަގުލެއް ނުވަތަ ބަލިކަމެއް އިހުސާސް ނުވެ ވެސް މެދުކަންފަތުގައި ޖަރާސީމު ހުރެދާނެއެވެ. ކަންފަތުގައި "މަޑު" ލާފައި ހުންނަ ނަމަ ޔަގީނުންވެސް ކަންފަތުގައި ކޮންމެވެސް ކަހަލަ ޖަރާސީމެއް ހުންނާނެއެވެ. އާންމުގޮތެއްގައި މިފަދައިން ކަންފަތުން ފެންނަ ޖަރާސީމު ތަކަކީ ސްޓެޕްޓޯ ކޯކަސް ނިއުމޯނިއާ ނަމަކަަށް ކިޔާ ޖަރާސީމެކެވެ. އަދި ހިމޮފިލަސް ނަމަކަށް ކިޔާ ވައިރަހެއްވެސް އާންމުކޮަށް މެދު ކަންފަތުން ފެނެއެވެ.
ކަންމިހެން ހުރުމާއި އެކު ކަންފަތަށް ޖަހާ ހެޑުސެޓަކީ ސާފުކޮށް ގެންގުޅެން ޖެހޭނޭ އެެއްޗެކެވެ. ކަންފަތުން ހެޑްސެޓް ނެގުމަށްފަހު ސެނިޓައިޒާ ފަދަ އެއްޗަކުން ސާފުކޮށްލުން ވަރަށްވެސް މުހިންމެވެ. އެހެނީ އޭގައި ޖަރާސީމު ހުރުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮތީމައެވެ. އެގޮތަށް ޖަރާސިމު ހުރި ހެޑުސެޓެއް ތަނެއްގައި ބާއްވައިފި ނަމަ އެ ބޭއްވޭ ތަނަކަށްވެސް ޖަރާސީމު ހިނގައިދާނެއެވެ. މިއީ ވަރަށް ފަސޭހައިން ބަލި ފެތުރުމަށް އޮތް މަގެކެވެ.
މީގެ އިތުރަށް ތިމާ ގެންގުޅޭ ހެޑުސެޓު އެހެން މީހުންނަށް ދިނުމަކީ ރައްކާތެރި ކަމެއް ނޫނެވެ. ލަވައެއް އަޑުއަހާލަން ވެގެން ހެޑުސެޓުގެ އެއްކޮޅު އެކަކުގެ ކަންފަތުން ނައްޓާލުމަށް ފަހު ކައިރީގައި ހުންނަ އެހެންމީހެއްގެ ކަންފަތަށް ޖެހޭތަން ފެނެއެވެ. މިއީ ހަގީގަތުގައި ކޮށްގެން ވާނޭ ކަނެއް ނޫނެވެ. ކަންފަތުގައި ވެސް ޖަރާސީމު ހުންނާނެއެވެ. އަހަރެމެންގެ ލޮލަށް ނުފެނުނު ނަމަވެސް އެ ޖަރާސީމު ހެޑުސެޓުގައިވެސް ހުންނާނެއެވެ. އެހެން ކަމުން މިކަމުގައި އެންމެ ރަނގަޅު ގޮތަކީ ތިބާ ގެންގުޅޭ ހެޑުސެޓު އެހެންމީހުންނަށް ނުދިނުމެވެ. ކޮންމެ މީހަކަށް ހާއްސަ ހެޑުސެޓެއް ގެންގުޅުމެވެ.
މި ލިޔުން ކިޔާލުމުން މިއީ ދެން ކޮން ކަމެންހޭ ހީވެދާނެއެވެ. އާދޭހެވެ! އެއަކު އެއްވެސް މައްސަލައެއް ނެތެވެ. އާދަވެ އަހަރެމެންނަށް ކުރެވޭ ކަމެއް މިފަދައިން ނުކުރުމަށް ބުނުމުން ގަބޫލުވެސް ނުކުރެވިދާނެއެވެ. އަޅާވެސް ނުލެވިދާނެއެވެ. ނަމަވެސް އެންމެންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަމަށް މި ވާހަކަ ހިއްސާކޮށްލީމެވެ. އުންމީދަކީ މިކަމުގެ އެދެވޭ ނަތީޖާއެއް ފެނުމެވެ.
