ސާފް ޗެމްޕިއަންޝިޕްގައި މިރޭ ކުޅުނު މެޗުގައި ބަންގްލަދޭޝް ބަލިކޮށް ރާއްޖޭން ފުރަތަމަ މޮޅު ހޯދައިފިއެވެ. މި މެޗުން ރާއްޖެ މޮޅުވީ 2-0 އިންނެވެ.
މި ނަތީޖާއާއެކު ރާއްޖެ އަށް ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އޮތީ ތިންވަނައިގައެވެ. ބަންގްލަދޭޝް އޮތީ ތިން މެޗުން ހޯދީ ހަތަރު ޕޮއިންޓާއެކު ދެވަނައިގައެވެ. އެންމެ ކުރީގައި އޮތް ނޭޕާލަށް ދެ މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތް އިންޑިއާ އަށް ދެ ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް ސްރީ ލަންކާ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.
ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިގެން 10 ވަނަ މިނެޓުގައި ރާއްޖެ އަށް ލީޑްނަގައިދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ހަމްޕު މިލަނޑުޖެހީ ހުސެއިން ނިހާން (ނިހާޓް) ދިން ބޯޅައަކުންނެވެ.
އޭގެފަހުން، މެޗުގެ 74 ވަނަ މިނެޓުގައި ރާއްޖޭގެ ދެވަނަ ލަނޑުޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން އަލީ އަޝްފާޤް (ދަގަނޑޭ) އެވެ. މިއީ ޕެނަލްޓީއޭރިޔާތެރެއިން ރާއްޖޭގެ ވިންގަށް ކުޅެމުންދިޔަ ނާއިޒް ހަސަން (ދާދު) އަށް ބަންގްލަދޭޝްގެ ސޮހެއިލް ރާނާ ކުރި ފައުލަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ދަގަނޑޭ ޖެހި 21 ވަނަ ލަނޑެވެ.
މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އިންޑިއާއާ ދެކޮޅަށް ސްރީ ލަންކާ ކުޅުނު މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި 0-0 އިން އެއްވަރުވެގެންނެވެ.
ރާއްޖެ އަށް ދެން އޮތީ އަންނަ އާދީއްތަ ދުވަހު ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން ހަވީރު 4 ޖަޙާއިރުއެވެ.
