ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ފަހަތުންއަރައި ބެލްޖިއަމް 3-2 އިން ބަލިކޮށް ފްރާންސުން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
މި މެޗުން ހޯދީ މޮޅާއެކު ފްރާންސުން މި މުބާރާތުގެ ފައިނަލްގައި އަންނަ އާދީއްތަ ދުވަހު ނިކުންނާނީ ސްޕެއިނާ ދެކޮޅަށެވެ. ހަމަ އެ ދުވަހު ކުޅޭ ތިންވަނަ ހޮވާ މެޗުގައި ޔޫރަޕްގެ ޗެމްޕިއަން އިޓަލީ ބައްދަލުކުރާނީ ބެލްޖިއަމްއާ އެވެ.
ޔުވެންޓަސްގެ ހޯމް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގައި ކުރީން ލީޑްނެގީ ބެލްޖިއަމުންނެވެ. ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ ޔަނިކް ފެރެއިރާ ކަރަސްކޯ އެވެ. މިއީ އެ ޓީމުގެ މިޑްފީލްޑްގެ މައިތަނބު ކަމަށްވާ ކެވިން ޑި ބްރޭނާ ދިން ބޯޅައަކުން ކަރަސްކޯ ކާމިޔާބުކުރި ގޯލެކެވެ. ބެލްޖިއަމުން މި ލަނޑުޖެހިތާ ތިން މިނެޓުގެ ތެރޭގައި އެ ޓީމުގެ ލީޑް ފުޅާކޮށްދިނީ ޗެލްސީގެ ފޯވާޑް ރޮމެލޫ ލުކާކޫ އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ޑި ބްރޭނާ އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގޮތަށް ފްރާންސުން މެޗުގެ ކޮންޓްރޯލް ވަނީ އަތުލާފައެވެ. ފްރާންސުން މި މެޗުގައި ޖެހި ފުރަތަމަ ލަނޑު، 62 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރެއާލް މެޑްރިޑާއެކު މިފަހަރުގެ ސީޒަނުގައި މޮޅު ކުޅުމެއްދައްކަމުންއަންނަ ކަރީމް ބެންޒެމާ އެވެ. ބެންޒެމާ މި ލަނޑުޖެހީ ޕީއެސްޖީގެ ޒުވާން ތަރި ކިލިއަން އެމްބާޕޭ ދިން ބޯޅައަކުންނެވެ. އޭގެ ހަތް މިނެޓުފަހުން، ފްރާންސަށް އެއްވަރުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އެމްބާޕޭ އެވެ. މިއީ ޕެނަލްޓީއޭރިޔާތެރެއިން ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އަށް ބެލްޖިއަމްގެ މިޑްފީލްޑަރު ޔޫރީ ޓީލަމެންސް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ރެފްރީ މި ޕެނަލްޓީ ދޭން ނިންމީ ވީއޭއާރް އިން ބެލުމަށްފަހު އެވެ.
އޭގެފަހުން، ބެލްޖިއަމުން ގޯލެއް ކާމިޔާބުކުރިނަމަވެސް، ވީއޭއާރްގެ އެހީ ހޯދުމަށްފަހު އެ ބޯޅަ ފޮނުވާލުމުގެ ކުރީން ލުކާކޫ އޮފްސައިޑް މަގާމެއްގައި ހުރި ކަމަށް ނިންމައި ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ. އަދި އޭގެފަހުން، ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ފޮނުވާލި ހިލޭޖެހުމެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވިއިރު، މި މެޗުން ފްރާންސަށް މޮޅު ކަށަވަރުކޮށްދިން ލަނޑު، މެޗުގެ ފުރިހަމަވަގުތުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ އޭސީ މިލާންގެ ފުލްބެކް ތިއޯ ހެނާންޑޭޒް އެވެ. އޭރިޔާބޭރުން ހެނާންޑޭޒް ފޮނުވާލި ބާރު ހަމަލާ ގޯލްގެ ތެރެއަށް ވަންއިރު އެ ބޯޅަ ހުއްޓުވުމަށް ބެލްޖިއަމްގެ ކީޕަރު ތިބައުޓް ކޯޓުއާ އަށް މާބޮޑު ކަމެއް ނުކުރެވުނެވެ.
