ބަނގްލަދޭޝްއަށް އެރި ތޫފާން "ގުލާބް" ގައި އެގައުމުގެ ގިނަ ހިސާބުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެގޮތުން އެ ގައުމުގެ އަވަށެއް ކަމަށް ސަތުކިރާ ގެ ބޮޑު ބައެއް ވަނީ ފެނުގެ އަޑީގައެވެ. މި ހާދިސާ ހިނގައި ދިޔައީ އެ އަވަށުގެ ބައެއް ކޯރުތައް ބަންޑުން ވުމުގެ ސަބަބުންނެވެ.
އެ އަވަށުގެ އިސްކިތެއްގެ އިމާމެއް ކަމަށްވާ ހާފިޒް މުއީނުލް އިސްލާ ވަނީ އެ އަވަށުގެ ބޮޑުބައެއް ފެނުގެ އަޑީގައި އޮތްއިރުވެސް ކޮންމެ ނަމާދަކަށް ގައިދުން ބަންގިދީ ނަމާދުކޮށްފައެވެ. އޭނާ އިމާމުވެ ނަމާދު ކުރާ މިސްކިތާއި މީހުން އުޅޭ ސަރަހައްދާއި ހުންނަނީ ތަންކޮޅެއް ދުރުގައެވެ. ތޫފާނުގައި ފެން ބޮޑުވުމުގެ ސަބަބުން އޭނާ ކޮންމެ ފަހަރަކު މިސްކިތަށްދަނީ ފަތާފައެވެ.
އޭނާ ބުނާގޮތުގައި ބައެއް ފަހަރު ބައެއް މީހުންގެ ބޮއްކުރާ ގަނޑުގައިވެސް މިސްކިތައް ދާކަމަށެވެ. ބައެއް ފަހަރު ބައެއް ނަމާދުތަކުގައި ދެމީހުން ނުވަތަ ތިން މީހުންގެ ޖަމާއަތެއް ހެދޭ ކަމަށާއި ނަމަވެސް ގިނަ ނަމާދުތައް ކުރަނީ އެކަނި ކަމަށެވެ. ތަންކޮޅެއް އުސް ހިސާބެއްގައި ހުރި މި މިސްތުގެ އެއްބަޔަށް ފެނުގެ އަސަރުކޮށްފައި ވާ އިރު މިސްކިތުގެ ބޮޑުބަޔަކަށް ފެނުގެ އަސަރުކޮށްފައެއް ނުވެއެވެ.
މުއީނުލް އިސްލާމް ބުނީ ތޫފާނުގައި ފެން ބޮޑުވުމުން ފުރަތަމަ މިސްކިތަށް ނުދާ ކަމަށެވެ. ނަމަވެސް މާތް ﷲ ގެ ގެކޮޅެއް އެފަދައިން ފަޅަށް ދޫކޮށްލަން އޭނާއަށް ނުކެރުނީ ކަމަށާއި މިހާރު ގަވާއިދުން ނަމާދުތަކަށް ދާކަމަށެވެ. އަދި އެކަމުގައި ވަރުބަލިކަމެއް އިހުސާސް ނުވާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
މިހާރު އެ އަވަށުގެ ބައެއް ހިސާބުތަކުން ފެންގަނޑު ހިނދެމުން ދާއިރު ސަތުކިރާގައި އޮތް ފެންގަނޑުވެސް މިހާރު ވަރަށްބޮޑަށް ހިނދިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
އެގައުމަށް ތޫފާނު އަރާފައި ވަނީ މިދިޔަ ހަފްތާގެ ކުރީކޮޅުގައެވެ. މިހާރު ތޫފާނުގެ އަސަރު ކުޑަވެފައިވީނަމަވެސް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު އަދިވެސް ކުރަމުން ދެއެވެ.
މުއީނުލް އިސްލާމު މިސްކިތައް ފަތާފައިދާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއްވެސް މީސްމީޑިޔާގައި ވަނީ އާންމުވެފައެވެ. އަދި ގިނަ ބައެއްގެ ސަމާލުކަމާއި ތައުރީފު އޭނާއަށް ވަނީ ލިބިފައެވެ.
