ލ. އިސްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފަށައިފިއެވެ.
އެމްޓީސީސީ އިން ބުނީ މި މަހުގެ 27 ގައި ފެށި މި މަސައްކަތުގައި މިހާރު ކުރިއަށްދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން 27،129 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 230 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 208 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުން ހިމެނޭ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. އަދި 98 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތާއި 1560 ސްކުއަރ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތި ޖެހުމުގެ މަސައްކަތްވެސް ހިމެނޭކަމަށް ބުންޏެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަށް 34.7 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
މި މަޝްރޫޢުއަށް އީ.އައި.އޭ ހުއްދަ ލިބިފައިވަނީ 27 މެއި 2020 ގައެވެ. އަދި މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 18 ޑިސެމްބަރ 2019 ގައެވެ.
