އިންސާނާ ކޮޅަށް ހުންނަނީ އޭނާގެ ދެފައި މައްޗަށެވެ. ހިނގަނީ ދެފަޔަށާއި ދެފައިތިލަ އަށް ބާރު ލަމުންނެވެ. ކަން މިހެން ހުރުމާއި އެކު ފައިގައި ނުވަތަ ފައިތިލައިގެ ހިސާބަކަށް ތަދުވުމަކީ ވަރަށްވެސް ވޭންހުރިކަމަކަށް ވެދާނެއެވެ. އެގޮތުން އިސްބުޑަށް ތަދުވުމަކީ ވަރަށްގިނަ މީހުންނަށް ދިމާވާ ކަމެކެވެ. ވީ ކިހިނެއް ކަމެއް ނުވަތަ އަނިޔާއެއް ވީކަން ނޭނގި މިފަދައިން އިސްބުޑުގައި ރިހި ނުވަތަ ތަދުވާތީ އެ ޝަކުވާ ކުރެވޭލެެއްވެސް މަދެއް ނޫނެވެ. އެހެންކަމުން އިސްބުޑުގަ ރިހުމާއި މިކަމުގެ މައްޗަށް ބަލައިލާ މި މައުލޫއަށް އިންސާފުކޮށްލާނަމެވެ.
އިސްބުޑުގައި ރިހިދާނެ ސަބަބުތަކެއް ހުރެއެވެ. އެހެން ނަމަވެސް މިއިން އެއް ސަބަބު ފިޔަވައި ދެން ހުރި ސަބަބު ތަކުގައި އަނިޔާއެއް ވިކަން އެނގޭނެއެވެ. އެފަދަ ކަމަކާއި ނުލާ އިސްބުޑުގައި ރިހޭ ރިހުމުގެ ސަބަބަކީ "ޕްލަންޓާ ފެސައިޓިސް" އެވެ. މިއީ ބައްޔެކެވެ. މި އީ ފައިގެ ދަށާއި އިސްބުޑުގައި ހުންނަ މަހުގެ ޓިޝޫތަކެެއް "އިންފްލޭމް" ވުމުން ދިމާވާ ކަމެކެވެ. އެހެނީ އެ ޓީޝޫތަކުގައި ހުންނަން ނުވާ ޖަރާސީމެެއް އެ ޓީޝޫތަކުގައި އަށަގަތުމެވެ. މި ކަމުގައިވެސް އަސްލު ސަބަބަކީ އެ ޓިޝޫތަކަށްވެސް ލިބޭ އަނިޔާއެކެވެ. ނަމަވެސް އެކަން އިންސާނާއަށް އިހުސާސް ނުވެ ހުރެދާއެވެ. އެ އަނިޔާ އެހެން ހުރެ ދުވަސްވުމުން އެ އަނިޔާ ލިބިފައި ހުރި ޓިޝޫތަކުގައި ޖަރާސީމު އަށަގަނެއެވެ. ނުވަތަ އިންފެކްޓު ވެއެވެ. މިކަން މިހެން ދިމާވުމުން އިސްބުޑުގައި ރިހޭގޮތް ވާނެއެވެ. އަދި ހިނގަން ފައި އަޅާ ބާރުކޮށްލުމުން އިތުރަށް ތަދު ބޮޑުވެގެން ދާނެއެވެ.
