ދިވެހިންގެ ތެރޭގައި މަގުބޫލް ކަމެއް ހޯދަމުން އަންނަ ނެޓްފިލިކްސް ސީރީޒްއެއް ކަމުގައިވާ "ސްކުއިޑް ގޭމް"ގެ ތަރި، ޖަންގް ހޯ-ޔޮން، ދުނިޔޭގެ އެންމެ އަގުބޮޑު އެއް ފެޝަން ބްރޭންޑް، ލުއިވިތޯންގެ ގްލޯބަލް އެމްބެސެޑަރުކަން ލިބިއްޖެއެވެ.
މި ސީރީޒްއިން އާންމުންގެ މަޝްޙޫރުކަން ހޯދަމުން އަންނަ ޖަންގް ހޯ-ޔޮން އަކީ މި ސީރީޒް އިން މުނިފޫހިފިލުވުމުގެ ދާއިރާއަށް ނިކުތުމުގެ ކުރިންވެސް މޮޑެލް އެއްގެ ގޮތުގައި ރަންވޭ ތަކުގައި ހިނގާފައިއެވެ. އެ ގޮތުން އޭނާ ވަނީ ލުއިވިތޯންގެ ސްޕްރިންގް-ސަމާ 2017 ވަނަ ޝީ ގެ ރަންވޭގައި ވެސް މޮޑަލްއެއްގެ ގޮތުގައި ހަރަކާތްތެރިވެފައިއެވެ. އޭނާ ބުނާގޮތުން ލުއިވިތޯން ފަދަ ވަރުގަދަ ބްރޭންޑަކާއެކު ފުރަތަމަ ފަހަރަށް ބްރޭންޑް އެމްބެސެޑަރެއްގެ ހައިސިއްޔަތުން ފެޝަންގެ ދުނިޔެއަށް ނިކުތުމުގެ ފުރުސަތު ލިބުމަކީ ލިބުނު ބޮޑު ޝަރަފެއްކަމަށެވެ.
މި ސީރީޒްގައި ޖަންގް ހޯ-ޔޮން ފެނިގެންގޮސްފައިވަނީ ޖެހިލުން ކުޑަ ކަންކަމާއި ކުރިމަތިލާން ކެރޭ އަންހެން ކުއްޖެއް ކަމުގައިވާ ސައި-ބިއޮކް ނުވަތަ "ޕްލޭޔާ 67" ގެ ރޯލުންނެވެ. ޕްލޭޔާ 67 އަކީ ގޭމަށް ވަނުމުގެ ކުރިން މަގުމަތިންގައި ވައްކަން ކޮށްގެން އުޅޭ ޔަތީމް އަންހެން ކުއްޖެކެވެ. އެގޭމުގައި ހުށަހެޅިފައިވާ ބިޔަ ބޮޑު އިނާމު ނުލިބި ގަދަ ތިން ވަނައިގައި ހިމެނި ޕްލޭޔާ 67 މަރުވެގެން ދެއެވެ.
