މިފަހަރުގެ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގެ ފައިނަލްގައި ރޭ ކޮލްކަތާ ނައިޓް ރައިޑާސް އަތުން 27 ލަނޑުން މޮޅުވެ، ޗެންނާއީ ސުޕަ ކިންގްސް ޗެމްޕިއަންކަން ހޯދައިފިއެވެ.
މިއީ މި މުބާރާތުގެ ޗެމްޕިއަންކަން ޗެންނާއީ ހޯދި ހަތަރުވަނަ ފަހަރެވެ. މީގެކުރީން، އެ ޓީމުން އައިޕީއެލް ކާމިޔާބުކުރީ 2010، 2011 އަދި 2018 ގައެވެ.
ކުރީން، މިއަހަރުގެ އޭޕްރީލް 9 އިން މެއި 2 އާ ހަމައަށް އިންޑިއާގައި މި މުބާރާތް ކުރިޔަށްދިޔަ ނަމަވެސް، 29 މެޗަށް ފަހު މުބާރާތް މެދުކަނޑާލަން ޖެހުނީ ޓީމުތަކުގެ "ބަބްލް" ތެރޭ ކޮވިޑް-19 ގެ ކޭސްތައް އިތުރުވާން ފެށުމުންނެވެ. އެއަށްފަހު އައިޕީއެލްގެ ބާކީ ހުރި މެޗުތަކުގެ ކުޅުން ދުބާއީގައި ފެށިގެން ކުރިއަށްދިޔައީ މި މަހުގެ ތެރޭގައެވެ.
ޔޫއޭއީގައި ހުންނަ ދުބާއީ އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗުގައި ފުރަތަމަ ކުޅެންއަރައި، ޗެންނާއީ އިން ވަނީ 20 އޯވަރުގެ ތެރޭގައި ތިން ވިކެޓަށް 192 ލަނޑުހެދިއެވެ. އެ ޓީމުން އެންމެ މޮޅަށް ކުޅުނީ 59 ބޯޅައިން 86 ލަނޑުހެދި ފަފް ޑު ޕްލެސިސް އެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ރޮބިން އުތައްޕާ 15 ބޯޅައިން 31 ލަނޑުހެދިއިރު، މޮއީން އަލީ ވަނީ ނުބައިނުވެ 20 ބޯޅައިން 37 ލަނޑުހަދާފައެވެ.
މި އިނިންގްސްގައި ކޮލްކަތާގެ ވެސްޓް އިންޑީޒް އުކުންތެރިޔާ ސުނީލް ނަރައިން ހަތަރު އޯވަރުގެ ތެރޭގައި 26 ލަނޑަށް ދެ ވިކެޓްނެގިއިރު، ޝިވަމް މާވީ ވިކެޓެއްނެގިއެވެ.
ކޮލްކަތާ އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 165 ލަނޑެވެ. ކޮލްކަތާ އިން އިނިންގްސް ފެށީ ރަނގަޅަށެވެ. އެގޮތުން، ފުރަތަމަ ކުޅެންއެރި ދެ ކުޅުންތެރިން ކަމަށްވާ ވެންކަޓޭޝް އިޔަރު 32 ބޯޅައިން 50 ލަނޑުހެދިއިރު، ޝުބްމަން ގިލް ވަނީ 43 ބޯޅައިން 51 ލަނޑުހަދާފައެވެ. އެކަމަކު، އެ ޓީމުގެ ފަހު 8 ވިކެޓް ގެއްލުނީ އެންމެ 34 ލަނޑަށެވެ. މި އިނިންގްސްގައި އެ ޓީމުގެ ކެޕްޓަން އޮއިން މޯގަން ނުބައިވީ ހަތަރު ލަނޑަށެވެ.
ކޮލްކަތާގެ ބެޓްސްމަނުން ނުބައިކޮށްލުމުގައި މުހިއްމު ދައުރެއް އަދާކުރީ ޗެންނާއީގެ އުކުންތެރިންކަމަށްވާ ޝަރްދުލް ތާކުރް އާއި ޖޯޝް ހޭޒަލްވުޑް އެވެ. ޝަރްދުލް 38 ލަނޑަށް ތިން ވިކެޓްނެގިއިރު، ހޭޒަލްވުޑް 29 ލަނޑަށް ދެ ވިކެޓްނެގިއެވެ.
