އަތްވަކީ ނުވަތަ އަވީގެ ހޫނަކީ ބައެއް ފަހަރު ބޮޑު ވޭނަކަށް ވެއެވެ. އަނެއްބައި ފަހަރު އެއީ ފައިދާހުރި އެއްޗަކަށް ވެއެވެ. އެގޮތުން އަތްވަކީ އިންސާނާގެ ހަށިގަނޑުގައި ވިޓަމިން ޑީ އުފައްދައިދޭ އެއްޗެކޭ ކިޔާތީ އަބަދުވެސް އަޑުއަހަމެވެ. ނަވެސް މިއީ ކިހިނެއް ތަރުތީބުވެފައިވާ ނިޒާމެއްތޯ އެނގެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައްްކިތައް މީހުންނަށްތޯއެވެ.
ވިޓަމިން ޑީ އަކީ ވަރަށް ހާއްސަ އަދި ބައެއް ފަހަރު ބައެއް މީހުންނަށް ވަރަށް ނުލިބޭ މާއްދާއަކަަށް ވެއެވެ. އެގޮތުން ޔޫރަޕާއި އިނގިރޭސި ގައުމުތަކުގެ ގާތްގަނޑަކަށް 35 - 40 އާއި ދެމެދުގެ އިންސައްތައެއްގެ މީހުންނަކީ އެމީހުންގެ ހަށިގަނޑިގައި ވިޓަމިން ޑީ މަދު މީހުންނެވެ.
އަވިން ވިޓަމިން ޑީ ލިއްބައިދެނީ ކިހިނެއް ހެއްޔެވެ؟ އިރުގެ ދޯދިތައް އިންސާނާގެ ހަށިގަނޑުގައި ބީހެއެވެ. މި ދޯދި ތަކަށް އަލްޓްރާ ވައިލެޓް ދޯދިތަކޭ ކިޔައެވެ. މީގެ ތެރެއިން އަލްޓަރާ ވައިލެޓް ބީ ނަމަކަށް ކިޔާ ދޯއްޖެއް އިންސާނާގެ ހަންގަނޑުގައި ބީހުމުން، އެ ހަންގަނޑުގައި ހުންނަ ތެލުގެ މާއްދާތަކާއި ފެޓުގެ މާއްދާތައް ހަރަކާތް ތެރިވާން ފަށައެވެ. މި ހަރަކާތްތެރި ވުމުގެ ތެރޭގައި ވިޓަމިން ޑީ މި މާއްދާ ހަންގަނޑުގައި އުފެދޭ ގޮތް މެދުވެރިވެއެވެ. އަދި ލޭ ހޮޅިތަކުގެ ޒަރިއްޔާއިން މުޅި ހަށިގަނޑަށް މި މާއްދާ ދަތުރުކުރެއެވެ.
އިރުގެ ދޯދިތަކުގައި ހުންނަ އަލްޓްރާ ވައިލެޓުގެ ތެރެއިން ބައެއް ދޯދި ތަކަކީ ގެއްލުން ބޮޑު ދޯދި ތަކެކެވެ. އެހެންކަމުން އަވީގައި މާ ގިނަ ވަގުތު އުޅުމަކީ އެއްވެސް ހާލެއްގައި އެދެވޭ ކަމެއް ނޫނެވެ. އޭގެ ސަބަބުން މީހާގެ ހަންގަނޑު އަނދައިގެން ދިއުމާއި ހަންގަނޑުގެ ކެންސަރު ޖެހުމަށްވެސް ބައެއް ހާލަތްތަކުގައި މަގުފަހިވެގެން ދެއެވެ.
ދުނިޔޭގެ އީކުއޭޓާރ އޭ މިކިޔާ ސަރައްދުގައި ހުންނަ ގައުމުތަކުގެ އަހުލުވެރީންނަށް އަވިން ވިޓަމިން ޑީ ލިބުމުގެ ފުރުސަތު ވަރަށް ބޮޑުވެއެވެ. އެއާއި ހިލާފަށް ދުނިޔޭގެ ދެ ދަނޑީގައި އުޅޭ ފަރާތްތަކަށް އެ ފުރުސަތު ކުޑަވެއެެވެ. އެހެނީ މާހައުލާއި ޖައްވުގައި އުޅޭ ތަފާތުތަކެއްގެ ސަބަބުން އަލްޓްރާ ވައިލެޓް ބީ ގެ ދޯދިތައް ދުނިޔޭގެ އީކުއޭޓާރ އަށްވުރެ ދެ ދަނޑީގައި މަދުވާތީއެވެ.
ހަމައެއާއި އެކު އިންސާނާގެ ހަމުގެ ކުލައަކީ އަވިން ލިއްބައިދޭ ވިޓަމިން ޑީ ލިބުމުގައި ބޮޑު ދައުރެއް އަދާކުރާ އެއްޗެކެވެ. ހަމުގެ ކުލަ ބަޔާންކޮށްދެނީ ހަމުގައި ހުންނަ މެލަނިން ނަމަކަށް ކިޔާ މާއްދާއަކުންނެވެ. މި މާއްދާ ގިނަ ކަމުގައި ވަނީނަމަ ހަމުގެ ކުލަ ގަދަ ވެއެވެ. ނުވަތަ ކަޅުވެއެވެ. މިއީ އިރުގެ މި ދޯދިތަކުން ހަންގަނޑު ރައްކާތެރިކޮށްދޭ ޤުދުރަތީ ހުރަހެކެވެ. އެހެން ކަމުން ހަމުގެ ކުލަ އަނދިރި ނުވަތަ ކަޅު މީހުން އަވީގައި އުޅުމުން އެމީހުންގެ ހަންގަޑުން އުފައްދައިދޭ ވިޓަމިން ޑީ ގެ މިންވަރު މަދުވާނެއެވެ. ނަމަވެސް ދޮން މީހުންގެ ހަށިގަނޑު މިއާއި ހިލަފުވާނެއެވެ. އެހެނީ އިސްވެ ދެންނެވުނުފަދައިން ދޮން މީހުންގެ ހަމުގައި ހުންނަ ޤުދުރަތީ ހުރަސް ނުވަތަ ރައްކާތެރިކުރުވާ މެލަނިން މަދުވީމައެވެ. ގިނަ ދޯދި ހަންގަނޑުގެ ތެރެއަށް ފޯރާތީއެވެ.
އިރުގެ އަވިން ހަށިގަނޑުގައި ވިޓަމިން ޑީ އުފައްދައިދޭ ގޮތަށް ކޮންމެވެސް ވަރަކަަސް ބަލާލެވިއްޖެއެވެ. ހަށިގަނޑަށް ބޭނުންވާ އަސާސީ އެއް މާއްދާކަމަށްވާ ވިޓަމިން ޑީ އިންސާނުންނަށް ލިއްބައިދިނުމުގައި މިއޮތީ ވަރަށްވެސް ފަސޭހަ ނިޒާމެކެވެ. މި ފުރިހަމަ ނިޒާމުންވެސް މާތް ﷲ އިންސާނާ ހައްދަވާފައިވާލެއް ފުރިހަމަކަށް ސާބިތުވެގެން ދެއެވެ. ކޮންމެ މީހަކީވެސް ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަރަކަށް އަވީގައި ޖެހިލާ އުޅެން ޖެހޭނޭ މީހެކެވެ.
