ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގެ ކޮލިފައިންގައި ރޭ ނޯތު މެސެޑޯނިއާގެ މައްޗަށް 4-0 އިން ހޯދީ މޮޅާއެކު ޖަރުމަނުން އެ މުބާރާތަށް ކޮލިފައިވީ ފުރަތަމަ ޓީމުގެ ޝަރަފު ހޯދައިފިއެވެ.
މިހާތަނަށްއައިއިރު އަންނަ އަހަރުގެ ވޯލްޑް ކަޕްގެ ޖާގަ ޔަގީންވެފައި އޮތީ އެ މުބާރާތް ބާއްވާ ގައުމުކަމަށްވާ ގަތަރު އެކަންޏެވެ. ޖަރުމަނުން، ވޯލްޑް ކަޕް ޖާގަ ކަށަވަރުކުރީ ކޮލިފައިންގައި ބާކީ ދެ މެޗު ނުކުޅެ އޮއްވައެވެ.
ޖަރުމަނު ހިމެނޭ ގްރޫޕް ޖޭ ގައި މިހާތަނަށް ކުޅުނު 8 މެޗަށްފަހު އެ ޓީމަށް 21 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ރޫމޭނިއާ އަށް ލިބިފައިވަނީ 13 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ނޯތު މެސެޑޯނިއާ އަށް 12 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް އާރްމީނިއާ އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވެއެވެ.
އުތުރު މެސެޑޯނިއާގެ ފިލިޕް 2 އެރީނާގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފުގެ ކުޅުން ފެށިތާ ފަސްވަނަ މިނެޓުގައި ޖަރުމަނަށް ލީޑްނަގައިދިނީ ކާއީ ހަވާޓްޒް އެވެ. އޭގެފަހުން، މެޗުގެ 70 އާއި 73 ވަނަ މިނެޓުގައި ޗެލްސީގެ ފޯވާޑް ޓިމޯ ވާނާ އިތުރު ދެ ގޯލްޖެހިއެވެ. އެ ޓީމުގެ ފަހު ލަނޑު، މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ޖަމާލް މުސިއާލާ އެވެ.
ނެދަލެންޑްސް އިން އަމިއްލަ ދަނޑުގައި ޖިބްރޯލްޓާ ބަލިކުރީ 6-0 އިންނެވެ. މި މެޗުގައި އެ ޓީމުން ޖެހި ހަ ލަނޑުގެ ތެރެއިން ދެ ގޯލް ޖެހީ މެމްފިސް ޑިޕާއީ އެވެ. ނެދަލެންޑްސް އިން މި މެޗުގައި އަނެއް ލަނޑުތައް ޖަހައިދިނީ ވާޖިލް ވެން ޑައިކް އާއި ޑެންޒެލް ޑަމްފްރީސްގެ އިތުރުން އާނައުޓް ޑަންޖޫމާ އަދި ޑޮންޔެލް މާލެން އެވެ.
ކޮލިފައިންގައި ރޭ ކުޅުނު އިތުރު މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ސްލޮވީނިއާ އަތުން 2-1 އިން ރަޝިޔާ މޮޅުވިއިރު، ލެޓްވިއާގެ ދަނޑުގައި ތުރުކީ މޮޅުވީ ވެސް ހަމަ މިނަތީޖާއިންނެވެ. ކްރޮއޭޝިއާގެ ދަނޑުގައި ސްލޮވޭކިއާއާ 2-2 އިން އެއްވަރުވިއިރު، ވޭލްސް ވަނީ ރަށުން ބޭރުގައި 1-0 އިން އެސްޓޯނިއާ ބަލިކޮށްފައެވެ. ބެލާރުސް އަތުން 2-0 އިން ޗެކް ރިޕަބްލިކް މޮޅުވިއިރު، މޮންޓެނީގްރޯ އަތުން 2-0 އިން ހޯދީ މޮޅާއެކު ނޯވޭ އިން ވަނީ 1998 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވުމާ ގާތަށް ޖެހިލާފައެވެ.
