މިހާރު ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބަންގްލަދޭޝްއާ 1-1 އިން އެއްވަރުކޮށް ނޭޕާލުން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިއީ މި މުބާރާތުގެ ތާރީޚުގައި ނޭޕާލުން ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މީގެކުރީން، ތިން ފަހަރެއްގެ މަތީން އެ ޓީމުން ސެމީ ފައިނަލްގައި ކުޅެފައިވެއެވެ.
މި ނަތީޖާއާއެކު ނޭޕާލަށް ކުޅުނު ހަތަރު މެޗުން ލިބުނީ ހަތް ޕޮއިންޓެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި ރާއްޖެ އޮތްއިރު، އިންޑިއާ އޮތީ ފަސް ޕޮއިންޓާއެކު ތިންވަނައިގައެވެ. ބަންގްލަދޭޝް އަށް ލިބިފައިވަނީ ފަސް ޕޮއިންޓާއެކު ހަތަރުވަނަ އެވެ. އެންމެ ފުލުގައި އެއް ޕޮއިންޓާއެކު އޮތީ ސްރީ ލަންކާ އެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުގެ ނުވަވަނަ މިނެޓުގައި ބަންގްލަދޭޝް އަށް ލީޑްނަގައިދިނީ ސުމަން ރެޒާ އެވެ. އޭގެފަހުން، ފުރަތަމަ ހާފުގައި ފަހު ބައިގައި އާއި ދެވަނަ ހާފުގައި ބަންގްލަދޭޝްގެ ލީޑް އިތުރަށް ފުޅާކުރުމަށް ސުމަން ރެޒާ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ. އަދި ދެވަނަ ހާފުގައި ނޭޕާލަށް އެއްވަރުކޮށްދޭން ނަވާޔުގް ޝްރެސްތާ އާއި އަޔުޝް ގާލަން އަށް ލިބުނު ފުރުޞަތުތައްވެސް ވީ ބޭކާރެވެ.
މި މެޗުގައި ބަންގްލަދޭޝް އަށް މައްސަލަތައް ކުރިމަތިވީ 79 ވަނަ މިނެޓުގައި އެ ޓީމުގެ ގޯލްކީޕަރު އަނީސުއްރަހުމާން އަށް ސީދާ ރަތެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. އަނީސުއްރަހުމާނަށް ރަތް ކާޑު ދެއްކީ ބޯޅަ ނެތީސް ނޭޕާލްގެ އަންޖަން ބިޝްތާ އަށް ފައުލްކުރުމުންނެވެ. މިއާއެކު، އެ ޓީމުން ވަނީ ބިޕްލޯ އަހުމަދު ގެ ބަދަލުގައި ދެވަނަ ކީޕަރު އަޝްރަފުލް އިސްލާމް ކުޅެން ނެރެފައެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ބަންގްލަދޭޝްގެ ރިހޭ ފައި މައްޗަށް ފޮއެ ވެއްޓުނީ މެޗުގެ ފުރިހަމަވަގުތު ހަމަވާން ދެ މިނެޓަށްވެފައިވަނިކޮށް ނޭޕާލަށް ލިބުނު ޕެނަލްޓީއަކުން ނަތީޖާ ހަމަހަމަކުރުމުންނެވެ. މިއީ ނޭޕާލްގެ އަންޖަން ބިޝްތާ އަށް ޕެނަލްޓީއޭރިޔާތެރެއިން ބަންގްލަދޭޝްގެ ބިޝްވަނާތު ގޯޝް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ނޭޕާލަށް އެއްވަރުކޮށްދިން ޕެނަލްޓީ ކާމިޔާބުކުރީ ވެސް އަންޖަން ބިޝްތާ އެވެ.
އަންނަ ހޮނިހިރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މުބާރާތުގެ ފައިނަލްގައި ނޭޕާލް ނިކުންނާނީ ގްރޫޕް ސްޓޭޖުގައި ކުޅޭ ފަހު މެޗުގައި މިރޭ އިންޑިއާ އާ ރާއްޖެ ބައްދަލުކޮށް މޮޅުވާ ޓީމަކާ ދެކޮޅަށެވެ. މިރޭގެ މެޗު ފަށާނީ ރާއްޖޭގަޑިން 21:00 ގައެވެ.
