ފެނަކީ އެއީ ހަށިގަނޑުގެ ހުރިހާ ނިޒާމެއްގެ ހިނގުމަށްވެސް ފުރިހަމަކަން ގެނެސް އެ ނިޒާމެއްގެ ތަރުތީބު ހިފަހައްޓައިދޭ އެކައްޗެވެ. ފެނޭ ބުނުމުން އިންސާނުން ފޮން ބޮއެ އުޅެނީ ފެނަށް އެކި ގޮތް ގޮތް ހަދައިގެންނޭ ބުނެވިދާނެއެވެ. އެގޮތުން ފިނި ކޮށްގެންނާއި ތާފަނާ ފެން ބޯމީހުންވެސް އުޅެއެވެ. އާދައިގެ ފިނި ހޫނުމިނެއްގައި ހުންނަ ފެން ބޯ މީހުންނަކީ ނިސްބަތުން ގިނަ ބައެކެވެ. މި ލިޔުމުގައި މި ބަލައިލަނީ ތާފަނާ ފެން ބޭނުން ކުރަންވީ ސަބަބުތަކާއި ބުއިމަށް ތާފަނާ ފެން ބޭނުންކުރުމުން ލިއްބައިދޭ ބައެއް ސިއްހީ ފައިދާތަކަށެވެ.

ތާފަނާ ފެނުގައި ހުންނަ މަޑު ހޫނުގެ އާތްވަކީ އޭގެ ސަބަބުން އަރު ތެރެއާއި ނޭފަތުގައި ހުންނަ ދަވަ ނުވަތަ އަރިދަފުސްތައް، އަރު ތެރެއާއި ނޭފަތުން ވަކިވެ ބޭރުވުމަށް ފަސޭހަ ވާނެއެވެ. އަރިދަފުސް ރޯގާ ނުޖެހުނު ނަމަވެސް ނޭފަތާއި އަރުތެރޭގައި ދަވަ ހަރުލާފައި ހުރެދާނެއެވެ. މި ދަވަތައް ގިނަ ދުވަހަށް ހުންނަ ނަމަ އޭގައި ޖަރާސީމު އަށަގަތުމުގެ ފުރުސަތު ބޮޑެވެ. އެހެން ކަމުން ތާފަނާ ފެންފޮދެއް ބޮއެ އެ ދަވަތަށް ބޭރުކޮށްލުން ވަރަށްވެސް މުހިންމެވެ.

ހަޖަމުގެ ނިޒާމުގެ ގުނަވަންތަކުގެ މަސްތަކުގެ މަސައްކަތް ފުރިހަމަވުމުގައި ތާފަނާ ފެން ވަރަށް ބޮޑު ދައުރެއް އަދާ ކުރެއެވެ. އަދި މައިދާ އާއި ގޮހޮރުގެ ތެރެއިން ތާފަނާ ފެން ދައުރު ކުރާއިރު، މައިދާ އާއި ގޮހޮރުގެ ފާރުގައި ނުވަތަ މަސްތަކުގައި ހަރުލާފަ ހުންނަ ބައެއް ކާ އެއްޗެހި ނުވަތަ އެނޫންވެސް ބޭކާރު ބާވަތެއް ނަމަ، އެބައި ސާފު ކޮށްދިނުމަށް ތާފަނާ ފެން ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ. ބައެއް ސިއްހީ މާހިރުން ބުނާ ގޮތުގައި ހިކި މިރުހު ތޮށްޓަކީ މިފަދައިން ތަތްލަވާފައި ހުންނަ އެއްޗެކެވެ. ތާފަނާ ފެން ބޯ ނަމަ އެފަދައިން ތަތްލަވާފައި ހުންނަ އެފަދަ އެއްޗެހި ސާފު ވުމުގެ ފުރުސަތު ބޮޑުވެއެވެ.

