ސްޕެއިން 2-1 އިން ބަލިކޮށް ފްރާންސުން، ޔުއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ފްރާންސުން މި މެޗު ކާމިޔާބުކުރީ ސްޕެއިނުން ގޯލެއް ޖަހާފައިވަނިކޮށް ފަހަތުންއަރައި ދެ ލަނޑުޖަހައި މޮޅުވެގެންނެވެ. އެ ޓީމުން ސެމީ ފައިނަލްގައި ބެލްޖިއަމް ބަލިކުރީވެސް ދެލަނޑުޖަހާފައިވަނިކޮށް ފަހަތުންއަރައި ތިން ލަނޑުޖަހައިގެންނެވެ.

މިލާންގެ ސެން ސީރޯ ގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ދެވަނަ ހާފުގައެވެ. މި މެޗުގައި ކުރީން ލީޑްނެގީ ސްޕެއިނުންނެވެ. މެޗުގެ 64 ވަނަ މިނެޓުގައި ސްޕެއިނުގެ ވިންގާ މިކޭލް އޮޔާޒަބާލް މި ލަނޑުޖެހީ އެ ޓީމުގެ ކެޕްޓަން ސާޖި ބުސްކެޓްސް ދިން ބޯޅައެއް ހިފައިގެންގޮސް ޕެނަލްޓީއޭރިޔާތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ. އޮޔާޒަބާލް މި ލަނޑުޖެހިއިރު، އޭނާ ހުއްޓުވުމަށް ފްރާންސްގެ ސެންޓްރަލް ޑިފެންޑަރު ޑަޔޮޓް އުޕަމެކާނޯ އަށް މާބޮޑު ކަމެއް ނުކުރެވުނެވެ. އުޕަމެކާނޯ ކުޅެން ނިކުތީ ފުރަތަމަ ހާފުގައި ރަފައެލް ވަރާން އަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާގެ ބަދަލުގައެވެ.

ސްޕެއިނުން ލީޑްނެގިތާ ދެ މިނެޓުފަހުން ފްރާންސަށް އެއްވަރުކޮށްދިނީ ރެއާލް މެޑްރިޑްގެ އިތުބާރު ފޯވާޑް ކަރީމް ބެންޒެމާ އެވެ. ޕެނަލްޓީއޭރިޔާ ރޮނގުކައިރިން ބެންޒެމާ ފޮނުވާލި ބޯޅަ ސްޕެއިންގެ ކީޕަރު އުނާއި ސިމޯން އަތުގައި ޖެހިފައި ވަނީ މަތީ ކަނަށެވެ.

ފްރާންސާއި ދެކޮޅަށް ސްޕެއިން ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ޔުއެފާ ޓުވިޓާ

ފްރާންސް މޮޅުވި ލަނޑު، މެޗު ނިމެން 10 މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ކިލިއަން އެމްބާޕޭ އެވެ. ތިއޯ ހެނާންޑޭޒް ހުސްކޮށްލާފާ ދިން ބޯޅައެއް ހިފައިގެންގޮސް ޕެނަލްޓީއޭރިޔާ ތެރެއަށް ވަދެ އެމްބާޕޭ ވަނީ ހަމަޖެހިލާފައި ގޯލްގެ ތެރެއަށް ފޮނުވާލައިފައެވެ. ރެފްރީ މި ލަނޑު ގަބޫލުކުރީ ވީއޭއާރްގެ އެހީ ހޯދުމަށްފަހު އެވެ.

އޭގެފަހުން، ސްޕެއިނުން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތުގެ ތެރެއިން އޮޔާޒަބާލް އާއި ޔެރެމީ ޕީނޯ ފޮނުވާލި ހަމަލާތައް ފްރާންސްގެ ކީޕަރު އަދި ކެޕްޓަން ހޫގޯ ލޮރިސް ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފައެވެ. އަދި އޭގެފަހުން، ދެވަނަ ހާފުގައި ކުޅެން ނިކުތް ޕަބްލޯ ފޯނާލްސް ފޮނުވާލި ހަމަލާ ފްރާންސްގެ ކުޅުންތެރިން ވަނީ ބްލޮކް ކޮށްފައެވެ.

ރޭގެ މެޗަކީ ފްރާންސްގެ ޖާޒީގައި އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ކުޅުނު 100 ވަނަ މެޗެވެ. އޭނާ ވަނީ ގައުމީ ޓީމަށް 41 ލަނޑުޖަހައިދީފައެވެ. މިއާއެކު، ގްރީޒްމަން އުޅެނީ ފްރާންސްގެ ތާރީޚުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުގެ ތިންވަނައިގައެވެ. ގްރީޒްމަން އަށް ވުރެ ލަނޑުލިސްޓުގެ ކުރީގައި އުޅެނީ 51 ލަނޑުޖަހާފައިވާ ކުރީގެ ފޯވާޑް ތިއެރީ އޮންރީ އާއި 46 ލަނޑުޖަހައިގެން އޮލިވިއޭ ޖިރޫ އެވެ.

މިއީ ފްރާންސްގެ މިހާރުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސްގެ އިރުޝާދުގެ ދަށުން އެ ޓީމު ކާމިޔާބުކުރި ދެވަނަ މުބާރާތެވެ. ފްރާންސުން، 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރީ ފައިނަލްގައި ކްރޮޝިއާ ބަލިކޮށްފައެވެ. އެކަމަކު، އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނޮކްއައުޓް ބުރުގައި އެ ޓީމަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހުނުއިރު، އަމިއްލަ ގައުމުގައި 2016 ވަނަ އަހަރު ބޭއްވި ޔޫރޯގެ ފައިނަލްގައި ބަލިވީ ޕޯޗުގަލް އަތުންނެވެ.