ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގެ ކޮލިފައިންގައި ރޭ އުރުގުއޭ އަތުން އާޖެންޓީނާ 3-0 އިން މޮޅުވީ މެޗުގައި ވައްދާލި ގޯލާއެކު ދެކުނު އެމެރިކާ ސަރަހައްދުގެ ލަނޑުޖެހުމުގެ ރެކޯޑެއް ލިއޮނަލް މެސީ ގާއިމްކޮށްފިއެވެ.

އާޖެންޓީނާގެ ބިއުނަސް އޭރީޒްގައި ރޭ ކުޅުނު މި މެޗުގައި އެ ޓީމުގެ ފުރަތަމަ ލަނޑުޖަހައިދިނީ މެސީ އެވެ. މި ގޯލާއެކު މެސީ ވަނީ ގައުމީ ޓީމަށް 80 ލަނޑުޖަހައިދިން ދެކުނު އެމެރިކާގެ ގައުމަކަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މި މެޗުގައި އެ ޓީމުން ޖެހި އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ ރޮޑްރިގޯ ޑެ ޕޯލް އާއި ލޮޓާރޯ މާޓިނޭޒް އެވެ. 

ރޭގެ މެޗަށްފަހު ވާހަކަ ދައްކަމުން މެސީ ބުނީ، އުރުގުއޭއާ ދެކޮޅަށް ވަރަށް ރަނގަޅު ކުޅުމެއް ދެއްކުނު ކަމަށާއި، އެ މެޗުގައި ހުރިހާ ކަމެއްވެސް އެންމެ ބޭނުންވާ ގޮތަށް ކުރިއަށްދިޔަ ކަމަށެވެ. މެސީ އިތުރަށް ބުނީ، އެ މެޗުގައި އާޖެންޓީނާ ޓީމުން ފުރަތަމަ ގޯލް ކާމިޔާބުކުރުމާއެކު އިދިކޮޅު ޓީމުގެ ޑިފެންސްގެ ތެރެއިން ހުސް ޖާގަތައް ލިބި އިތުރު ގޯލްޖެހުމަށް ފުރުޞަތު ހުޅުވިގެންދިޔަ ކަމަށެވެ.

މި މުބާރާތުގައި ރޭ ކުޅުނު މެޗުތަކަށްފަހު ކޮލިފައިންގެ ގްރޫޕުގެ އެންމެ ކުރީގައި އަދިވެސް އުޅެނީ ބްރެޒިލް އެވެ. އެ ޓީމުން އަމިއްލަ ދަނޑުގައި ރޭ ކޮލަމްބިއާ އާ ދެކޮޅަށް ކުޅުނު މެޗުން ލަނޑެއްނުޖެހި 0-0 އިން އެއްވަރުވިއިރު، މިހާތަނަށް ކުޅުނު 10 މެޗުން ވަނީ 28 ޕޮއިންޓް ލިބިފައެވެ. އޭގެ ހަ ޕޮއިންޓް ފަހަތުން ދެވަނައިގައި އާޖެންޓީނާ އޮތްއިރު، 16 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ އެކުއޭޑޯ އެވެ. ހަތަރުވަނައިގައި އޮތް އުރުގުއޭ އަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓް ލިބިފައިވާއިރު، އެކުއޭޑޯ އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.