ފިނި ފެން ބުއިމުން ދަތް ތަކަށާއި ބޮލަށް ޒާތެއްގެ އުނދަގޫ ކަމަކާއި ބަރު ތަދެއް އިހުސާސް ކުރަން ޖެހޭ ފަހަރު ދިމާވެއެވެ. އެއީ ހިއްސު ދެނެގަންނަ ނާރުތަކަށް އެކަމުގެ ސަބަބުން ކުރާ އަސަރެއްގެ ސަބަބުން ވާ ކަމެކެވެ. މިއީ އެ ނާރުތަކުގެ ބާރު ދަށްވުމުގެ ފުރުސަތުވެސް އޮތް ކަމެކެވެ. ނަމަވެސް އެއާއި ހިލާފަށް ތާފަނާ ފެނުގެ ސަބަބުން ހިއްސު ދެނެގަންނަ ނާރުތަކުގެ މަސައްކަތް ފުރިހަމަ ތަރުތީބުވުމަށް ވަރަށް ބޮޑު އެހީއަކަށް ވެއެވެ. މިއާއި އެކު ސިކުނޑީގެ މަސައްކަތްތަކަށް ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެން ދެއެވެ. ނަތީޖާ އަކީ ހާސްކަމާއި ނުތަނަވަސްކަމުން މީހާ ދުރުކޮށްދިނުމެވެ. ހަމަ އެއާއި އެކު ހޫނު އިހުސާސް ވުމަކީ ހަށިގަނޑުގެ ލޭ ދައުރުވުމަށް ވަރަށްބޮޑު ލުއިކަމެއް ގެނުވާނޭ ކަމެކެވެ. އެހެނީ ހޫނުގެ ސަބަބުން ލޭ ހޮޅިތަށް ފުޅާވެ އެ ހޮޅިތަކުގެ ޖާގަ ބޮޑުވެއެވެ. މިއީ ހަށިގަނޑުގެ ހުރިހާ ގުނަންތަކަކަށްވެސް ވަރަށް މުހިންމު ކަމެކެވެ. މިފަދައިން މިކަން ތަރުތީބުވާން އެދޭނަމަ، ފިނި ފެނުގެ ބަދަލުގައި ބޯންވީ ތާފަނާ ފެނެވެ.

"އެކަލޭސިއާ" އަކީ ކާތަކެތި ދަތުރުކުރާ ހޮޅިއަށް ދިމައިވާ ބައްޔެކެވެ. މިބަލީގައި ކާތަކެތި ދިރުވުމަށް އުނދަގޫވުމާއި، އޯކާއްދެމި ހޮޑު ލެވޭ ގޮތް ވެއެވެ. ސިއްހީ މާހިރުން ދެކިލައްވަ ގޮތުގައި މި ބައްޔަށް އޮތް ދާއިމީ ހައްލަކީ ތާފަނާ ފެން ބޭނުން ކުރުމެވެ. އޭގެ ސަބަބުން ކާތަކެތި ދަތުރުކުރާ ހޮޅީގެ މަސްތަކަށް ލުއިކަމެއް ލިބި ކާތަކެތި ދިރުވުމަށް ފަސޭހަ ވާނެތީއެވެ.

ތާފަނާ ފެން ބުއިމާއި އޭގެ ބައެއް ފައިދާތައް ހިއްސާކޮށްލެވިއްޖެއެވެ. ނަމަވެސް މިއީ ހަމަ އެކަނި ހާލިސް ތާފަނާ ފެނުގެ ވާހަކައެއް ނޫނެވެ. ތާފަނާ ފެނުގައި ޖޫސް ގިރައިގެން ބޮވުނު ނަމަވެސް އެއީ ތާފަނާ ފެނަށް ވާނެއެވެ. ހަމަ އެފަދައިން ތާފަނާ ކޮފީ ނުވަތަ ސައިވެސް މި ލިސްޓުގައި ހިމެނޭނެއެވެ. ތާފަނާ ފެނުގައި ތައްޔާރު ކުރާ ކޮންމެ ބުއިމަކުން މި ކަންކަން މިހެން ތަރުތީބުވުމުގެ ފުރުސަތު އޮންނާނެއެވެ.