އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ސްރީ ލަންކާ އަތުން 1-0 އިން ރާއްޖެ މޮޅުވެއްޖެއެވެ.

މި ނަތީޖާއާއެކު ރާއްޖެ އަށް ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކު އޮތީ ދެވަނައިގައެވެ. އެއްވަނައިގައި އޮތް ނޭޕާލަށް ދެ މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. ތިންވަނައިގައި ހަތަރު ޕޮއިންޓާއެކު ބަންގްލަދޭޝް އޮތްއިރުމ ހަތަރުވަނައިގައި ދެ ޕޮއިންޓާއެކު އޮތީ އިންޑިއާ އެވެ. އެންމެ ފުލުގައި އެއް ޕޮއިންޓާއެކު އޮތް ސްރީ ލަންކާ ވަނީ މުބާރާތުން ކަޓާފައެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ ކުޅުން ފެށިތާ ހަވަނަ މިނެޓުގައި ރާއްޖޭ ޓީމަށް ކާމިޔާބުކޮށްދިނީ އަލީ އަޝްފާޤް (ދަގަނޑޭ) އެވެ. ދަގަނޑޭ މި ލަނޑުޖެހީ ހައިޝަމް ހަސަން ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ދަގަނޑޭ ޖެހި ދެވަނަ ލަނޑެވެ. މި މުބާރާތުގައި ތާރީޚުގައި ދަގަނޑޭ ޖެހި 22 ވަނަ ގޯލެވެ.

ފުރަތަމަ ހާފުގައި ރާއްޖޭގެ ލީޑް ފުޅާކުރުމަށް އިބްރާހިމް މަހުދީ ހަސަން (ފޭދޫ އިއްބެ) އާއި އަލީ ފާސިރު (ސެންޓޭ) އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ. މި ހާފުގައި ރާއްޖޭގެ އެއްވަނަ ގޯލްކީޕަރު މުހައްމަދު ފައިސަލް އަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފައެވެ. ފައިސަލްގެ ބަދަލުގައި ކުޅެން ނިކުތީ މުހައްމަދު ޝަފީއު އެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ފޭދޫ އިއްބެ އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު، ލަންކާގެ މުހައްމަދު ފަސާލް އާއި ކަވިންދު އިޝާން އަށް ލިބުނު ފުރުޞަތުތައް ވެސް ވީ ބޭކާރެވެ. މި ހާފުގައި ރާއްޖޭގެ ލީޑް ފުޅާކުރުމަށް ސެންޓޭ އަށް ލިބުނު ފުރުޞަތުގައި ހިލޭޖެހުމަކުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ.

ރާއްޖެ އަށް ދެން އޮތީ އަންނަ ބުދަ ދުވަހުގެ ރޭ އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން ރޭގަނޑު 9 ޖަހާއިރު އެވެ.

މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ނޭޕާލް ނިކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭ ގަޑިން 21:00 ގައެވެ.