މި ކަމުގެ ސަބަބުތަކުގެ ގޮތުގައި ސިއްހީ މާހިރުން ފާހަގަ ކުރައްވަނީ ފައިގެ ގުދުރަތީ ބައްޓަމާއި ހިލާފަށް ގިނަ ވަގުތު ފައި ބެހެއްޓުމެވެ. ރާއްޖެ ބަލި ހުންނަ މީހުންނަށް މިހެން ދިމާވުމުގެ ފުރުސަތު ބޮޑު ކަމަށްވެސް އެބޭފުޅުން ފާހަގަކުރައްވައެވެ. ގިނައިރު ކޮޅަށް ހުރުމާއި ގިނަވަގުތު ހިނގުމާއި ދުވުން ވެސް ސަބަބަކަށް ވެދާނެއެވެ. ހަމަ އެއާއި އެކު އެރޭ ފައިވާނެއްގެ ސަބަބުންވެސް އިސްވެ ދެންނެވުނު ޓިޝޫތަކަށް އަނިޔާވެދާނެއެވެ. މިއީ ކުއްލިއަކަށް ލިބޭ އަނިޔާއެއް ނޫނެވެ. ގިނަ ދުވަހުން ލިބޭ އަނިޔާއެކެވެ. އެހެންކަމުން އަނިޔާއެއް ލިބޭކަން ނުވަތަ ލިބުނުކަން އިންސާނާއަށް އިހުސާސެއް ނުކުރެވޭނެއެވެ.
އިސްބުޑުގައި ރިހޭނަމަ ފައިތިލައިގެ އެކި އެކި ކަސްރަތު ކުރެވިދާނެއެވެ. ފައިތިލައިގެ ކުޑަހުޅުން އެކި ގޮތްގޮތަށް ހަރަކާތް ކުރުން ހިމެނެއެވެ. ތަނެއްގާ އިށީނދެ ނުވަތަ އޮށޯވެ އޮންނަ އިރު ފައިތިލަ އުފުލާލައިފައި ބެހެއްޓުން މުހިންމެވެ. އަރަމުން އަންނަ ފައިވާނަކީ ގިނަދުވަސްތަކެއް ވަންދެން އަރާ ފައިވާނެއް ނަމަ އެ ފައިވާން ބަދަލުކޮށްލުމަކީވެސް ކުރެވިދާނެ ކަމެކެވެ. އިސްބުޑުގައި ބޮޑަށް ރިއްސާނަމަ، ތާފަނާ ފެނުގެ ތެރެއަށް ފައި ލައިގެން އިރުކޮޅަކު މަޑުކޮށްލުމުން އެރިހޭ ރިހުމަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބޭނެއެވެ. އިސްބުޑު ދުޅަވެފައި ހުންނަ ތާފަނާ ފެނުގެ ބަދަލުގައި ފިނި ފެން ބޭނުން ކުރެވިދާނެއެވެ. މިގޮތަށް ރިހުން ހުންނަ ދުވަސްތަކުގައި ހެލިފެލިވެ އުޅުން މަދުކުރަން ވާނެއެވެ. އެހެނީ އަރާމު ކުރުމަކީ ހަށިގަނޑު "މަރާމާތު" ވުމަށް ލިބޭ ވަރަށްބޮޑު ހިތްވަރެކެވެ.
އިސްބުޑުގައި ރިހި ގިނަދުވަސްވާނަމަ ޑަކްޓަރެއްގެ އެހީތެރިކަން ހޯދުން ވަރަށް މުހިންމެވެ. ފަހަރުގައި އެއީ ޕްލަންޓާ ފެސައިޓިސް ނޫން ކަމަށްވެސް ވެދާނެއެވެ. ކަށި ނުވަތަ ކުޑަހުޅުގެ ސަބަބުން ދިމާވާ ކަމަށްވެސް ވެދާނެއެވެ. އެހެންކަމުން އެފަދަ ކަމެއްތޯ ބެލުންވެސް ވަރަށް މުހިންމެވެ. ނަމަވެސް އިސްވެ ދެންނެވިހެން އެފަދަ ކަމެއް ނަމަ އަނިޔާއެއް ލިބުނުކަން އެނގޭނެއެވެ. ކޮންމެއަކަށް ފައިގެ އިސްބުޑުގައި ރިހޭ މީހުންނަށް މި ލިޔުމުން ކޮންމެވެސް ކަހަލަ ބޭނުންތެރި މައުލޫމާތެއް ލިބުނު ކަމަށް ހީކުރަމެވެ.
