ކަރަންޓާއި ނުލާ މިޒަމާނުގައި ވަގުތުތައް ހޭދަ ކުރުމަކީ ވަރަށްވެސް ހިތްދަތި ކަމަކަށް ވާނޭކަން ޔަގީނެވެ. ލުބުނާނުގައި މިވަގުތު ވަނީ ކަރަންޓުގެ ހިދުމަތް ކެނޑިފައެވެ. ރިޕޯޓުތައް ބުނާގޮތުން ލުބުނާނުން ތެޔޮ ހުސްވެ، އެގައުމުން ކަރަންޓުގެ ހިދުމަތް މިހާރު ވަނީ ކަނޑާލައިފައެވެ.
އެގައުމުން ތެޔޮ ހުސްވުމާއި އެކީ އެގައުމުގެ އެންމެ ބޮޑު ދެ އިންޖީނު ގޭގެ މަސައްކަތް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ރިޕޯޓުތައް ބުނާގޮތުބް އެގައުމަށް ކަރަންޓުގެ ހިދުމަތް އަނބުރާ ލިބެން ދުވަސްތަކެއް ނަގާނެ ކަމަށެވެ. އެހެން ކަމުން އެންމެ އަވަސް ވެގެން ވެސް ދެން ކަރަންޓުގެ ހިދުމަތް ލިބިގެން ދާނީ އަންނަ ހޯމަ ދުވަހު ކަމަށް އެ ރިޕޯޓުތައް ބުނެއެވެ.
ލުބުނާނުން ތެޔޮ ހުސްވީ ކަރަންޓުގެ ހިދުމަތް ދިނުމަށް އެތެރެކޮށްފައިހުރި ތެޔޮ ސިޔާސީ މީހުންނާއި އިންޖީނު ގެތަކާއި ހަވާލުވެ ތިބި މީހުން ކަޅު ބާޒާރު ގައި ވިއްކާ ތެލުގެ ބޭނުން ނަހަމަ ގޮތުގައި ކުރަމުން ދަނިކޮށެވެ.
ވަގަށް ރައްކާ ކޮށްފައި ހުރި ތެޔޮ ތަކެއް ގޮވާ މިދިޔަ އޮގަސްޓް މަހު ވެސް ލުބުނާނުން 20 މީހުން މަރުވެ 79 މީހަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެގައުމުން ކަރަންޓު ކެނޑުމާއި ގުޅިގެން އެގައުމުން ބުނެފައިވަނީ އަސްކަރިއްޔާގައި ހުރި ރިޒާވް ތެޔޮ ބޭނުން ކޮށްގެން އަސާސީ ހިދުމަތްދޭ ބައެއް މަރުކަޒުތަކަށް ކަރަންޓުގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
