މަގްބޫލު މީސް މީޑިއާގެ މަންސައެއް ކަމަށްވާ، ފޭސްބުކް މިއީ ކުޑަކުދިންނަށް ހުރި ނުރައްކަލެއް ކަމަށް އެކުންފުނީގެ ކުރީގެ ވެރިއެއް ކަމަށްވާ ފްރާންސިސް ހޯގެން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ސެނެޓްގައި ހިމެނޭ "ކޮންޒިއުމާ ޕްރޮޓެކްޝަން އެންޑް ޑޭޓާ ސެކިއުރިޓީ" އާ ބެހޭ ސަބް-ކޮމިޓީގެ ކުރިމަތީގައި ވާހަކަ ދައްކަމުން ފްރާންސިސް ހޯގެން ވިދާޅުވީ ފޭސްބުކްގެ ޕޭޖްތަކުގައި ހުންނަ ބައެއް އެއްޗެހީގެ ސަބަބުން މުޖްތަމައުތަކުގައި ފިތުނައާއި ރުޅިވެރިކަން އުފެދި އާންމުންގެ މެދުގައި ބައިބައިވުން އުފެދެމުންދާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، އާންމުންގެ އެއްބައިވަންތަކަމާއި، ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ވުރެ ބޮޑަށް ފޭސްބުކުން ސަމާލުކަންދެނީ އެ ކުންފުންޏަށް ލިބޭނެ މާލީ ފައިދާތަކަށް ކަމަަށެވެ. މި މޭރުމުން ސިފަކުރައްވާ، ހޯގެން ވަނީ 13 އަހަރުން ދަށުގެ ކުޑަކުދިން އިޝްތިހާރުތަކުގައި ބޭނުންކޮށްގެން ފޭސްބުކުން އެތަށް ބިލިޔަން ޑޮލަރެއްގެ ފައިދާ ނެގުންފަދަ އަހްލާގީގޮތުން ދަށު ދަރަޖައިގެ ކަންކަން ފޭސްބުކުން ކުރާއިރު މާކް ޒަކަބާގް ޖަވާބުދާރީ ކުރެވޭގޮތެއް އަދި އޭނާގެ މައްޗަށް ބަސް ބުނެވޭނެ ފަރާތެއްވެސް ނެތީތޯ ފްރާންސިސް ވަނީ ސުވާލު އުފައްދަވާފައެވެ.

ފޭސްބުކްގެ މައްސަލަ އެމެރިކާގެ ސެނެޓްގެ ސަމާލުކަމަށް އައީ ފޭސްބުކްގެ ޚިދުމަތް މިދިޔަ ހޯމަދުވަހު 6 ގަޑިއިރަށް މެދުކެނޑުމާ ގުޅިގެންނެވެ. ފޭސްބުކް އާ ދެކޮޅަށް މިފަދަ ވާހަކަތައް ފެންމަތިވިނަމަވެސް އެކުންފުނީގެ ވެރިޔާ މާކް ޒަކަބާގް ވަނީ އެކަމާދެކޮޅަށް ވާހަކަ ދައްކަވައި އޭނާގެ ކުންފުނި ދިފާއު ކުރައްވާފައެވެ.

ފޭސްބުކަކީ މިހާރު ވަރަށް ކުޑަކުދިންވެސް ބޭނުން ކުރަމުން އަންނަ މީސް މީޑިޔާގެ ވަސީލަތެކެވެ. އެހެންކަމުން ކޮންމެ ބެލެނިވެރިއަކުވެސް މިކަމަށް ފަރުވާތެރިވެ ސަމާލުކަން ދިނުން ވަރަށްވެސް މުހިންމެވެ. އެކުދިންނާ ނުގުޅޭ މަންޒަރާއި އަޑުތައް އެކުދިންނަށް ނީވޭނޭކަން ޔަގީންކުރުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ.