ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލްގައި އަމިއްލަ ދަނޑުގައި ސްޕެއިން އަތުން ބަލިވެ ޔޫރަޕްގެ ޗެމްޕިއަން އިޓަލީން ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑް ނިމުމަކަށް އަތުވެއްޖެއެވެ. މި މެޗުން ސްޕެއިން މޮޅުވީ 2-1 އިންނެވެ.
ރޭގެ މެޗާ ހަމައަށް އައިއިރު އިޓަލީން ވަނީ ބަލިނުވެ 37 މެޗު ހަމަކޮށް ދުނިޔޭގެ ރެކޯޑެއް ގާއިމްކޮށްފައެވެ. މީގެއިތުރުން، ރޭގެ މެޗަކީ 1999 ވަނަ އަހަރުގެ ފަހުން އަމިއްލަ ދަނޑުގައި ވާދަވެރި މެޗަކުން އިޓަލީ ބަލިވި ފުރަތަމަ ފަހަރެވެ.
މިލާންގެ ސެން ސީރޯގައި ރޭ ކުޅުނު މި މެޗު ފެށިގެން 17 ވަނަ މިނެޓުގައި ސްޕެއިނަށް ލީޑްނަގައިދިނީ މެންޗެސްޓާ ސިޓީގެ ވިންގާ ފެރާން ޓޮރޭޒް އެވެ. މިއީ ރެއާލް ސޮސިއެޑާޑްގެ މިކޭލް އޮޔާޒަބާލް ނަގައިދިން ހުރަހަކުން ޓޮރޭޒް ކާމިޔާބުކުރި ގޯލެކެވެ. މި މެޗުގައި އިޓަލީ އަށް މައްސަލަތައް ކުރިމަތިވީ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް އެ ޓީމުގެ ކެޕްޓަން ލިއޮނާޑޯ ބޮނޫޗީ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުންނެވެ. ބޮނޫޗީ އަށް ދެވަނަ ރީނދޫ ކާޑު ދެއްކީ ސްޕެއިނުގެ މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް ގައިގަ އުޅަނބޮށިން ޖެހީ ކަމަށް ބަލައިފައެވެ.
އިޓަލީގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި ސްޕެއިނުން ވަނީ ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ލީޑް ފުޅާކޮށްފައެވެ. ޓޮރޭޒް މި ލަނޑުޖެހީ ވެސް އޮޔާޒަބާލް ދިން ބޯޅައަކުންނެވެ.
ސްޕެއިނުން މި މެޗުގެ ފުރަތަމަ އެގާރައިގައި ފުރަތަމަ ފަހަރަށް ބާސެލޯނާގެ ޒުވާން ތަރި ޕަބްލޯ ގަވީ ހިމަނާފައިވާެއިރު، އޭނާ ވަނީ ސްޕެއިން ގައުމީ ޓީމަށް މިހާތަނަށް ރަސްމީ މެޗެއް ކުޅެދިން އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ރޭގެ މެޗުގައި ކުޅުނުއިރު ގަވީގެ އުމުރަކީ 17 އަހަރާއި 62 ދުވަހެވެ.
އިޓަލީ އަށް މި މެޗުގައި ސުން ކަނޑުވާލައިދިނީ މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް ލޮރެންޒޯ ޕެލެގްރިނީ އެވެ. މިއީ ޔުވެންޓަސްގެ ހަލުވި ވިންގާ ފެޑެރީކޯ ކިއޭސާ ދިން ބޯޅައަކުން ޕެލެގްރިނީ ކާމިޔާބުކުރި ގޯލެކެވެ.
މިފަހަރުގެ ނޭޝަންސް ލީގުގެ ފައިނަލްގައި ސްޕެއިން ބައްދަލުކުރާނީ މިރޭ ކުޅެވޭ ދެވަނަ ސެމީގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި ބެލްޖިއަމް ކުރެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. މިރޭގެ މެޗު ފަށާނީ ރާއްޖޭގަޑިން 23:45 ގައެވެ.
