ޔުއެފާ ނޭޝަންސް ލީގުގައި މިރޭ ކުޅުނު މެޗުގައި ބެލްޖިއަމް 2-1 އިން ބަލިކޮށް އިޓަލީން އެ މުބާރާތުގެ ތިންވަނަ މަގާމު ހޯދައިފިއެވެ.

އިޓަލީން މިރޭގެ މެޗަށް ނިކުތީ އެންމެ ފަހުން ސްޕެއިނާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލްގެ މެޗުގެ ފުރަތަމަ އެގާރައަށް ފަސް ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، އެ މެޗުގައި ރަތް ކާޑު ދެއްކި ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީގެ ބަދަލުގައި ފްރާންސެސްކޯ އަޗެރްބީ ހިމަނާފައިވާއިރު ސަސުއޮލޯގެ ފޯވާޑްލައިންގައި ހިމެނޭ ޖިއަކޮމޯ ރަސްޕަޑޯރީ އާއި ޑޮމެނިކޯ ބެރާޑީ އަދި މެނުއެލް ލޮކަޓެއްލީގެ އިތުރުން އޭއެސް ރޯމާގެ މިޑްފީލްޑަރު ލޮރެންޒޯ ޕެލެގްރިނީ އަށް ފުރަތަމަ އެގާރައިން ޖާގަ ދީފައިވެއެވެ.

ބެލްޖިއަމުން މި މެޗަށް ނިކުތްއިރު އަނިޔާގެ ސަބަބުން ރޮމެލޫ ލުކާކޫ އާއި އެޑެން ހަޒާޑްގެ ބަދަލުގައި އަލެކްސިސް ސައެލެމޭކާސް އަދި މިޗީ ބަޓްޝުއާޔީ އަށް ފުރަތަމަ އެގާރައިން ޖާގަ ދީފައިވާއިރު، ކެވިން ޑި ބްރޭނާ ވެސް މެޗު ފެށީ ބެންޗުންނެވެ. ޑި ބްރޭނާގެ ބަދަލުގައި ބެލްޖިއަމްގެ ފުރަތަމަ އެގާރައިގައި ހިމަނާފައިވަނީ ހަންސް ވަނާކެން އެވެ.

ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ގޯލެއް ކާމިޔާބުކުރެވިފައިނުވާއިރު، މި ހާފުގައި ބެލްޖިއަމްގެ މިޑްފީލްޑަރު ސައެލެމޭކާސް ފޮނުވާލި ބޯޅައެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވެއެވެ.

މި މެޗުގައި އިޓަލީން ލީޑްނެގީ ދެވަނަ ހާފުގެ ކުޅުން ފެށިގެން ފުރަތަމަ މިނެޓުގެ ތެރޭގައި ނިކޮލޯ ބަރެއްލާ އެވެ. މިއީ ގޯލާއި 20 ޔާޑު ދުރުން އެއްފަހަރުން ފޮނުވާލި ހަމަލާއަކުން ބަރެއްލާ ކާމިޔާބުކުރި ރީތި ގޯލެކެވެ. ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މި ދެ ޓީމު ބައްދަލުކުރި މެޗުގައި ވެސް ބަރެއްލާ ވަނީ ލަނޑުޖަހާފައެވެ. މި ހާފުގައި ބެލްޖިއަމަށް އެއްވަރުކޮށްދޭން ބަޓްޝުއާޔީ އަށް ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ދެވަނަ ހާފުގައި ކުޅެން ނިކުތް ކްލަބް ބްރޫޖްގެ ޒުވާން ތަރި ޗާލްސް ޑެ ކެޓެލޭރާ ދިން ބޯޅައަކުން ވަރަށް ހަނި އޭންގަލަކުން ބަޓްޝުއާޔީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.

އޭގެފަހުން، މެޗުގެ 65 ވަނަ މިނެޓުގައި އިޓަލީން ލީޑްފުޅާކުރީ ލިބުނު ޕެނަލްޓީއަކުން ބެރާޑީ އެވެ. މިއީ އެ ޓީމުގެ ވިންގާ ފެޑެރީކޯ ކިއޭސާ އަށް ބެލްޖިއަމްގެ ވިންގްބެކް ޓިމޮތީ ކަސްޓާނިއޭ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ދޭން ރެފްރީ ނިންމީ ވީއޭއާރް އިން ބެލުމަށްފަހު އެވެ. މިއީ މި ފަހަރުގެ ނޭޝަންސް ލީގުގައި ބެލްޖިއަމާ ދެކޮޅަށް ކުޅުނު ޓީމުތަކަށް ލިބުނު ތިންވަނަ ޕެނަލްޓީ އެވެ. މެޗު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ބެލްޖިއަމަށް ސުން ކަނޑުވާލައިދިނީ ޑެ ކެޓެލޭރާ އެވެ. މިއީ ޑި ބްރޭނާ ދިން ބޯޅައަކުން ޑެ ކެޓެލޭރާ ކާމިޔާބުކުރި ރީތި ގޯލެކެވެ. މިއީ ބެލްޖިއަމްގެ ޖާޒީގައި ޑެ ކެޓެލޭރާ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

މި މުބާރާތުގައި މިރޭ ކުޅޭ ފައިނަލް މެޗުގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސް ނިކުންނާނީ ސްޕެއިނާ ދެކޮޅަށެވެ. މިލާންގެ ސެން ސީރޯގައި ކުޅޭ މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 11:45 ގައެވެ.